ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން ލަސްވާތީ އިދިކޮޅުން ކޯޓަށް
ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން ލަސްވާތީ އިދިކޮޅުން ކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ކޯޓުން ނުދީ ހިފަހައްޓާފައިވާ ކަަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސްވެރިން ކްރިމިނަލް މިއަދު ކޯޓަށް ވަޑައިގެންފި އެވެ.

ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން ލަސްވާތީ އިދިކޮޅުން ކޯޓަށް
ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން ލަސްވާތީ އިދިކޮޅުން ކޯޓަށް

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ޔާމީން އާއި ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވީ އިއްޔެ އެވެ.

އެ ދެ ކުށާ ގުޅިގެން އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ.

އެ ހުކުމް އިސްތިއުނާފު ކުރަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ނިންމައިފަ އެވެ.

އެކަމަކު އިސްތިއުނާފު ކުރަން ބޭނުންވާ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ކޯޓުން އަދިވެސް ނުދޭ ކަމަށް ވިދާޅުވެ ޔާމީންގެ ވަކީލުން ވެސް ރޭ ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އިސް ބޭފުޅުން ކްރިމިނަލް ކޯޓު ސަރަހައްދަށް ދިޔައީ ޔާމީނަށް ކުރި ހުކުމް އަދިވެސް ނުލިބޭތީ އާއި ހުކުމް ކުރުމުގެ މަޖިލިސް ކްރިމިނަލް ކޯޓުގެ ވެބްސައިޓުން ޑިލީޓުކޮށްފައިވާތީ އެވެ.

ކްރިމިނަލް ކޯޓު ސަރަހައްދަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް އާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.

ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ކޯޓުން ނުދީގެން އިސްތިއުނާފު ކުރުމުގެ މަސައްކަތް ނުފެށޭ ކަމަށެވެ.

ޖަމީލް ވަނީ ކޯޓުން ރިޕޯޓު ނުދީ ލަސް ކުރަނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި ހުކުމް އިއްވާ ދުވަހު ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނެއްގައި އަންގާފައިވާކަން ފާހަގަކުރެއްވި އެވެ.

"އިސްތިއުނާފުގެ މަސައްކަތް ވެސް ނުފެށި ތިބެން މިޖެހުނީ. ޒިންމާކުރުވާނެ އެއްވެސް ފަރާތެއް ނެތީބާ؟" ޖަމީލް ސުވާލު އުފެއްދެވި އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ސިޔާޒް ވިދާޅުވި ގޮތުގައި ހުކުމްގެ ކޮޕީ ދޫނުކޮށް ލަސްކުރުމަކީ ގާނޫނާ ހިލާފު އަމަލެކެވެ.

މުޅި މައްސަލަ ނިންމި ގޮތުގެ ހުރިހާ ތަފްސީލުތައް ހިމެނޭ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓަކީ މައްސަލަ އިސްތިއުނާފު ކުރާއިރު ހުށަހަޅާނެ ނުކުތާތައް ދެނެގަންނަން ގާނޫނީ ވަކީލުންނަށް މުހިންމު އެއްޗެކެވެ.

ހުކުމް ކުރާތާ އެއް ދުވަސް ތެރޭގައި ރިޕޯޓު ދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ޕެރެކްޓިސް ޑައިރެކްޝަނެއްގައި ވެސް އޮންނަ ނަމަވެސް، މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުދީގެން މައްސަލަތައް އިސްތިއުނާފު ނުކުރެވި ލަސްވެފައި އެބަ ހުއްޓެވެ.

ކްރިމިނަލް ކޯޓުން ލައިވްކޮށް ދެއްކި ޝަރީއަތުގައި ޔާމީން ޖަލަށްލުމާ އެކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތެއް މިހާރު ވަނީ ގެއްލިފަ އެވެ. އެކަމަކު މި ހުކުމް އިސްތިއުނާފްކުރަން ވަކީލުން ވަނީ ނިންމައިފަ އެވެ.

ގާނޫނުއަސާސީގަައިވާ ގޮތުން އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް މީހެއްގެ މައްޗަށް ކޮށްފައިވާ ނަމަ އެ މީހަކަށް އެ ހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ނުވަނީސް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ހުކުމް ކުރުމުގެ ކުރިން ޕީޕީއެމް-ޕީއެންސީން ވަނީ ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ރިޔާސީ ޓިކެޓްދީފަ އެވެ. ޕީޕީއެމާއި ޕީއެންސީން ބުނެފައި ވަނީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލުނު ކަމަށް ގަބޫލުނުކުރާ ކަމަށެވެ.