16 ޖެނުއަރީ 2017 - 06:19

ހިންދީ ސިނަމާއިން އުފައްދާ ފިލްމުތަކަށްދޭ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ގިނަ ބަޔަކު އިންސާފުވެރިކަމަށް ގަބޫލުކުރާ 62 ވަނަ ފިލްމްފެއާ އެވޯޑު ހަފުލާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އިރު ޝަރަފުވެރި މަގާމުތައް "ދަންގަލް" އަށް ލިބިއްޖެ އެވެ.
މި ޝޯ ހޯސްޓްކޮށްދިނީ ޝާހްރުކް ޚާނާއި ކަރަން ޖޯހަރް އަދި ކޮމޭޑިއަން ކަޕިލް ޝަރުމާ އެވެ. މި އެވޯޑު ޝޯގައި ސަލްމާން ޚާން، ވަރުން ދަވަން، ސިދާރްތު މަލްހޯތުރާ، ސުޝާންތު ސިންގް ރާޖްޕޫތު، ސޯނަމް ކަޕޫރު، އާލިއާ ބަޓް، ސޮނާކްޝީ ސިންހާ ފަދަ ތަރިން ބައިވެރިވި އެވެ.
ފިލްމްފެއާ އެވޯޑުގެ ނޮމިނޭޝަންސް މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން އިއުލާންކުރުމާއެކު "އެއާލިފްޓް" އިން އަކްޝޭ ކުމާރު ނޮމިނޭޓް ވެފައި ނުވާތީ އާއި އެވޯޑުތައް ދޭނީ އޭގެ ހައްގުވެރިންނަށް ނޫންކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑު ކިޔާފައިވެ އެވެ. އެހެންކަމުން މިފަހަރުގެ އެވޯޑު ފުދޭ ވަރަކަށް އިންސާފުވެރިކޮށް ގޮސްފައިވާ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.
މިފަހަރުގެ ފިލްމްފެއާ އެވޯޑުގެ އެންމެ މޮޅު އެކްޓަރަކަށް ހޮވިފައިވަނީ "ދަންގަލް" އިން އާމިރު ޚާނެވެ. އެންމެ މޮޅު ބަތަލާއަކީ "އުޅްތާ ޕަންޖާބު" އިން އާލިއާ ބަޓް އެވެ. "ދަންގަލް"ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ އަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބުނުއިރު އެންމެ މޮޅު ފިލްމަކަށް ވެސް ހޮވުނީ "ދަންގަލް" އެވެ.
ކްރިޓިކްސްގެ ހޮވުންތަކުގެ ތެރެއިން އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ ރާމް މަދްވާނީގެ "ނީރްޖާ" އަށެވެ. އެންމެ މޮޅު އެކްޓަރުގެ ކްރިޓީކްސް އެވޯޑު ދެ އެކްޓަރުންނަށް ލިބުނެވެ. "އަލީގަޅް" އިން މަނޯޖް ބަޖްޕާއީ އަށާއި "އުޅްތާ ޕަންޖާބު" އިން ޝާހިދު ކަޕޫރަށެވެ.
އަލަށް ތައާރަފްވި އެކްޓަރުންގެ ތެރެއިން އެވޯޑު ލިބުނީ "އުޅްތާ ޕަންޖާބު"ގައި މުހިއްމު ރޯލެއް އަދާކުރި ދިލްޖީތު ދޮސާންޖް އަށެވެ. އަލަށް ތައާރަފްވި އެންމެ މޮޅު ބަތަލާގެ އެވޯޑު ގެންދިޔައީ "ސާލާ ކަޅޫސް" އިން ރިތިކާ ސިންގް އެވެ.
އެންމެ މޮޅު ޑައިލޯގްގެ އެވޯޑު "ޕިންކް" އިން ރިތޭޝް ޝާހް ގެންދިޔައިރު، "ކަޕޫރު އެންޑް ސަންސް" އަށް ދެ އެވޯޑު ލިބުނެވެ. އެއީ އެންމެ މޮޅު ސްކްރީން ޕްލޭ އާއި އެންމެ މޮޅު ވާހަކައިގެ އެވޯޑެވެ.
އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑު ގެންދިޔައީ "ކަޕޫރު އެންޑް ސަންސް" އިން ރިޝީ ކަޕޫރެވެ. މި ކެޓަގަރީގެ އެންމެ މޮޅު ބަތަލާއަކަށް ހޮވުނީ "ނީރްޖާ" އިން ޝަބާނާ އަޒްމީ އެވެ.
މިއުޒިކް އެވޯޑުތަކުގެ ތެރެއިން ގިނަ އެވޯޑު ގެންދިޔައީ "އޭ ދިލް ހެ މުޝްކިލް" އެވެ. އެގޮތުން އެންމެ މޮޅު މިއުޒިކް އަލްބަމްގެ އެވޯޑާއި މި ފިލްމުގެ ލަވަތައް ލިޔެދީގެން އަމީތާބު ބަޓަޗާރިޔާއަށް ލިބުނު އެންމެ މޮޅު ލިރިސިސްޓުގެ އެވޯޑު އަދި "އޭ ދިލް ހެ މުޝްކިލް" ލަވަ ކިޔައިދީގެން އަރިޖީތު ސިންގް އަށް ލިބުނު އެންމެ މޮޅު ފިރިހެން ލަވަކޔުންތެރިޔާގެ އެވޯޑު ފާހަގަ ކޮށްލެވެ އެވެ. އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑު ލިބުނީ "ސުލްތާން"ގެ "ޖަގް ގޫމިޔާ" ކިޔައިދީގެން ނެހާ ބަސީން އަށެވެ.
އާމިރު ޚާނަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު މިފަހަރު ދިނުމުން ގިނަ ބަޔަކު ތިބީ ހައިރާންވެފަ އެވެ. އޭނާ އެވޯޑު ޝޯތަކަށް ނުދާތީ، އޭނާއަށް އެވޯޑު ލިބުން ހައްގު އެތައް ފަހަރަކު އެވޯޑު ހަވާލެއް ނުކުރެ އެވެ. މިފަހަރުވެސް އެވޯޑު ބަލާ އާމިރެއް ނުދެ އެވެ. މިފަހަރު އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް އާމިރާ ވާދަކުރި ތަރިންގެ ތެރޭގައި ސަލްމާން ޚާން، ޝާހްރުކް ޚާން، ރަންބީރު ކަޕޫރު، އަމީތާބު ބައްޗަން، ޝާހިދު ކަޕޫރު އަދި ސުޝާންތު ސިންގް ރާޖްޕޫތު ހިމެނުނެވެ.
އެންމެ މޮޅު ބަތަލާގެ ކެޓަގަރީ އަދި އޮތީ މިއަށް ވުރެ ވެސް ވާދަވެރިކޮށެވެ. އާލިއާ ބަޓް އާ މި އެވޯޑަށް ވާދަކުރި ތަރިންގެ ތެރޭގައި އައިޝްވަރިޔާ ރާއީ، ސޯނަމް ކަޕޫރު، ވިދްޔާ ބާލަން އަދި އަނުޝްކާ ޝަރުމާ ހިމެނުނެވެ.
މިއަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބުނީ ޝަތުރޫގަން ސިންހާ އަށެވެ.