26 ޑިސެމްބަރ 2022 - 07:19

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމާއެކު ހުރިހާ އެންމެންގެ ވެސް ސުވާލަކަށް ވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދެން އެ ޕާޓީން އަމަލު ކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓް ޔާމީނަށް ދީފައި އޮތަސް ހުކުމާއެކު، މިހާރު ވެސް ވަނީ ޔާމީނަށް ރިޔާސީ އިންތިހާބުގެ ޝަރުތެއް އުނިވެފަ އެވެ. އެހެންވެ، ދެން ހަދާން ގޮތެއް އަދި އޮތީ ސުވާލު މާކެެއްގެ ތެރޭގަ އެވެ.

އިދިކޮޅުގެ މުޅި ފައުޖު އެ މަނިކުފާނުގެ ވަށައިގެން އެނބުރޭ، އެ ފައުޖުގެ ލީޑަރު ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އަނެއްކާވެސް އެ ހުންނެވީ މާފުށީ ޖަލުގައި ބަންދުވެފަ އެވެ.

އެ ހާލަތު ބަދަލު ކުރަން ޕީޕީއެމަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ޕީޕީއެމް އަދި ޕީއެންސީ އެއްކޮށްގެން ވެސް އެވަރުގެ ސިޔާސީ އިދިކޮޅު ބާރެއް ނުއުފެއްދެ އެވެ. ދައުލަތުގެ ހުރިހާ ދިމާލެއްގައި ފުރިހަމަ ބާރުވެރިކަން އޮތް މި ސަރުކާރާ ދެކޮޅަށް ޕީޕީއެމަށް ކުރެވެން އޮތީ ލީޑަރު މިނިވަން ކުރަން ގޮވާލައި މުޒާހަރާ ކުރުމާއި "ހަރާން ހުކުމް" އަށް ގޮވައި އަޑުގަދަ ކުރުމެވެ. ހުކުމް ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އިދިކޮޅުން އެ ހަރަކާތްތައް ފޯރިއާއެކު ރޭގައި ވެސް މާލޭގައި ބޭއްވި އެވެ.

އެކަމަކު އިއްޔެ ދައުވާ ސާބިތުވި ކަން އެނގުނު ހިސާބުން ފަޅައިގެން ދިޔައީ ޕީޕީއެމާއި ޕީއެންސީގެ ތެރޭގައި ދެއްކުން "ހަރާން" ވާހަކަ އެކެވެ. ޔާމީނަށް ޖަލު ހުކުމުން ސަލާމަތް ނުވެވިއްޖެ ނަމަ އިދިކޮޅުން ދެން ނެރޭނީ ކޮން ކެންޑިޑޭޓެއްތޯ އުފައްދާ ސުވާލެވެ.

އެ ސުވާލުތައް އާންމުންނަށް ހަނދާން ކޮށްދޭން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ބޭނުން ނުވިޔަސް މި ދަނޑިވަޅަށް އެ ބަހުސް މުހިންމުވާ ސަބަބުތައް ވަރަށް ގިނަ އެވެ. ރިޔާސީ އިންތިހާބަށް ބާކީ އޮތީ އެންމެ ހަތް މަހެވެ. އެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތެއް ޔާމީންގެ ކިބައިން ގެއްލިފައި ވުމުން އަވަހަށް ގޮތެއް ނިންމައި ކޮންމެވެސް އެހެން ލީޑަރަކު ދައްކަން ޖެހެ އެވެ.
ހަތް މަސް ތެރޭގައި ފުރިހަމަ ކުރަން ޖެހޭ ޝަރުއީ ދެ މަރުހަލާއެއް ކުރިމަތީގައި އޮތް އިރު ސުޕްރީމް ކޯޓުން ފަހު ވަގުތު ޔާމީންގެ ޖަލު ހުކުމް ދަމަހައްޓައިފި ނަމަ ޕީޕީއެމަށް ދެން ވާނެ ގޮތެއް އެ ޕާޓީއަކަށް ވެސް ނޭނގެ އެވެ. އާންމުންނާއި އެތައް ބަޔަކު އެ ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރި ނަމަވެސް ޕީޕީއެމް/ޕީއެންސީގެ މި ވަގުތު އެންމެ އިސް ލީޑަރު އަދުރޭ ހުންނެވީ ގަދަކޮށް، އެ ވާހަކަ ދެއްކިޔަ ނުދޭން ހިފާލައިފަ އެވެ.
"ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓަކަށް އެއްވެސް ބަދަލެއް ނާދޭ. ނުވެސް އަންނާނެ. އެ ބަދަލު ކުރާކަށް ބަޔަކަށް ކުރެވޭނެ މަސައްކަތެއް ވެސް ނޯންނާނެ. އެ ޔަގީންކަން އަރުވަން، އެ ސުވާލު އަޅުގަނޑުމެންނަށް ރަނގަޅީ ނުކުރިއްޔާ،" ޔާމީންގެ މައްޗަށް މަނީލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވުމަށް ފަހު ބޭއްވި ފުރަތަމަ މީޑިއާ ބްރީފިންގައި އަދުރޭ ވިދާޅުވި އެވެ.
ރިޔާސީ ޓިކެޓަށް ޝައުގުވެރިވޭތޯ ވަކިވަކިން ނޫސްވެރިން ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދެއްވައި ހިމޭނުން ހުންނެވި ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގެ އެހެން މެންބަރުންގެ މޫނު މަތިން އިއްޔެ ފެނުނު މަންޒަރުން ވެސް ޕީޕީއެމްގެ މުސްތަގުބަލާ މެދު އޮތް ކަންބޮޑުވުން ވަރަށް ސާފެވެ.
ރިޔާސީ އިންތިހާބުގެ އަހަރުގައި ޕީޕީއެމަށް ކުރިމަތިލާން އޮތީ ހަމައެކަނި އިދިކޮޅު ލީޑަރެއް ނެތުމުގެ ފަޅުކަމެއް ނޫނެވެ. ޕާޓީ އަށް ދެން ވާނެ ގޮތާ މެދު އާންމު މެންބަރުންގެ އެއްވެސް އުންމީދެއް ނެތެވެ.
ސަރުކާރުގެ ގޯސް ކަމާއި ޔާމީނާ ދެކޮޅަށް ކޮށްފާނެ ގޯސް ހުރިހާ ކަމެއްގެ ވާހަކަ ދައްކަނީ ޕީޕީއެމެވެ. އެކަމަކު އެ ގޯސްތަކާ ދެކޮޅަށް އޮތް "ޕްލޭން ބީ" އަކަށް މަޝްވަރާ ކޮށްލަން ބޭނުމެއް ނުވެ އެވެ. އެ ވާހަކަ މީޑިއާ އިން ދައްކަން ވެސް އަދުރޭ ބޭނުން ނުވާ ކަން އިއްޔެ މީޑިއާ ބްރީފިންގައި ސާފުވި އެވެ.
ކޯޓުތަކަށް ސަރުކާރުން އަތް ބާނާ ކަމާއި ފަނޑިޔާރުން ރިޝްވަތު ނަގައިގެން ހުކުމް ކުރާ ކަމުގެ ތުހުމަތު ވެސް ކުރަނީ ޕީޕީއެމެވެ. އެކަމަކު ޔާމީން މިނިވަން ނުކޮށްފާނެ ހާލަތަކާ މެދު އެ ޕާޓީގެ ލީޑަރުން އެއްގޮތަކަށް ވެސް ވިސްނާކަށް ބޭނުމެއް ނުވެ އެވެ. ބައެއް މެންބަރުންނަށް ދެކޮޅު ނުޖެހެނީ އެހާ ހިސާބުންނެވެ. ޔާމީންގެ މައްޗަށް އިއްޔެ 11 އަހަރުގެ ޖަލު ހުކުމް އައުމާ ހިސާބަށް ވެސް ޕީޕީއެމްގެ ލީޑަޝިޕުން ދެއްކީ ގޮތް ދޫނުކުރުމާއި ބަދަލު ހިފުމުގެ ވާހަކަ އެވެ. ޖަލު ހުކުމުގެ ކުރިން ޔާމީންގެ "ފެނިލުމާއެކު" އެންމެ ފަހުން މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން އަޑު އިވުނީ އެފަދަ ވާހަކަފުޅުތަކެވެ. ގަދަބަސް ވިދާޅުވުމެވެ.
މި މައުލޫއުގައި ތަންކޮޅެއް ކުރިން "މިހާރު" އާ ވާހަކަ ދެއްކެވި ޕީޕީއެމްގެ އިސް މެމްބަރަކު ސިފަކޮށްދެއްވީ ރިޔާސީ ޓިކެޓުގެ ވާހަކަ ދައްކާ ހިސާބުން އެ ޕާޓީގެ ކުރިމަގު ބަދަލުވެދާނެ ދެ ގޮތެކެވެ.
އެއް ގޮތަކީ ޕީޕީއެމުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރީބައިގައި އެހެން ކެންޑިޑޭޓަކު ފައްކާ ކުރަން ފެށުމެވެ. އެހެން ހަދައިފި ނަމަ ޕާޓީގެ ތެރޭގައި ޔާމީން މިނިވަން ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ހިނގާނީ އެހެން އެޖެންޑާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދެން އޮތް ގޮތަކީ ފަހު ވަގުތާ ޖެހެންދެން ޔާމީންގެ ނަން ކިޔުމެވެ. ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކޮށްފި ނަމަ އެ ޕާޓީ އަށް ހައްތަހާ ވެސް ރަނގަޅެވެ. އެކަމަކު ޔާމީންގެ ޖަލު ހުކުމް ދަމަހައްޓައިފި ނަމަ އެންމެ ފަހު ގަޑީގައި ލީޑަޝިޕުން ޓިކެޓާ ހިފައިގަނެ މުޅި ޕާޓީ ރޫޅި ފުނޑުފުނޑު ވެދާނެ ކަމުގެ ބިރު އެބައޮތެވެ. ނުވަތަ ޔާމީން ކުރިން ސިފަ ކުރެއްވި ގޮތަށް "މިނިކާ ބާޒެއް" ގޮސް ޕާޓީ ޖަހައިގަނެފާނެ ކަމުގެ ބިރު ވެސް އެހާ ބޮޑެވެ.
"އިތުބާރަކީ މި ދަނޑިވަޅުގަ ޕާޓީ ތެރޭ ވަރަށް ތަދު އެއްޗެއް. އެހެންވެ މި ވަގުތު ޕާޓީ އަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެހެން ކެންޑިޑޭޓެއްގެ ވާހަކަ ނުދެއްކުން. އެކަމަކު ރެނދުލައި ޓިކެޓުގެ ވާހަކަ ބޭރު ނުވާނެ ހާލަތެއް ނާންނާނެއޭ ވެސް ނުބުނެވޭނެ،" އެ މައްސަލައިގެ ގޮތުން ނަން ޖަހަން ބޭނުން ނުވާ ޕީޕީއެމްގެ އިސް މެމްބަރަކު ވިދާޅުވި އެވެ.
ޕީޕީއެމް މިހާރު އޮތީ ޔާމީން ކުރިން ޖަލަށް ވަޑައިގަތް އިރު އޮތް ހާލަތުގައެއް ވެސް ނޫނެވެ. ޓިކެޓު ހޯއްދަވަން ރަނގަޅަށް އިންވެސްޓު ކޮށްގެން ތިބި މެންބަރުން އެބަތިބި ކަމަށް ތުންތުން މަތިން ދެއްކެވެ އެވެ.
ދާދި ފަހުން ވެސް އޭގެ ބައެއް ވާހަކަތައް ސޯޝަލް މީޑިއާއަށް ބޭރުވެ، ޗެޓްލޮގްތައް ލީކުވި އެވެ.
އެ ޖަޒުބާތާއެކީ އަދުރޭ އެ ދުވަހު ވެސް ކުރި ޓުވީޓެއްގައި ވިދާޅުވީ، ހަސަދަވެރިންނަށް ބެލުމެއް ނެތި ޔާމީން 2023 ގައި ވެރިކަމަށް ގެންނަވަން އޭނާ އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޔާމީން މިނިވަންކޮށް ހުއްޓާ ޕާޓީގެ އެތެރެ، އެ ހާލަތަށް ދިޔަ އިރު އެ މަނިކުފާނު ޖަލަށް ލުމުން ދެން ހިފަހައްޓާލެވޭނީ ނުވަތަ ލީޑަޝިޕްގެ އެހެން މެންބަރުންގެ "އަނގަ ބަންދުކޮށްގެން" ތިބެވޭނީ ކިހާ ދުވަހަކަށްތޯ ސުވާލު އުފެދެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދައިގެން މިހާރު ތިއްބެވި ބައެއް ލީޑަރުންގެ ކަޅި ޕީޕީއެމަށް އަމާޒުވުމުގެ ބިރު ޔާމީނަށް އޮތް ކަން ކަށަވަރެވެ. "މިނިކާ ބާޒެއް" ގެ ވާހަކަ އެ މަނިކުފާނު ދޭތެރެދޭތެރެއިން ދައްކަވަނީ އެހެންވެ އެވެ. ރިޔާސީ އިންތިހާބާ ދެމެދު މި އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެ މަނިކުފާނު ޖަލުން ސަލާމަތް ނުވެއްޖެ ނަމަ "މިނިކާ ބާޒު" ތައް ޕީޕީއެމާ ކައިރި ނުވާނެ ކަމުގެ ޔަގީންކަން އޮތް ހެނެއް ހިއެއް ނުވެ އެވެ.
ޔާމީންގެ ދިފާއުގައި އެންމެ ކުރީގައި އުޅުއްވާ އަދުރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ސީދާ ދިވެހި ސަރުކާރާއި އިންޑިއާގެ އޯޑަރަކަށެވެ.
އެ ހުކުމް މަތީ ކޯޓުތަކުން ބާތިލް ނުކުރާނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީން ކަން އޮތީ އެހެންވެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ހުރިހާ ފަނޑިޔާރުންނަކީ ވެސް ގަނެލެވޭނެ ބައެއް ނޫން. މީގެ ތެރޭގައި އުޅޭނެ ﷲ އަށް ބިރުވެތިވާ މީހުން ނުފޫޒުތަކަށް ނޫނެކޭ ބުނާނެ މީހުން. އެންމެ ފަހުން ވެސް ސުޕްރީމް ކޯޓުން މި ވަނީ ޔާމީން މައުސޫމް ކަމަށް ކަނޑައަޅާފައި. އަޅުގަނޑުމެން މިހާރު ވެސް އެ ކޯޓަށް އިތުބާރު ކުރަން،" އަދުރޭ ވިދާޅުވި އެވެ.
އޭނާގެ ވިސްނުން ހުރީ އެ ޕާޓީން ކުރިން ވެސް އަމަލު ކުރި ގޮތަށް މަސައްކަތްތައް ބައްޓަން ކުރުމަށެވެ.
ޔާމީންގެ ދިފާއުގައި މަގުމަތީގެ ހަރަކާތްތަކާއި ޖަލްސާ ބައްދަލުވުންތައް ބޭއްވުމެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމް ރަނގަޅަށް ދާނެ ކަމަށް އުންމީދު ކުރުމެވެ. އޭގެ ކުރިން ޕީޕީއެމާއި ޕީއެންސީގެ ތެރެއިން އެއްވެސް މެމްބަރަކު ޓިކެޓު ހޯދަން ނޫޅޭނެ ކަމުގެ ޔަގީން ކަން އަދުރޭ ތަކުރާރުކޮށް ދެއްވި އެވެ.
"އަޅުގަނޑުމެން މާ ކުރިން އޮންނާނީ ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލު ކޮށްފައި. އެކަމާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ނޫޅުއްވާނެ،" އޭނާ ވިދާޅުވި އެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް ވިދާޅުވީ އެހެންނެވެ. ޔާމީންގެ ކެންޑިޑެސީއާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅަނީސް އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު މުޅިން ނުގެއްލެ އެވެ.
ކެންޑިޑޭޓެއްގެ ސުވާލު ކުރިމަތި ކުރުވަންވީ ޔާމީނަށް އެ ފުރުސަތު ގެއްލުނީމާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަގައިމު ވެސް އިދިކޮޅު ކޯލިޝަނަށް މި ވަގުތަށް އެންމެ މަސްލަހަތު އޮތް ގޮތަކީ އެހެން މެމްބަރަކަށް ޓިކެޓު ހަވާލު ކުރަން ވިސްނުމުގެ ބަދަލުގައި ޔާމީން މިނިވަން ކުރަން މަސައްކަތް ކުރުން ކަމަށް ވެދާނެ އެވެ. އެކަމަކު، ރިޔާސީ އިންތިހާބު ބޯމަތީގައި އޮތް އިރު އެ ސުވާލުތައް އުފައްދަން ނުކެރި މަޑުކޮށްގެން ތިބެގެން ވެސް އެ ޕާޓީގެ މުސްތަގުބަލަށް އޮތް ނުރައްކާ ކުޑައެއް ނޫނެވެ.