27 ޑިސެމްބަރ 2022 - 12:16

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށް، ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތުން ބައެއް ހަމަޖައްސައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު "މިހާރު"އަށް މިއަދު ވިދާޅުވީ އިންތިހާބުގެ މައި މަރުކަޒު ހިންގަން، މާފަންނުގައި ހުންނަ އަޑުގެ އިމާރާތުން ތަނެއް ދިނުމަށް ހައުސިން މިނިސްޓްރީން އެ ތަނަށް އަންގާފައިވާ ކަމަށެވެ.
ކުއްޔަކާ އެކު، އިމާރާތް ކުއްޔަށް ދޭނެ ކަމަށް އަޑުން އަންގާފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.
"އަންނަ މަހުގެ 15 ހިސާބުގައި އަޑުގެ އިމާރާތް ލިބޭނެ ކަމަށް އަންގަނީ." އޭނާ ވިދާޅުވި އެވެ.
މި ފަހުން ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް މައި މަރުކަޒުގެ ގޮތުގައި ބޭނުންކޮށްފައިވަނީ ބާ ޖަމާލުއްދީން ސްކޫލު އިމާރާތެވެ. ނަމަވެސް، އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ހެދުމަށް އެ ތަން ހުސްކޮށް، ބާ އިމާރާތް ތަޅާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އީސީން މީގެ ކުރިން ނިންމާފައިވަނީ، އިންތިހާބު ބާއްވާނެ ތާރީހެއް މި އަހަރު ނިމުމުގެ ކުރިން އިއުލާނުކުރާށެވެ. ނަމަވެސް ބޭސް ފަރުވާގެ ދަތުރެއްގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކުއްލިއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން އެކަން ފަސްވެގެން ދިޔައީ އެވެ.
ހަބީބު ވިދާޅުވީ އަންނަ މަހުގެ ތެރޭގައި އިންތިހާބު ބާއްވާނެ މުއްދަތު އިއުލާނުކުރާނެ ކަމަށެވެ.
އަންނަ އަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓުގައި ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ނަމަވެސް އިލެކްޝަނުން ބުނަނީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފި ނަމަ އެ އަދަދު މާ މަދުވާނެ ކަމަށެވެ. އެ ކޮމިޝަނުން ބުނާ ގޮތުގައި ދެ ބުރު ބޭއްވާ ނަމަ އިތުރު 30 މިލިއަން ރުފިޔާ ބޭނުންވާނެ އެވެ.