ޔާމީންގެ ޝަރީއަތުގެ ލައިވް ސްޓްރީމް ކޯޓުން ނަަގައިފި: ވަކީލުން
ޔާމީންގެ ޝަރީއަތުގެ ލައިވް ސްޓްރީމް ކޯޓުން ނަަގައިފި: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރި މަޖިލީހުގެ ލައިވް ސްޓްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން ނަގާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ތުހުމަތުކޮށްފި އެވެ.

ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ކުރި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އިއްޔެ ކޯޓުން ހުކުމް ކުރީ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.

އެމަނިކުފާނުގެ ޝަރީއަތް ލައިވް ކުރަން ނިންމި ފަހުން ބޭއްވި ހުރިހާ އަޑުއެހުމެއް ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުން ލައިވް ކުރި އެވެ. އަދި އަޑުއެހުންތަކުގެ ވީޑިއޯ. ލައިވް ނިމުމަށްފަހު ޗެނަލުން ފެންނަ ގޮތަށް ހުރެ އެވެ.

އެމަނިކުފާނަށް ހުކުމް ކުރުމަށް އިއްޔެ ބޭއްވި އަޑުއެހުމުގެ ލައިވް ސްޓްރީމްގެ ވީޑިއޯ ވެސް ޔޫޓިއުބް ޗެނަލުން ފެނުނެވެ. އެހެންނަމަވެސް، މިހާރު އެ ވީޑިއޯ ކޯޓުގެ ޗެނަލުން ފެންނާކަށް ނެތެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝަރީއަތުގެ ލައިވް ސްޓްރީމް ޔޫޓިއުބުން މިހާރު ނަގާފައި ވިޔަސް ޝަރީއަތުގެ ވީޑިއޯ ލިބިފައިވާ ކަމަށެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ވެސް ޝަރީއަތް ލައިވް ކުރިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ހުކުމުގެ ކޮންމެ އަކުރެއް ވަކިން ބަލައި ޝަރީއަތުގައި އިއްވި ހުކުމާ އެއްގޮތްތޯ ބަލާނެ ކަމަށެވެ.

"އިއްޔެގެ ޝަރީޢަތް ރާއްޖޭގެ ގިނަ މީޑިއާ ތަކަކުން ވެސް ލައިވް ކުރި. ހުކުމުގެ ކޮންމެ އަކުރެއް ވަކިން ބަލައި ޗެކު ކުރެވޭނެ." އޭނާ ވިދާޅުވި އެވެ.

ވަކީލު އަބްދުﷲ ސިޔާޒު ފާހަގަކުރެއްވީ، ހުކުމެއްގައި ލިޔެވޭނީ ފަނޑިޔާރު އިއްވި މިންވަރު ކަމެވެ. އަދި އިތުރު ކަންތައްތައް ހިމަނައިގެން ހުކުމް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމަކީ ހުކުމަށް ބަދަލު ގެނައުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފަނޑިޔާރު ހުކުމް އިއްވާ ވަގުތުން ފެށިގެން އެ މައްސަލައެއްގައި އެ ފަނޑިޔާރުގެ އިހުތިސާސް ނިމޭނެ ކަމަށެވެ.

ހުކުމް ކުރި އަޑުއެހުން ޔޫޓިއުބް ޗެނަލުން ފެންނަން ނެތް އިރު، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ކޯޓުން ނުދީ ލަސްކުރަމުންދާ ކަމަށް ބުނެ އިދިކޮޅުގެ ބައެއް ލީޑަރުންނާއި ޔާމީންގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓު ސަރަހައްދަށް ވެސް ވަޑައިގަތެވެ.

ހުކުމް ކުރި އަޑުއެހުމުގެ ވީޑިއޯ ފެންނަން ނެތް ސަބަބާ ގުޅޭ ގޮތުން ކޯޓުން އެއްޗެއް ނުބުނެ އެވެ.