27 ޑިސެމްބަރ 2022 - 11:04

ލަންޑަން (ޑިސެމްބަރު 27) - އާސެނަލްގެ ލެޖެންޑެރީ ކޯޗު އާސެން ވެންގާ އެ ކްލަބުގެ ކޯޗުކަމުން ވަކިވި ފަހުން މެޗެއް ބަލަން އެމިރޭޓްސް ސްޓޭޑިއަމަށް ދިޔަ ފުރަތަމަ މެޗުން ވެސްޓް ހޭމް އަތުން 3-1 އިން އާސެނަލް މޮޅުވެއްޖެ އެވެ.

އެ ކްލަބްގެ ކޯޗުކަން 22 އަހަރު ކުރި ވެންގާ ދަނޑަށް އައުމާއެކު އެ ޓީމުގެ ސަޕޯޓަރުން ވަނީ އޭނާ އަށް އިހްތިރާމް އަދާކޮށްފަ އެވެ.

މިހާރުގެ ކޯޗު އަދި ވެންގާގެ ކޯޗުކަމުގެ ދަށުން ކުޅުނު މިކޭލް އާޓެޓާ ބުނީ އާސެނަލްގެ ދަނޑުން ވެންގާ އަށް ފެނުނު ކަންތައްތަކުން އޭނާ އަށް އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ.

"އެއީ އޭނާ އަށް އޮތް އިހުތިރާމާއި ގަދަރު. އަދި މި ކްލަބާ ގުޅޭ ކޮންމެ މީހެއްގެ ފަރާތުން އޭނާ އަށް އޮތް ލޯބި ފެންނާނެ. އެއީ މި ކްލަބަށް އޭނާ ކޮށްދީފައިވާ މަސައްކަތްތަކާއި ހާސިލުކޮށް ދީފައިވާ ކާމިޔާބުގެ ސަބަބުން އޭނާ އަށް އޮތް ގަދަރެއް،" އާޓޭޓާ ބުންޏެވެ.
ވެންގާގެ ކޯޗުކަމުގެ ދަށުން އާސެނަލްއިން 1997/1998، 2001/2002 އަދި 2003-2004 ގެ ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބު ކުރި އެވެ. އޭގެ ތެރެއިން ވެސް އެންމެ ހާއްސަ އަހަރަކީ 2004 އެވެ. އެ ސީޒަންގެ ލީގު އާސެނަލް އަށް ވެންގާ ހޯދައި ދިނީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސްޓް ހޭމުންނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން 27 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ސައީދު ބެންރަހްމާ އެވެ. ފުރަތަމަ ހާފު ނިމެނިކޮށް ގެބްރިއެލް މާޓިނެއްލީ ފޮނުވާލި ބޯޅައެއް ވެސްޓް ހޭމްގެ ޑިފެންޑަރު އާރޮން ކްރެސްވެލް އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ރެފްރީ އާސެނަލް އަށް ޕެނަލްޓީ އެއް ދިން ނަމަވެސް ވީއޭއާރުން ވަނީ ނިންމުން ބަދަލު ކޮށްފަ އެވެ.
ދެ ވަނަ ހާފުގައި އާސެނަލް ޓީމުން ނަތީޖާ އެއްވަރު ކުރާކަށް މާ ގިނައިރެއް ނުނެގި އެވެ. ކެޕްޓަން މާޓިން އޮޑެގާޑް ގެ އެހީތެރިކަމާ އެކު 53 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ ބުކަޔޯ ސަކާ އެވެ. އަދި ފަސް މިނިޓު ފަހުން ގްޜޭނިޓް ޒާކާ ދިން ޕާހަކުން އާސެނަލް އަށް ލީޑު ނަގައިދިނީ ގެބްރިއެލް މާޓިނެއްލީ އެވެ. މި ގޯލުގައި ވެސް ޒާކާ އަށް ބޯޅަ ފޯރު ކޮށްދިނުމުގައި އާސެނަލްގެ ޒުވާން ކެޕްޓަން އޮޑެގާޑްގެ ދައުރު ބޮޑެވެ.
އާސެނަލްގެ ތިންވަނަ ލަނޑު 69 ވަނަ މިނިޓުގައި ޖަހައިދިނީ، ގެބްރިއެލް ޖީސަސް ގެ މަގާމް ފޫބައްދަން އަރުވާފައި ހުރި އިނގިރޭސި ޒުވާން ފޯވާޑް އެޑީ ކެޓިއާ އެވެ. އާސެނަލްގެ މި ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ އޮޑެގާޑެވެ.
މި ނަތީޖާއާ އެކު އާސެނަލް އެއްވަނައިގައި އޮތީ ދެވަނައިގައި މިވަގުތު އޮތް ނިއުކާސަލް ޔުނައިޓެޑަށް ވުރެ ހަތް ޕޮއިންޓް ކުރީގަ އެވެ. އާސެނަލް ވަނީ 15 މެޗުން 40 ޕޮއިންޓް ހަމަކޮށްފަ އެވެ. އެއް މެޗު އިތުރަށް ކުޅެގެން ނިއުކާސަލް އަށް ލިބިފައި ވަނީ 33 ޕޮއިންޓެވެ.
ލިވަޕޫލް ރޭ ރަށުން ބޭރުގައި އެސްޓަން ވިލާ ބަލިކުރީ ވެސް 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފަސް ވަނަ މިނިޓުގައި އެންޑީ ރޮބާޓްސަން ތަނަވަސްކުރި ފުރުސަތަކުން ލިވަޕޫލަށް ލީޑު ނަގައިދިނީ މުހައްމަދު ސަލާހެވެ. އަދި 37 ވަނަ މިނިޓުގައި ސަލާހު ދިން ޕާހަކުން ދެ ވަނަ ގޯލު ޖެހީ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ.
ދެ ވަނަ ހާފުގައި އެސްޓަން ވިލާ އިން ކުޅުން ރަނގަޅުކޮށް ލިވަޕޫލްގެ ފަހަތަށް ޕްރެޝަރު ކުރި އެވެ. ނަތީޖާއެއްގެ ގޮތުން 59 ވަނަ މިނިޓުގައި އެލީ ވަޓްކިންސް ވަނީ ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަ ކޮށްފަ އެވެ. އެހެން ނަމަވެސް ލިވަޕޫލުން ހާސަކަން ފިލުވައިލީ 81 ވަނަ މިނިޓުގައި، 18 އަހަރުގެ ޒުވާން ޑިފެންޑަރު ސްޓޭފަން ބަޗެޓިޗް ޖަހައިދިން މޮޅު ގޯލުންނެވެ. އޭނާ ވަނީ އެއް ޓަޖުން ކީޕަރު ނައްޓާފައި ޑިފެންޑަރު މިންގްސް ދެފައި ދޭތެރެއިން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
މި މެޗުގައި ލިވަޕޫލްގެ ފޯވާޑް ޑާވިން ނޫނޭޒް އަށް ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ފުރަތަމަ ހާފުގައި ފޮނުވާލި ދެ ހަމަލާ ވިލާގެ ރިޒާވް ކީޕަރު ރޮބިން އޮލްސެން ދިފާއު ކުރި އިރު، ދެ ވަނަ ހާފުގައި ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
މި މޮޅާ އެކު ލިވަޕޫލް ވަނީ ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓަކަށް ގާތަށް، ހަ ވަނައަށް ކުރިއަށް ޖެހިލައިފަ އެވެ. ލިވަޕޫލް ކުޅުނު 15 މެޗުން އެޓީމަށް ވަނީ 25 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 14 މެޗު ކުޅެގެން 26 ޕޮއިންޓް ހޯދައިގެންނެވެ.