15 ޖެނުއަރީ 2017 - 11:43

މެންޗެސްޓާ (ޖެނުއަރީ 15) - މި ވަގުތަށް ބަލާއިރު އެންމެ ރަނގަޅު ފޯމެއްގައި އޮތީ މެންޗެސްޓާ ޔުނައިޓެޑް ކަމަށާއި އެކަމަކު އެއީ އެޑްވާންޓޭޖެއް ނޫން ކަމަށް އެ ޓީމާ ދެކޮޅަށް ޕްރިމިއާ ލީގުގައި މިރޭ ނުކުންނަ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ލީގުގެ ހަ ވަނައިގައި އޮތް ޔުނައިޓެޑް އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު ނުވަ މެޗުން ވަނީ މޮޅުވެފަ އެވެ. މިއީ 2009 ވަނަ އަހަރަށް ފަހު ޔުނައިޓެޑް ޖެހިޖެހިގެން މިހާ ގިނަ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުތަކަށް ފަހު ލިވަޕޫލް ވަނީ ލީގުގެ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އަލުން ދެ ވަނަ މަގާމަށް އަރަން ލިވަޕޫލް މިރޭ މޮޅުވާންޖެހެ އެވެ.
ކްލޮޕް ބުނީ މި މެޗަށް ނުކުންނައިރު ކުރިން ކުޅުނު މެޗުތަކުގެ ނަތީޖާ އިން ކުރާނެ ފައިދާއެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
"އަހަރެމެން އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާތައް އެންމެ ރަނގަޅެއް ނޫން. އެކަމަކު ޔުނައިޓެޑް އޮތީ ގާތްގާތުގައި ގިނަ މެޗުތަކުން މޮޅުވެފައި. ރަނގަޅު ފޯމެއްގައި އޮތުމަކީ މި ކަހަލަ މެޗެއްގައި އެޑްވާންޓޭޖެއް ނޫން. އެއީ މިއީ ކޮންމެ ޓީމަކަށް ވެސް ފަސޭހަވާނެ މެޗެއް ނޫން،" ކްލޮޕް ބުންޏެވެ.
މޮރީނިއޯ ކޯޗުކޮށްދިން ކްލަބްތަކާ ދެކޮޅަށް ކްލޮޕްގެ ޓީމުތަކުން ވަނީ މީގެ ކުރިން ހަ ފަހަރު ނުކުމެފަ އެވެ. އޭގެ ތެރެއިން މޮރީނިއޯ އަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ.
"އަހަރެންނަށް އިނގޭ މިއީ އިނގިރޭސި ފުޓްބޯޅަ ކަލަންޑަރުގައި ކުޅެވޭ އެންމެ ވާދަވެރި އެއް މެޗު. ސަޕޯޓަރުން ވެސް ކުޅުންތެރިން ވެސް ބަލިވާން ބޭނުންނުވާނެ މި މެޗުން. އެ ހުރިހާ ކަމަކަށް ވިސްނަން އަހަރެންނަށް ވަގުތު ނެތް. އެކަމަކު އަހަރެން ބޭނުމީ މެޗުން މޮޅުވެގެން އަަހަރެންގެ ޓާގެޓަށްދާން މަސައްކަތް ކުރަން،" ކްލޮޕް ބުންޏެވެ.
ލީގު ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބުދަ ދުވަހުގެރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފްގައި ލިވަޕޫލަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ ވަނީ ކުޅެން އަރުވައިފަ އެވެ. މިރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ކޯޓީނިއޯ ފެނުމުގެ ފުރުސަތު ބޮޑެވެ.
އަދި އަނިޔާގެ ސަބަބުން އެންމެ ފަހުން މެޗުތަކުގައި ނުފެނުނު ލިވަޕޫލްގެ ޖޮއެލް މަޓިޕް އާއި ޖޯޑަން ހެންޑަސަން ވެސް މިރޭ ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.
ލިވަޕޫލާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރު އެވެ.