ދުވާފަރު ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ނަޒީމް ކާމިޔާބުކުރައްވައިފި
ދުވާފަރު ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ނަޒީމް ކާމިޔާބުކުރައްވައިފި

ރ. ދުވާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ނަޒީމް މިއަދު ކާމިޔާބު ކުރައްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާނުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަށް ވުރެ 68 ވޯޓު އިތުރަށް ހޯއްދެވި ނާޒިމެވެ.

ވަގުތީ ނަތީޖާ:

• އަހުމަދު ހުސެއިން (އަމިއްލަ ގޮތުން) 298

• ފާތިމަތު އަލީ (ޕީޕީއެމް) 544

• އަބްދުﷲ ނަޒީމް (އެމްޑީޕީ) - 612

އެ ބައި އިލެކްޝަންގައި ވޯޓުލީ ދުވާފަރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 43.6 ޕަސެންޓު މީހުންނެވެ.

ޑީޖޭއޭ އަށް ހެދުނުގެ އޮޅުމެއްގެ ސަބަބުން އެންމެ ފަހު ވަގުތު ނަޒީމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް އޭނާ އިންތިހާބުކުރީ ކެންޑިޑެސީއާ ގުޅިގެން ކޯޓަށް ވެއްދި މައްސަލައެއް ކާމިޔާބު ކުރެއްވުމުންނެވެ.

ނަޒީމްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޑީޖޭއޭ އިން އޭނާގެ ދަރަނީގެ ރެކޯޑް ދޫކުރިއިރު އޮޅިގެން ބައެއް ރެކޯޑްތައް ހިމަނާފައި ނެތުމުންނެވެ.

ފަހުން ޑީޖޭއޭ އިން އެ ރެކޯޑްތައް ނަޒީމަށް ދިނަސް، އިލެކްޝަންސް ކޮމިޝަނުން ނިންމީ ވަގުތު ހަމަވެފައިވާތީ އެ ލިޔުންތައް ބަލައިނުގަތުމަށާއި އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށެވެ.

އެ މައްސަލަ ނަޒީމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުންކުރި ހުކުމުގައި ވަނީ ދަރަނީގެ ރެކޯޑް ފުރިހަމަނުވީ ޑީޖޭއޭ އަށް އެރި އޮޅުމެއްގެ ސަބަބުން ކަން އެ އިދާރާގެ ބަހުން އެނގޭ ކަމަށެވެ.

ކޮމިޝަނުން ގޮތެއް ނިންމުމުގެ ކުރިން އެ ދުވަހު އެ ލިޔުންތައް ފުރިހަމަކޮށް، ނަޒީމްގެ ރެކޯޑް ހުށަހަޅާފައިވާތީ އޭނާގެ ކެންޑިޑެސީ ބަލައިގަންނަން ޖެހޭ ކަމަށް ހުކުމުގައި ވެ އެވެ.