ސްޓެލްކޯއިން ޑިވިޑެންޑުގެ ގޮތުގައި 22 މިލިއަން ކަނޑައަޅައިފި
ސްޓެލްކޯއިން ޑިވިޑެންޑުގެ ގޮތުގައި 22 މިލިއަން ކަނޑައަޅައިފި

މިދިޔަ އަހަރުގެ ފައިދާއިން ސްޓެލްކޯއިން ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި 22 މިލިއަން ރުފިޔާ ދޭން ކަނޑައަޅައިފި އެވެ.

މިކަން އިއުލާންކުރީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

މި ޖަލްސާގައި މިދިޔަ އަހަރު އެ ކުންފުނިން ހޯދި ކުރިއެރުންތަކާއި ކުންފުނީގެ މާލީ ހިސާބުތައް އާންމުކޮށްފައިވެ އެވެ. އަހަރީ އާއްމު ޖަލްސާ ސްޓެލްކޯ އިން ބާއްވަން ފެށީ 2018 އިން ފެށިގެންނެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގްތިސާދާއި ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި ދިމާވި އެކި ގޮންޖެހުންތަކާއި އެކު ވެސް ކުންފުނީގެ މާލީ ހާލަތު ވަނީ ދެމެހެއްޓިފަ އެވެ.

އެ ކުންފުނިން ވަނީ އަންނަ އަހަރު ސާޕްލަސް ބަޖެޓެއްގެ ތެރެއިން ކުންފުނީގެ ހަރަދުތައް މެނޭޖްކުރަން ނިންމައިފަ އެވެ. އެހެންވެ، އެ ކުންފުނިން ހަރަދުތައް ކުރާނީ ލިބޭ އާމްދަނީން މެނޭޖް ކުރެވޭނެ ގޮތަކަށް ރާވައިގެން ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯއިން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށާއި ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، އެ ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރަން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ވަނީ ގްރިޑުގައި ބޭނުންކުރާ 35 ޕަސެންޓް ހަކަތަ އަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް އަމާޒު ހިފައިފަ އެވެ.

އޭގެ އިތުރުން ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިކްސްތު ޕަވާ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ ގޮތުގައި 70 މެގަވޮޓްގެ ޕަވަ ޕްލާންޓެއް ހެދުމަށް އަންނަ އަހަރު މަސައްކަތް ކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން އަންނަނީ ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑްގެ ފޭސް ދޭއްގެ މަސައްކަތް ފަށައި، މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު އެއް ވިއުގައަކުން ގުޅުވާލުގެ މަސައްކަތް ވެސް ކުރަމުންނެވެ.