09 ޖޫން 2016 - 00:15

ލަންޑަން (ޖޫން 9) - އެމެރިކާގެ ވިޔަފާރި މެގަޒިން ފޯބްސް އިން އަހަރަކު އެއް ފަހަރު ހޮވާ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތުލީޓަކަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވުނުއިރު، ދެ ވަނަ އަށް ފީފާ އިން ހޮވި މިދިޔަ އަހަރުގެ ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ ލިއޮނަލް މެސީ ހިނގައްޖެ އެވެ.
މިއީ 2000 ވަނަ އަހަރަށް ފަހު ފޯބްސް އިން ހޮވާ އެންމެ މުއްސަނދި އެތުލީޓުންގެ ލިސްޓުގެ ކުރިން ފުޓްބޯޅަ ކުޅުންތެރިޔަކަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. މި ލިސްޓުގެ އެއް ވަނަ އެންމެ ގިނަ އިން ހޯދާފައިވަނީ ބޮކްސިން ތަރި ފްލޮއިޑް މޭވެދާ އާއި ގޮލްފް ލެޖެންޑް ޓައިގާ ވުޑްސް އެވެ.
ރޮނާލްޑޯ އެއް ވަަނައިގައި އޮތީ 88 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެސީ އަށް ލިބިފައިވަނީ 81 މިލިއަން ޑޮލަރެވެ. ތިން ވަނައިގައި އޮތީ އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރަން ޖޭމްސް އެވެ. އޭނާ ތިން ވަނައިގައި އޮތީ 77.2 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު އެވެ.
ހަތަރު ވަނައިގައި ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ އޮތީ 67.8 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދައިގެންނެވެ. އަދި ފަސް ވަނައިގައި އޮތީ އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކެވިން ޑުރާންޓެވެ. އޭނާ އަށް ވަނީ މިދިޔަ އަހަރު 56.2 މިލިއަން ޑޮލަރު ލިބިފަ އެވެ.
މި ލިސްޓުގައި ގަރެތު ބޭލް އޮތީ 25 ވަނައިގަ އެވެ. އޭނާ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 35.9 މިލިއަން ޑޮލަރެވެ. އިނގިރޭސި ކެޕްޓަން ވޭން ރޫނީ 49 ވަނައިގައި އޮތީ 26.1 މިލިއަން ޑޮލަރު ހޯދައިގެންނެވެ.
ފޯބްސް އިން އެންމެ މުއްސަނދި އެތުލީޓު ހޮވަނީ އެ ކުޅުންތެރިޔަކު ކުޅޭ ޓީމަކުން ލިބޭ މުސާރަ އާއި އިޝްތިހާރުތަކުން ލިބޭ އާމްދަނީ އަށް ބެލުމަށް ފަހު އެވެ. މިިދިޔަ އަހަރު ރޮނާލްޑޯ އަށް ލިބުނީ ތިން ވަނަ އެވެ. މެސީ އޮތީ ހަތަރު ވަނައިގަ އެވެ. މިދިޔަ އަހަރު ރޮނާލްޑޯ އަށް ލިބުނީ 79.6 މިލިއަން ޑޮލަރެވެ. އަދި މެސީ އަށް 73.8 މިލިއަން ޑޮލަރެވެ.
މިދިޔަ އަހަރު އެއް ވަނަ ލިބުނީ މަޝްހޫރު ބޮކްސިން ކުޅުންތެރިޔާ ފްލޮއިޑް މޭވެދާ އަށެވެ. ދެ ވަނަ އަށް ދިޔައީ މޭވެދާއާ އެކު އެންމެ ބޮޑު ތެޅުމުގައި ބައިވެރިވި މެނީ ޕަކިއާއޯ އެވެ.