އުތުރު ތިލަފަޅު ޕްރޮޖެކްޓް 186 މިލިއަން ޑޮލަރަށް އިންޑިއާ ކުންފުންޏަކަށް
އުތުރު ތިލަފަޅު ޕްރޮޖެކްޓް 186 މިލިއަން ޑޮލަރަށް އިންޑިއާ ކުންފުންޏަކަށް

އުތުރު ތިލަފަޅު ޕްރޮޖެކްޓް 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގަމް އާ ހަވާލުކޮށްފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައިވާ ގޮތުން އެ ޕްރޮޖެކްޓް ހަދަން އެ ކުންފުންޏާ ހަވާލު ކުރީ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި ޕްރޮޖެކްޓް ހަވާލު ކުރި ކަމުގެ ލިޔުން ރެއިލް ވިކާސް ނިގަމް އަށް ލިބުނީ އިއްޔެ އެވެ. އެއާ އެކު ސްޓޮކް މާކެޓުގައި އެ ކުންފުނީގެ އަގު ވަނީ ހިއްސާގެ ބާޒާރުގައި ފަސް ޕަސެންޓް އުފުލިފަ އެވެ.

ވިކާސް ނިގަމް އަކީ އިންޑިއާގެ ގިނަ ރެއިލްވޭތައް ހެދުމުގެ ޕްރޮޖެކްޓްތައް ހިންގާފައިވާ ކުންފުންޏެކެވެ. އިންޑިއާގެ ސަރުކާރު ހިއްސާވާ ރެއިލް ވިކާސް ނިގަމް ކުންފުނި އުފެއްދީ 2003 ވަނަ އަހަރު އެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ކޯސްޓްގާޑަށް ހާއްސަ ޑޮކްޔާޑެއްގެ މަސައްކަތް ފެށުމަށް 2016 ގައި މަޝްވަރާކޮށް، ޑިފެންސް އެކްޝަން ޕްލޭނެއްގައި އެކުލަވައިލާފައިވެ އެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގައި އޭރުގެ ޑިފެންސް މިނިސްޓަރު އިންޑިޔާ އަށް ކުރެއްވި ދަތުރެއްގައި އުތުރު ތިލަފަޅު ތަރައްގީ ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ފަހުން ރާއްޖެ އަށް ޒިޔާރަތް ކުރި އެކުވެރި އެހެން ގައުމުތަކާއި އެ ގައުމުތަކުގެ ކުންފުނިތަކާ އެކު ވެސް އުތުރު ތިލަފަޅު ތަރައްގީ ކޮށްދިނުމަށްޓަކައި ޑިފެންސް އިން ވަނީ މަޝްވަރާތައް ކޮށްފަ އެވެ.

އުތުރު ތިލަފަޅު ޕްރޮޖެކްޓު އިންޑިއާ ކުންފުންޏަކާ ހަވާލު ކުރި މިއީ އިދިކޮޅު ފަރާތްތަކުގެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ ކަމެކެވެ.