ކޮސްޓާ ފިޓްވާނެ ދުވަހެއް ނޭނގޭ: ކޮންޓޭ
ކޮސްޓާ ފިޓްވާނެ ދުވަހެއް ނޭނގޭ: ކޮންޓޭ

ލަންޑަން (ޖެނުއަރީ 15) – ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ޓީމަށް ނުނެގީ އަނިޔާގެ ސަބަބުން ކަމަށާއި އޭނާ ފިޓްވާނެ ދުވަހެއް ބުނަން ނޭގޭ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 3-0 އިން ޗެލްސީ މޮޅުވި މެޗުގެ ސްކޮޑަށް ކޮސްޓާ ނުނެގީ، އޭނާ ފިޓްނޫން ކަމަށް ބުނެ ކުޅެން ދެކޮޅު ހެދުމުންނެވެ. އޭނާ އެހެން ބުނި ނަމަވެސް ފިޓްނަސް ކޯޗުން ބުނީ އޭނާގެ އަނިޔާގެ މައްސަލައެއް ނެތް ކަމަށެވެ. އެ މައްސަލައިގައި ކޮންޓޭ އާއި ކޮސްޓާ ވަނީ މައްސަލަ ޖެހިފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކޮސްޓާ ކުޅެން ބޭނުންނުވީ އޭނާ އަށް ޗައިނާގެ ކްލަބަކުން ބޮޑު އޮފާއެއް އައިސްފައިވާތީ އެވެ.

"އަހަންނަކަށް ނޭގޭ އޭނާ ފިޓްވާނެ ދުވަހެއް. އޭނާ އަށް ވާތަދެއް އަހަންނަކަށް ނުވޭ. ފެށޭ ހަފުތާގައި ހިނގާ ބަލަމާ ވާގޮތެއް،" ކޮންޓޭ ބުންޏެވެ.

ޗެލްސީ ލީގުގެ އެއް ވަނައިގައި އޮތްއިރު ކޮސްޓާގެ ދައުރު ވަރަށް ބޮޑެވެ. އޭނާ 14 ގޯލް ޖަހާފައިވާއިރު ފަސް ގޯލް ޖަހަން ވަނީ މަގުފަހިކޮށްދީފަ އެވެ. ޗެލްސީގައި ކޮސްޓާގެ ކުރިމަގާ ބެހޭގޮތުން ސުވާލުކުރުމުން ކޮންޓޭ ބުނީ އެކަމާ ކަންބޮޑުވެވެން ނެތް ކަމަށާއި އެ ޓީމުގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމާ އެކު އެކަމާ ވިސްނެން ނެތް ކަމަށެވެ.

"ކީއްވެ ނުކުޅެންވީ،" ކޮސްޓާ ޗެލްސީގެ ޖާޒީގައި ދެން ފެނިދާނެތޯ އެހުުމުން ކޮންޓޭ ބުންޏެވެ. "ކޮސްޓާ ޗައިނާ އަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކެއް އަހަންނަކަށް ވެސް އަދި ޗެލްސީ އަކަށް ވެސް ނޭގޭ."

ރޭގެ މެޗުގައި ދެ ލަނޑު ޖެހި މާކޮސް އަލޮންސޯ ބުނީ ކޮސްޓާއާ ބެހޭގޮތުން ދެކެވެނީ ނޫސްވެރިން ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށާއި ކޮސްޓާ ނުކުޅުނީ ފިޓްނުވާތީ ކަމަށެވެ. އަދި އޭނާ ޗެލްސީގައި ހުރީ އުފަލުން ކަމަށާއި އޭނާ ޗެލްސީގައި ކާމިޔާބު ސީޒަނެއް ހޭދަކުރާނެ ކަމަށް އޮލޮންސޯ ބުންޏެވެ.