ފޮރެސްޓް ބަލިކުރުމަށް ފަހު ޓެން ހަގްގެ ތައުރީފް ކަސެމީރޯ އަށް
ފޮރެސްޓް ބަލިކުރުމަށް ފަހު ޓެން ހަގްގެ ތައުރީފް ކަސެމީރޯ އަށް

މެންޗެސްޓާ (ޑިސެމްބަރު 28) - ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅެ 3-0 އިން މޮޅުވި މެޗަށް ފަހު ކޯޗު އެރިކް ޓެން ހަގް، އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފި އެވެ.

ޔުނައިޓެޑުން ރޭގެ މެޗުގެ 19 ވަނަ މިނިޓުގައި ލީޑު ނެގީ ކްރިސްޓިއަން އެރިކްސަން ދިން ޕާހަކުން މާކަސް ރަޝްފޯޑް ޖެހި ގޯލުންނެވެ. އަދި ރަޝްފޯޑުގެ ޕާހަކުން އޭގެ ތިން މިނިޓު ފަހުން ޔުނައިޓެޑްގެ ލީޑު ފުޅާ ކޮށްދިނީ އެންޓޮނީ މާޝިއަލް އެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ފޮރެސްޓުން ލަނޑެއް ޖެހި އެވެ. ނަމަވެސް ވީއޭއާރް ބެލުމަށް ފަހު އެ ގޯލު ބަލައެއް ނުގަނެ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ޖަހައިދިނީ ބްރެޒިލް މިޑްފީލްޑަރު ފްރެޑް އެވެ. އޭނާ މި ލަނޑު ޖެހީ ކަސެމީރޯ، ފޮރެސްޓް ކުޅުންތެރިން އަތުން ބޯޅަ ހޯދައިފައި ތަނަވަސްކުރި ފުރުސަތަކުންނެވެ. މިއީ ބްރެޒިލްގެ ދެ ކުޅުންތެރިން ހިއްސާ ވެގެން ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.

މެޗަށް ފަހު ކޯޗު ޓެން ހަގް ބުނީ، ކަސެމީރޯ ޓީމަށް ގެނައުމަކީ އޭނާ ޔުނައިޓެޑްގައި ނިންމި އެންމެ ރަނގަޅު އެއް ނިންމުން ކަމަށެވެ.

"އަހަރެމެން ޓީމަށް ނަމްބާ-ސިކްސް އެއް ބޭނުންވި. އެއީ ސީޒަން ފެށުމުގެ ކުރިން އަހަރެންގެ ޓީމުން ކުރި އެނާލިސިސް ތަކުން ފާހަގަވި ކަމެއް. އަހަރެމެންނަށް ލިބިފައި މިހުރީ އެންމެ ފުރިހަމަ ކުޅުންތެރިޔާ. އޭނާއާ މެދު އަހަރެމެން ވަރަށް އުފާވޭ،" ޓެން ހަގް ބުންޏެވެ.

"އޭނާ ކުޅުމުގެ ހުނަރުގެ އިތުރުން ލީޑަޝިޕް ވެސް ދައްކުވައިދޭ. އޭނާ އަހަރެންގެ ޓީމު އެއްބައިވަންތަ ކޮށްދޭ، އަދި އަހަރެމެން ކުޅޭ ފުޓުބޯޅައިގައި ވެސް އޭނާ އަކީ އެހާ މުހިއްމު ކުޅުންތެރިއެއް. ބޯޅަ ހޯދައި، ރަނގަޅު ކުޅުންތެރިޔާ އަށް ޕާސް ޖަހާ. ތިން ވަނަ ގޯލު ބަލާލުމުން އެކަން ފެންނާނެ."

ރޭގެ މޮޅާ އެެކު، ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވަނީ އެއް މެޗު މަދުން ކުޅެގެން، ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ޕޮއިންޓަކާ ގާތްކޮށްފަ އެވެ. ޔުނައިޓެޑް ވަނީ 15 މެޗުން 29 ޕޮއިންޓް ހޯދައިފަ އެވެ. މި ހަފްތާ މޮޅެއް ނުހޯދުނު ޓޮޓެންހަމް ހަތަރު ވަނައިގައި އޮތީ 16 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ.