25 ޑިސެމްބަރ 2022 - 12:01

އުރީދޫގެ "ކަލާ ރަން" އަޕްގްރޭޑްކޮށް، ބޭއްވި ފުރަތަމަ "ފަން ރަން" އަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ދުވުމުގައި 5،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ.

އެ ދުވުން ފެށުމުގެ ގޮތުން ނައިބް ރައީސް ފައިސަލް ނަސީމާއި އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އައި ސީއީއޯ ހާލިދު އަލް ހަމަދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވަނީ ފަން ރަންގެ ދުވުންތެރިންނާއެކު ސެލްފީއެއް ނަންގަވައިފަ އެވެ.
އެ "ފަން ރަން" ކުރިއަށް ގެންގޮސްފައި ވަނީ މަޖާ މާހައުލެއްގާއި މިޔުޒިކާއި ކުލަ ޖެހުމާއި، އިންފްލޭޓަބަލް އޮބްސްޓެކަލްސްތަކަކާއި އެކު އެވެ. އެ ދުވުން ނިންމާލާފައި ވަނީ ފެނާއި، ފޯމު ޕާޓީ އަކުންނެވެ.
އުރީދޫގެ އެމްޑީ އަދި ސީއީއޯ އަލް ހަމަދީ ވިދާޅުވި ގޮތުގައި އެ ދުވުމަކީ އާއްމުންނާއި އެކު މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށް، އުފާވެރިކަމާ އެކު އަހަރު ނިންމާލަން ބޭއްވި ދުވުމެއް ކަމަށެވެ. އަދި އެ ދުވުމަކީ ޕެންޑަމިކަށް ފަހު ބޭއްވި ފުރަތަމަ އިވެންޓް ކަމަށާއި ލިބުނު ތަރުހީބާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ފުވުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމުގެ ގޮތުން އުރީދޫއިން ބޭއްވި ދުވުމެކެވެ. އުރީދޫއިން ބުނި ގޮތުގައި އެ ދުވުން އަންނަ އަހަރު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.
މި ފަހަރުގެ ދުވުމުގައި ބައިވެރިން ދުވެފައި ވަނީ ފަސް ކިލޯމީޓަރެވެ. އެ ދުވުމުގައި ރާއްޖޭގެ މަޝްހޫރު ގިނަ އެތުލީޓުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެ ދުވުމަށް ސޯޝަލް މީޑިއާގައި ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.