ޕްރައިމަރީއާ މެދު ސުވާލު އުފައްދައި އިތުބާރު ގެއްލުވަން ޖާގަ ނުދޭނަން: ފައްޔާޒް
ޕްރައިމަރީއާ މެދު ސުވާލު އުފައްދައި އިތުބާރު ގެއްލުވަން ޖާގަ ނުދޭނަން: ފައްޔާޒް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކުރިން އެ އިންތިހާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި އިތުބާރު ގެއްލުވާލަން ޖާގަ ނުދެއްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީއާ މެދު ސުވާލު އުފައްދައި އިތުބާރު ގެއްލުވަން ޖާގަ ނުދޭނަން: ފައްޔާޒް
ޕްރައިމަރީއާ މެދު ސުވާލު އުފައްދައި އިތުބާރު ގެއްލުވަން ޖާގަ ނުދޭނަން: ފައްޔާޒް

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ، ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަންނަނީ ޕާޓީން ތަފާތު ކުރުން ގެންގުޅޭ ކަމަށް ތުހުމަތު ކުރަމުންނެވެ.

ތާޖުއްދީން ސްކޫލް ހޯލުގައި އެ ޕާޓީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައެއް ތުހުމަތުތަކަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ އިންތިހާބު ބާއްވާނެ ދުވަހާއި އިއުލާން ކުރާނެ ދުވަސް ކަނޑައެޅީ ދެ ކެނޑިޑޭޓުންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

ރައީސް ބޭނުންފުޅު ވަނީ ޑިސެމްބަރުގައި އިއުލާން ކުރުމަށް ފަހު ޖެނުއަރީ 15 ގައި އިންތިހާބު ބާއްވަން ކަމަށާއި ނަޝީދު ބޭނުންފުޅު ވަނީ ޖެނުއަރީގައި އިއުލާން ކުރުމަށް ފަހު ފެބްރުއަރީ މަސް ތެރޭގައި އިންތިހާބު ބޭއްވުމަށް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު ގެނައި މެދަށް. ޑިސެމްބަރު މެދުގައި އިއުލާން ކޮށްފައި ޖެނުއަރީ 28 އަށް ބާއްވަނީ. މުއްދަތު ނޭނގި ނޯންނާނެ ރައީސް ސޯލިހަށް ވެސް ނަޝީދަށް ވެސް، އިންސާފުވެރިކަމާއެކީ ދެބަޔާ ވާހަކަ ދައްކާފަ އޮންނާނީ،" ފައްޔާޒް ވިދާޅުވި އެވެ.

ތާއީދު ފޯމާ ގުޅޭ ގޮތުން ނަޝީދު ފެކްޝަނުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ އެ ފޯމްގެ ކޮޕީއެއް މި މަހު އެއް ވަނަ ދުވަހު ނަޝީދަށް ފޮނުވާފައިވާ ކަމަށެވެ.

"ވެދާނެ އަޅުގަނޑާއި ނަޝީދާ ވާހަކަ ދައްކާ ވަރަށް ތިބޭފުޅުންނަށް ވާހަކަ ނުދެއްކެނީ ކަމަށް،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާ އަވަހަށް އިންތިހާބު ގަޑުބަޑު ކޮށްފައިވާ ކަމާއި އިންސާފުވެރި ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާތީ ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް މުޅި ޕާޓީގެ ކްރެޑިބިލިޓީ ގެއްލުވާލަން ކުރާ މަސައްކަތަށް ޖާގައެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުގެ ކަންކަން ކުރިޔަށް ދާނީ ޒަމާނުއްސުރެ އެމްޑީޕީގެ ތެރޭގައި އެކަން ހިނގާ ގޮތަށް ކަމަށާއި ވަސީލަތްތައް ވެސް ހަމަހަމަ ގޮތެއްގައި ދެ ކެނޑިޑޭޓުންނަށް ލިބޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އިންތިހާބާ ގުޅޭ ގޮތުން ނަޝީދު ފެކްޝަންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީގެ ދަފްތަރުން 39،000 އަށް ވުރެ ގިނަ މެންބަރުން ވަކި ކުރުމެވެ. އެ ފެކްޝަނުން ތުހުމަތު ކުރާ ގޮތުގައި ވަކި ކޮށްފައި ވަނީ ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނެވެ.

އެ މައްސަލާގައި ފައްޔާޒް ވިދާޅުވީ ދަފްތަރުގައި 23،000 އަށް ވުރެ ގިނަ މެންބަރުންނަކީ އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ކަމަށާއި 11،000 މެންބަރުންނަކީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ކަމަށެވެ.

އެ މެންބަރުން ވަކިވީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ ދަށުން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުމަކާ ގުޅިގެން ކަމަށާއި ނަމަވެސް އިންތިހާބުގެ ކުރިން އެ ދަފްތަރަށް މެންބަރުން އިތުރު ކުރުމަށް އަށް މަސް ދުވަސް ލިބުނު ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އަށް މަސް ދުވަސްވީ ތީގެން އެއްވެސް ބޭފުޅަކު ނެތް މިއަދާ ހަމައަށް އޭގެ މައްސަލައެއް ތަނަކަށް ހުށަހަޅާފައެއް އަދި މެންބަރުން ހޯދަން އުޅުއްވާފައި ވެސް،" ފައްޔާޒް ވިދާޅުވި އެވެ.ީ

ހޫނު ޒުވާބުތަކެއް ހިނގުމަށް ފަހު އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމާފައި ވަނީ އިންތިހާބީ ކޮމިޓީ އަށް ރައީސް ފެކްޝާނުން ހުށަހެޅި ފަސް ނަން ފާސް ކުރުމަށެވެ. އެ ވޯޓަށް އެހުމުގެ ކުރިން ނަޝީދު ފެކްޝަންގެ މެންބަރުން ހަތްހަމަނުޖެހުން ފާޅު ކުރުމަށް ފަހު މާލަން ދޫކޮށް ވަޑައިގަންނަވައިފަ އެވެ.