16 ޖެނުއަރީ 2017 - 06:29

ކުޅިކޮށް ކެއުމަށް ފޯރި ހުންނަ މީހުންނަށް މިއީ އުފާވެރި ޚަބަރަކަށް ވާނެ އެވެ. ކުޅިކޮށް ކައި މީހުން ސްޓްރޯކާއި ހާޓް އެޓޭކް ފަދަ ކަންކަމުގައި މަރުވުމަށް އޮންނަ ފުރުސަތު 13 ޕަސެންޓަށް ދަށްވާ ކަމަށް ޔުނިވަސިޓީ އޮފް ވާމޮންޓްގެ ލާނާ ކޮލެޖް އޮފް މެޑިސިން އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ޕްލޮސް ވަންގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ އެމެރިކާގެ ނެޝަނަލް ހެލްތު އެގްޒަމިނޭޝަން ސާވޭގައި ބައިވެރިކޮށް، 23 އަހަރުގެ މުއްދަތަކަށް މައުލޫމާތު ދީފައިވާ 16،000 މީހެއްގެ ރެކޯޑްތަކަށް ބަލާއިރު ކުޅި މިރުސް ކައި އުޅޭ އަދި ކުޅި ތަކެތި ކައި އުޅުނު މީހުންގެ އުމުރު ދިގުކަން ފާހަގަވާ ކަމަށެވެ. ދިރާސާގައި އެކި ނަސްލުގެ އެކި އުމުރުގެ މީހުން ބައިވެރިކޮށްފައި ވާއިރު ތައުލީމީ ފެންވަރު އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަ ހުންނަ ގޮތަށް ވެސް ރިއާޔަތްކޮށްފައިވެ އެވެ.
ކުޅި ތަކެތި ކެއުން ގިނަ މީހުންގެ އުމުރު ދިގު ކަމަށް ރެކޯޑްތަކުން ދެއްކި ނަމަވެސް މިއީ ކިހިނެއް ދިމާވާ ކަމެއްކަން ދިރާސާގައި ބަލައިފައެއް ނުވެ އެވެ. އެކަމަކު އިތުރު ހޯދުންތައް އަދިވެސް ދަނީ ހޯދަމުންނެވެ.
އެމެރިކާ މީހުންގެ ތެރެއިން ކުޅިކޮށް ކައި އުޅޭ މީހުންގެ މައުލޫމާތަށް ބަލާއިރު އޭގެ ތެރޭގައި ޒުވާނުންނާއި ފިރިހެނުންނާއި ދޮން މީހުންނާއި، މެކްސިކަން ދަރިކޮޅުގެ މީހުންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނާއި ސިނގިރޭޓް ބޯ މީހުންނާއި ރާ ބޯ މީހުންނާއި ތަރުކާރީ އާއި އެއްގަމު މަސް ގިނައިން ކައި މީހުންނާއި އެޗްޑީއެލް ކޮލެސްޓްރޯލް ދަށް މީހުން އަދި އާމްދަނީ މަދުން ލިބޭ މީހުން ގިނަކަން ފާހަގަވެފައިވެ އެވެ.
މިރުހުން އުމުރު ދިގުކޮށްދެނީ ކީއްވެގެންކަން ޔަގީންކަމާ އެކު ނޭނގުނަސް، މިރުހުގައި ހުންނަ ކެޕްސީސިން ކިޔާ މާއްދާ އަކީ ފަލަ ބަލިން ދުރުކޮށްދޭ، ލޭ ހޮޅިތަކުގައި ލޭ ދައުރުވުން ފަސޭހަކޮށްދޭ އަދި މައިކްރޮއޮގަނިޒަމްސްތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްޗެއްކަން އެނގެ އެވެ.