26 ޑިސެމްބަރ 2022 - 13:55

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޮފީސް އިމާރާތެއް އެޅުމަށް ހުޅުމާލެއިން ބިމެއް ދީފި އެވެ.
އެޗްޑީސީން މިއަދު ބުނިގޮތުގައި އެމްއައިބީގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށް އެ ބޭންކަށް 7،467.13 އަކަފޫޓުގެ ބިމެއް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ވަނީ ހަމަޖައްސައިދީފަ އެވެ. އެއީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި އޮންނަ ބިމެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބިން އެމްއައިބީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްއައިބީން ހުޅުމާލޭގައި މިހާރު ހިދުމަތް ދެނީ ވަން އެވެނިއުގެ އެންމެ ތިރީ ފުލޯގައި ހުންނަ އޮފީހަކުންނެވެ. އެއީ މީގެ ހަފުތާއެއް ކުރިން ހުޅުވި ތަނެކެވެ.
އެ އޮފީހުގެ އިތުރުން އެމްއައިބީން ހުޅުމާލޭގައި އޭޓީއެމްގެ ހިދުމަތް ދެ އެވެ.