26 ޑިސެމްބަރ 2022 - 09:37

ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.
ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން މިނިވަން ކުރަން ގޮވާލައި، އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާއިން 16 މީހަކު ހައްޔަރުކުރި އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ޕާޓީގެ ސެނެޓާސް ދާއިރާގެ ރައީސުން ވެސް ހިމެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އެ މުޒާހަރާގެ ބައިވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ގޮވާ، ޔާމީން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ.
މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާ މެމްބަރު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ބައިވެރިވެ ވަޑައިގެންނެވި އެވެ.