27 ޑިސެމްބަރ 2022 - 10:51

މާސީސައިޑް (ޑިސެމްބަރު 27) - މެންޗެސްޓާ ޔުނައިޓެޑަށް ގެންދަން މަސައްކަތް ކުރަމުން ދާކަމަށް ހަބަރު ފެތުރުނު ނެދަލެންޑްސްގެ ޒުވާން ފޯވާޑް ކޯޑީ ގަކްޕޯ، 23، ލިވަޕޫލަށް ބަދަލުވާން އެއްބަސް ވެއްޖެ އެވެ.
"ޕީއެސްވީ ގެ މެނޭޖްމަންޓުން ވަނީ ބޮކްސިން ޑޭ [26 ޑިސެމްބަރު] ގައި ނެގޯޝިއޭޝަންސް ފުރިހަމަކޮށް، ގަކްޕޯ އަށް އިންގްލެންޑަށް ދަތުރުު ކުރުމުގެ ހުއްދަ ދީފައި،" ގަކްޕޯ ކުޅެމުން އައި ނެދަލެންޑްސްގެ ޕީއެސްވީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ލިވަޕޫލުން ގަކްޕޯ ގެންދިޔައީ ފޯވާޑް ލުއިސް ޑިއާޒް އާއި ޑިއޯގޯ ޖޮޓާ އަށް އަނިޔާވެގެން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ތިބެން ޖެހުމުންނެވެ.
ނެދަލެންޑްސް ލީގުގައި ގަކްޕޯ ވަނީ ޕީއެސްވީ އަށް ކުޅެދިން 14 މެޗުގައި ނުވަ ގޯލު ޖަހައި، 12 ގޯލު ޖަހަން އެސިސްޓް ކޮށްދީފަ އެވެ. އަދި ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުގައި އޭނާ ވަނީ ފަސް މެޗުގައި ތިން ގޯލު ޖަހައި، ދެ ގޯލު އެސިސްޓް ކޮށްފަ އެވެ.
މި އަހަރުގެ ވޯލްޑް ކަޕް ގައި ވެސް ގަކްޕޯ ވަނީ ގުރޫޕް ސްޓޭޖް ގައި ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. ސެނެގާލާއި އެކުއެޑޯ އަދި ގަތަރު ކޮޅަށް ގޯލު ޖަހައި، ޓީމު ކުއާޓާ ފައިނަލަށް ގެންގޮސްދޭން އޭނާ ވަނީ އެހީވެދީފަ އެވެ.
ގަކްޕޯ ލިވަޕޫލަށް ބަދަލުވަނީ ޕީއެސްވީގެ ރެކޯޑް ޓްރާންސްފާ ފީއަކަށެވެ. ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން އޭނާ ހޯދަން 42 މިލިއަނާއި 53 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް ޕީއެސްވީ އަށް ދައްކާނެ އެވެ.
ޕީއެސްވީގެ ކެޕްޓަން ލޫކް ޑި ޔޯން މި ސީޒަންގެ ގިނަ މެޗުތަކުގައި ބެންޗުގައި އިންނަ އިރު، ޕީއެސްވީގެ ކެޕްޓަން ބޭންޑް އަޅައިގެން ޓީމު ލީޑު ކުރަމުން ދަނީ ވެސް ގަކްޕޯ އެވެ.