ޔާމީންގެ ހަނު ހުރުން ވެސް މިފަހަރު ޔާމީނާ ދެކޮޅަށް!
ޔާމީންގެ ހަނު ހުރުން ވެސް މިފަހަރު ޔާމީނާ ދެކޮޅަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ކުރެވުނު ހިސާބުން ފެށިގެން އެމަނިކުފާނުގެ މައިގަނޑު އެއް ދިފާއުއަކީ އެމަނިކުފާނަށް ލިބިވަޑައިގަތް އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށާއި އެއީ ރިޝްވަތެއް ނޫން ކަމެވެ.

ޔާމީންގެ ހަނު ހުރުން ވެސް މިފަހަރު ޔާމީނާ ދެކޮޅަށް!
ޔާމީންގެ ހަނު ހުރުން ވެސް މިފަހަރު ޔާމީނާ ދެކޮޅަށް!

އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތުކުރަން އެމަނިކުފާނުގެ ފަރާތުން ހެކިތައް ވެސް ހުށަހެޅުއްވި އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ހެއްކަކަށް ބުރަދަން ނުދެވި، ކުށް ސާބިތުވެ އަދި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައީ އެވެ.

އެންމެ ބޮޑު އެއް ސަބަބަކަށްވީ ހުކުމުގައިވާ ގޮތުން ޔާމީން ހަނު ހުންނެވުމެވެ. އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ވިދާޅުވެ، އޭގެ ހެއްކެއް ތަހުގީގު މަރުހަލާގައި ހުށައެއްނާޅުއްވަ އެވެ. ހަނު ހުރުމަކީ ހައްގެއް ކަމުގައި ވިޔަސް، މިފަހަރު އެ ހައްގު ވެގެން ދިޔައީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވުނު އެއްޗަކަށެވެ.

ޔޫސުފް ނައީމްގެ އަތުން ލިބިވަޑައިގަތް އެއް މިލިއަން ޑޮލަރަކީ އެމަނިކުފާނު ހިންގެވި ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށާއި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ނަގުދު ފައިސާއިން އެމަނިކުފާނުގެ ފަރާތުން ޔޫސުފް ނައީމާ ހަވާލުކުރި ކަމުގެ ދިފާއު އެމަނިކުފާނުގެ ފަރާތްޕުޅުން ނެންގެވީ ކޯޓުގަ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި އެމަނިކުފާނާ ދެކޮޅަށް ކޯޓުން ފާހަގަކުރި އެއް ކަމަކީ އެއީ އެވެ.

ހުކުމުގައިވާ ގޮތުން ހަނު ހުރުމުގެ ހައްގު ތުހުމަތު ކުރެވޭ މީހާއަށް އޮތަސް، ތަހުގީގުގައި ދޭ މައުލޫމާތަކީ އެ މީހަކާ އެއްކޮޅަށް ބޭނުން ކުރެވޭނެ މައުލޫމާތެއްނަމަ ގާނޫނު އޮންނަ ގޮތުން ހަނެއް ނުހުރެވޭނެ އެވެ. އޭގެ ބޭނުމަކީ ކޯޓުގައި ފަހުން އެ ދިފާއު ނަގައިފިނަމަ، އެއާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ނުދިނުމެވެ.

ހުކުމުގައިވާ ގޮތުން ކުށެއް ނުކުރާ މީހެއް ނަމަ، އާންމު އުސޫލުން އެ މީހަކާ އެއްކޮޅަށް ހުރި ހެކިތައް ތަހުގީގުގައި ހާމަކުރާނެ އެވެ. އެހެންވެ، ހަގީގަތުގައި ވެސް ޔާމީން ހިންގެވީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ނަމަ، ތަހުގީގުގައި އެކަން ފާހަގަ ނުކޮށް ހުރެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހުކުމުގައިވެ އެވެ.

"ޖިނާއީ ބޮޑު ތުހުމަތަކުން ދިފާއުވާނެ ސާބިތު ހެކި އަތުގައި ހުރެ، އެ ހެކި ހާމަނުކޮށް ހަނު ހުންނާނެ ސަބަބުވެރި އެއްވެސް އިންސާނެއް ހުރެދާނެ ކަމަށް ސަލާމަތް ބުއްދި ގަބޫލެއް ނުކުރޭ،" އިސް ގާޒީ އަހުމަދު ޝަކީލް އިއްވެވި އެ ހުކުމުގައިވެ އެވެ.

އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ދިވެހި ރުފިޔާ ޔޫސުފް ނައީމާ ނަގުދު ފައިސާއިން ހަވާލުކުރި ކަމަށް ބުނެ ދެ މީހެއްގެ ހެކިބަހާއި އަދި އެ ފައިސާ ލިބުނު ކަމަށް ޔޫސުފް ނައީމް ސޮއިކުރި ލިޔުމެއް ވެސް ޔާމީންގެ ފަރާތުން ހުށަހެޅި އެވެ.

އެހެން ނަމަވެސް މިއިން އެއްވެސް ހެއްކެއްގެ ބަހަށް ބުރަދަން ދޭން ކޯޓުން ނިންމުމުގައި އަނެއްކާވެސް ކޯޓުން ފާހަގަކުރި އެއް ކަމަކީ ޔާމީންގެ ހަނު ހުންނެވުމާއި ޑޮލަރުގެ އެއްވެސް މުއާމަލާތެއް ހިންގިކަން ތަހުގީގުގައި ވިދާޅުވެފައި ނެތުމެވެ. އަދި ދިފާއީ ހެކިވެރިންގެ ބަހުގައި ބުއްދި ގަބޫލުކުރަން އުނދަގޫ ބައެއް ވާހަކަތައް ހުރުމާއި ސުވާލު އުފެދޭ ކަންކަން ހުރުމަކީ އަނެއް ސަބަބެވެ. އެހެންވެ، ކޯޓުން ނިންމާފައިވަނީ ޔާމީންގެ ދިފާއީ ހެކިންނަކީ އުފައްދާފައިވާ ދޮގު ހެކިންތަކެއް ކަމަށެވެ.

"މިއީ ހަގީގަތުގައި ވެސް ހިނގި މުއާމަލާތެއް ނަމަ، އަބްދުﷲ ޔާމީން އަބްދުލްގަައްޔޫމާއި ޔޫސުފް ނައީމާ ދެ މީހުން ވެސް މި ހެކިތައް ތަހުގީގު މަރުހަލާގައި ހާމަކުރާނެ." ހުކުމުގައިވެ އެވެ.

ހަނު ހުރުމަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގަކަށް ވާތީ އެ ހައްގު ބޭނުން ކުރުމަކީ ކުށެއް ކުރިކަމުގެ ހެއްކެއް ނޫނެވެ. ޔާމީން ވެސް އެކަން ކުރެއްވީ އެގޮތަށް ދެކިވަޑައިގެން ކަމަށް ބެލެވެ އެވެ. އެކަމަކު ހުކުމުގައިވާ ގޮތުން މަތީ ކޯޓުތަކުގެ ނިންމުންތައް ހުރީ އެ މީހަކާ ދެކޮޅަށް ބޭނުންކުރެވިދާނެ ގޮތަށެވެ.

ހުކުމުގައިވާ ގޮތުން ތަހުގީގުގައި ހަނު ހުރުމުގެ ނަތީޖާއަކީ އެ މީހަކާ ދެކޮޅަށް ހުރި ހެކިތަކުގެ މައްޗަށް އިތުރު ބާރެއް ނުވަތަ ބުރަދަނެއް ދެވުމެވެ. މިގޮތަށް މިދިޔަ އޮގަސްޓް މަހު ވެސް ހައި ކޯޓުން ޖިނާއީ މައްސަލައެއްގައި ކަނޑައަޅާފައިވާ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

"މިއީ ގާނޫނު އަސާސީގައި ބުނާ ހަނު ހުރުމުގެ ހައްގު ހަނިކުރެވޭ ހަނި ކުރެވުމެއް ނޫން. ނަމަވެސް ތަހުގީގުން ހޯދި ހެކިތަކަށް ބަލައި، އެ ހެކިތަކަށް އެ ހެކިތައް ނަފީ ނުކުރުމުގެ ސަބަބުން އެ ހެކިތަކުގެ ސައްހަކަމުގެ މައްޗަށް ބުރަދަން ދޭންޖެހޭ އުސޫލު." ހުކުމުގައިވެ އެވެ.

"ވާހަކަ ނުދައްކާ ހުރި މީހަކަށް އެއްވެސް ވާހަކައެއް ނިސްބަތް ނުކުރެވޭނެ އެވެ. ނަމަވެސް އިތުރު ބަޔާނަކަށް ބޭނުންވާ ތަނެއްގައި ވާހަކަ ނުދައްކާ ހުރުން އެއީ ބަޔާނެއް ކަމުގައި ބެލެވޭނެ އެވެ." މިފަދަ ފިގްހީ ގާއިދާއެއް ހުކުމުގައި ފާހަގަކުރި އެވެ.

ސިޔާސީ ކަންކަމަށް ލިބުނު ފައިސާއެއް ކަމަށް ޔާމީންގެ ފަރާތުން ބޭންކަށް އަންގާފައިވާތީ، ކޯޓުން ދެން ރިއާޔަތްކުރީ ޔާމީންގެ މާލީ ބަޔާނާއި ޕީޕީއެމްގެ މާލީ ބަޔާންތަކަށެވެ.

ޔާމީންގެ ފަސް އަހަރުގެ މާލީ ބަޔާނުގައި އެއްވެސް ތަނެއްގައި، ޑޮލަރު ބައްލަވައިގަނެގެން ފައިސާ ދިން ކަމަށް ބަޔާން ކޮށްފައެއް ނެތެވެ. އަދި ޕީޕީއެމްގެ ތިން އަހަރުގެ މާލީ އޮޑިޓް ރިޕޯޓުތަކުގައި ވެސް ސިޔާސީ ކަމަކަށް ޔާމީން މެދުވެރިކޮށް ފައިސާ ލިބުނު ކަމަކަށް ބުނެފައެއް ނެތެވެ.

"ޑޮލަރު މާރުކުރަން ގޭގެ ސިޓިންރޫމްގައި ފައިސާ ބަހައްޓައިގެން ހަގީގަތުގައި ވެސް އުޅުނުނަމަ އެހެން ބަޔާން ނުކުރަންވީ ސަބަބެއް ނޯންނާނެ..." ޔާމީންގެ ގެކޮޅުގައި 15 މިލިއަން ރުފިޔާ ގުނައިގެން ގޮސް ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ހެކިން ބުނާތީ އެކަމަށް ރައްދުދީ، ހުކުމުގައިވެ އެވެ.

ޔާމީން ތަހުގީގުގައި ހަނު ހުންނެވުމާއި ޑޮލަރު ގަތުމުގެ މުއާމަލާތެއް ކުރިކަން މާލީ ބަޔާންތަކުން އެނގެން ނެތުމުގެ އިތުރަށް ހުކުމުގައިވާ ގޮތުން ދެން ހުރި ހެކިތަކުން ވެސް އެއީ ސައްހަ މުއާމަލާތެއް ކަމުގެ ހެއްކެއް ނުފެނެ އެވެ.

އެގޮތުން ޔޫސުފް ނައީމަށް ޔާމީން ދެއްވި ކަމަށް ބުނާ 15 މިލިއަން ރުފިޔާ އެއްވެސް އެކައުންޓަކަށް ޖަމާކުރިކަމުގެ ހެއްކެއް ނެތްއިރު، އަދި އެއް މިލިއަން ޑޮލަރާ ގުޅިގެން ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ބޭންކަށް ދިން މައުލޫމާތު ފުށުއަރާ ކަމަށް ހުކުމުގައިވެ އެވެ.

ގިނަ އަދަދެއްގެ ހެކިތައް ޔާމީނާ ދެކޮޅަށް ހުއްޓާ އެމަނިކުފާނު ތަހުގީގުގައި ހަނު ހުންނެވުން ވެގެން މި ދިޔައީ އެމަނިކުފާނާ ދެކޮޅަށް ބޭނުންކުރި ވަރުގަދަ ގަރީނާ އެކެވެ. 100 ސޮފްހާއަށް ވުރެ ދިގު އެ ހުކުމުގެ އެތައް ތަނެއްގައި ފާހަގަކުރި ކަމަކީ އެއީ ސައްހަ މުއާމަލާތެއް ކަމުގެ ދިފާއު ތަހުގީގުގައި ނުނެގި ސަބަބެވެ.