15 ޖެނުއަރީ 2017 - 12:33

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 6 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވަވާނެ އެވެ.
މަޖިލީހުގެ މެމްބަރަކު މިއަދު ވިދާޅުވީ އަންނަ މަހުގެ 6 ގައި ޖަލްސާތައް ފަށަން ތައްޔާރުވަމުން އަންނަކަން މަޖިލީހުގެ އިދާރާ އިން އަންގާފައިވާ ކަމަށެވެ.
ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ. ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ކަމަށް ގަވާއިދުގައިވެ އެވެ.
އެ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވަވާނެ އެވެ. ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގައި، ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާނީ ގައުމުގެ ހާލަތު ބަޔާންކޮށްދީ، އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށެވެ.
މަޖިލީހުން ވަނީ މިދިޔަ އަހަރު ގިނަ ބިލްތަކަކާއި އިސްލާހުތަކެއް ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ގިނަ ހައްގުތަކެއް ނިގުޅައިގަނެވޭ ގޮތަށް ބައްޓަންކޮށްފައިވާ ބިލްތައް ހިމެނޭ ކަމަށް ބުނެ، މަޖިލީހަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދީ، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވެފައި ވަނީ، އެ ބިލްތައް ފާސްކުރީ ހުރިހާ ރައްޔިތުންގެ ހައްގުތައް އިތުރަށް ކަށަވަރުކޮށް، ރައްކާތެރިކޮށް ދޭން ކަމަށެވެ.