ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ބްލިންޑް އަޔެކްސް ދޫކޮށްލައިފި
ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ބްލިންޑް އަޔެކްސް ދޫކޮށްލައިފި

އެމްސްޓެޑަމް (ޑިސެމްބަރު 28) - ނެދަލެންޑްސްގެ އަޔެކްސް އަށް ކުޅޭ ފުލްބެކް ޑެލީ ބްލިންޑް އޭނާގެ ކޮންޓްރެކްޓް ހަމަވުމުގެ ހަ މަސް ކުރިން ކްލަބް ދޫކޮށްލައިފި އެވެ.

އަޔެކްސް އިން ވަނީ ބްލިންޑް، 32، އާއެކު ކޮންޓްރެކްޓް އުވާލަން އެއްބަސް ވެފައިވާކަން އިއްޔެ ހާމަކޮށްފަ އެވެ.

"އަހަރެން އުއްމީދު ކުރަން އޭނާގެ ކާމިޔާބު ކެރިއަރު ނިންމާލަން އެހެން ކްލަބެއް ހޯދޭނެ ކަމަށް. ދަނޑުގައި ސަޕޯޓަރުންނަށް އަލްވަދާއު ކިޔަން ޑެލީ [ބްލިންޑް] އާއެކު، މެޗެއް ވާނީ ހަމަޖައްސައިފައި،" އަޔެކްސްގެ ޗީފް އެގްޒެކެޓިވް އެޑްވިން ވެން ޑަ ސާ ބުންޏެވެ.

އުމުރުން އަށް އަހަރުގައި އަޔެކްސްގެ އެކަޑަމީ އާ ގުޅުމަށް ފަހު، 2008 ގައި އެޓީމާ އެކު ސީނިއާ ކެރިއަރު ފެށި ބްލިންޑް ވަނީ ދެ ފަހަރު މަތިން އެޓީމަށް 333 މެޗު ކުޅެދީފަ އެވެ.

އަޔެކްސް އާއެކު ބްލިންޑް ވަނީ ހަތް ފަހަރު ނެދަލެންޑްސްގެ ލީގު ކާމިޔާބު ކޮށްފަ އެވެ. އެންމެ ފުރަތަމަ ލީގު ހޯދީ 2011 ވަނަ އަހަރެވެ. އޭގެ ފަހުން 2014/2015 ސީޒަންގެ މެދުތެރޭން އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާންދެން އޭނާ ވަނީ އަޔެކްސް އަށް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ޔުނައިޓެޑާ އެކު ބްލިންޑް ކުޅުނު ހަތަރު ސީޒަން ގައި އޭނާ ވަނީ ކޮމިއުނިޓީ ޝީލްޑާއި އެފްއޭ ކަޕް އަދި ލީގު ކަޕުގެ އިތުރުން ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. އޭނާ ޔުނައިޓެޑާ އެކު ކުޅުނު ހަތަރު ސީޒަން ގައި ވެސް އަޔެކްސް އަށް ނެދަލެންޑްސް ލީގު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް 2018/2019 ސީޒަން ގައި އެނބުރި އަޔެކްސް އަށް ބަދަލުވެ، މިދިޔަ ސީޒަނާ ހަމައަށް އޭނާ ވަނީ ހުރިހާ ސީޒަނެއް ގައި ވެސް އަޔެކްސް އަށް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މި ސީޒަން ގައި ވޯލްޑް ކަޕަށް ލީގު މެދުކަނޑާލުމުގެ ކުރިން ބްލިންޑް ވަނީ އަޔެކްސް އިން ލީގުގައި ކުޅުނު އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗެއް ކުޅެފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕް ގެ ކުއާޓާ ފައިނަލަށް ދިޔަ ނެދަލެންޑްސް ޓީމުގައި ވެސް އޭނާ ވަނީ ހުރިހާ މެޗެއްގައި ކުޅެފަ އެވެ. އަދި ގަދަ 16 ގައި އެމެރިކާއާ ދެކޮޅަށް އޭނާ ވަނީ ގޯލެއް ވެސް ޖަހައިފަ އެވެ.

ބްލިންޑް ހޯދަން ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕް އާއި ސްޕެއިންގެ ރެއާލް ސޮސިއެޑާޑުން މަސައްކަތް ކުރާކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.