25 ޑިސެމްބަރ 2022 - 12:48

މާލެ އާއި ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގައި 6.8 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި 17 މީހުންގެ ތެރެއިން ބައެއް މީހުން މަހަކަށް ބަންދުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގެ 10 ތަނެއް ބަލާފާސްކުރުމުގެ ތެރޭގައި 6.8 ކިލޯގެ ޑްރަގާއެކު، 933،430 ރުފިޔާ އަތުލައިގެންފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގެ ތެރެއިން 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި ހައްޔަރުކުރީ ޑްރަގް ޓްރެފިކްކުރުމުގައި އުޅޭ މަޝްހޫރު ގްރޫޕެއްގެ ބައެކެވެ. އެކަމަކު އެއީ ކޮން ގްރޫޕެއް ކަމެއް ސީޕީ ހާމައެއް ނުކުރައްވަ އެވެ.
އެ ޓުވީޓާ އެކު ސީޕީ ވަނީ ޖޫސްޕެޓީ ކޮތަޅުތަކެއްގައި ބަންދުކޮށްފައިވާ މަސްތުވާތަކެއްޗާއި ބޮޑެތި ޕެކެޓްތަކެއްގައި ރައްކާކޮށްފައިވާ މަސްތުވާތަކެތީގެ ފޮޓޯތަކެއްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ރައްކާކޮށްފައި ހުރި ފޮޓޯތަކެއް ވެސް އާންމުކުރައްވައިފަ އެވެ.
ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަތުލައިގަނެ ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރިއަސް ވަކި ހިސާބުން އެ މީހުން ދޫވާ މައްސަލާގައި ފުލުހުންނަށް ފާޑުކިއުން ބޮޑެވެ.