އާ ރަންވޭގެ އާ ރެކޯޑެއް، އެއް ދުވަހުން 228 އެއާ ޓްރެފިކް މޫވްމަންޓް
އާ ރަންވޭގެ އާ ރެކޯޑެއް، އެއް ދުވަހުން 228 އެއާ ޓްރެފިކް މޫވްމަންޓް

އެއާޕޯޓުގެ އާ ރަންވޭ ހުޅުވިފަހުން އެންމެ ގިނަ އަދަދެއްގެ ބޯޓު ޖައްސައި ފުރި ދުވަހަށް މިދިޔަ ބުރާސްފަތި ދުވަސްވެއްޖެ އެވެ.

އެމްއޭސީއެލް އިން ބުނީ، އެ ދުވަހު 228 އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް ކުރެވުނު ކަމަށެވެ. އެއީ އިންޓަނޭޝަނަލް 104 މޫވްމަންޓާއި ޑޮމެސްޓިކް 104 މޫވްމަންޓެވެ. އަދި ޖެޓްތަކުގެ 20 މޫވްމަންޓެވެ.

އާ ރަންވޭ ހުޅުވާފައި ވަނީ އޮކްޓޫބަރު 6 ގަ އެވެ. އެމްއޭސީއެލް އިން ބުނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު، އަނެއްކާ ވެސް މި ރެކޯޑު އާ ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ސަބަބަކީ އާ އަހަރުގެ ޗުއްޓީ އަށް، ރާއްޖެ އަށް އަންނަ މީހުން އިތުރުވުމެވެ.

އާ ރަންވޭގެ އެންމެ ގިނަ އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް ކުރެވުނު އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާތަނަށް އެންމެ ގިނަ ފްލައިޓް މޫވްމަންޓް ރެކޯޑް ކުރެވިފައިވަނީ މި އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހެވެ. އެ ދުވަހު އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓްތަކުގެ މޫވްމަންޓްތައް ވަނީ 233 އަށް އަރައިފަ އެވެ. އަދި އެ ދުވަހުގެ ސީފްލޭން މޫވްމަންޓް 593 އަށް އެރި އެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއާ ޓްރެފިކް މޫވްމަންޓް ވަނީ 30،770 އަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 20 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ރެކޯޑް ކުރެވިފައިވަނީ 25،609 މޫވްމަންޓެވެ.

ރާއްޖެ އަށް މި އަހަރު ވަނީ 1.6 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. ޓޫރިސްޓުންނާއި އެހެން ފަސިންޖަރުންނާ އެކު އެއާޕޯޓުން ދަތުރުކުރާ މީހުންގެ އަދަދު މިއަހަރު ދެ މިލިއަނަށް އަރާނެ ކަމަށް އެމްއޭސީއެލް އިން ލަފާ ކުރެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 40 ޕަސެންޓުގެ ކުރިއެރުމެކެވެ.