24 ޑިސެމްބަރ 2022 - 14:21

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރަން ސިނަމާލޭ ބްރިޖުގައި ބޮޑު ދުވުމެއް މިއަދު ހެނދުނު ބާއްވައިފި އެވެ.

ޗައިނާގެ އެހީގައި އަޅާފައިވާ ސިނަމާލެ ބްރިޖުގައި ބޭއްވި އެ ދުވުމުގައި 300 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މިނިސްޓްރީތަކުންނާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މަޖިލިސް މެމްބަރުންނާއި ޔުނިވާސިޓީތަކުގެ ދަރިވަރުންނާއި ޗައިނާގެ މަސައްކަތްތެރިން ވެސް ހިމެނެ އެވެ.

އެ ހަރަކާތުގައި ރާއްޖޭގެ އެންޖީއޯތަކުގެ ތެރޭގައި ހިމެނޭ ބައިކް މޯލްޑިވްސް އާއި ވިލި ޖޯލި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެސޯސިއޭޝަނުން ވެސް ބައިވެރިވި އެވެ.

އެ ހަރަކާތަށް ފަހު ޗައިނާގެ އެމްބެސެޑަރު ވަންގް ލިޝިންގް ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށާއި މިއީ އެ ހަރަކާތްތަކުގެ ފެށުމެއް ކަމަށެވެ.
މި ހަރަކާތުގައި ބައިވެރިވި އެންމެ ހަގު ބައިވެރިއަކީ 18 މަހުގެ ކުއްޖެކެވެ. އެހެންވެ އެއީ އަސަރުކުރުވި ވަގުތުކޮޅެއްގެ ގޮތުގައި ސިފަކުރައްވައި އެމްބެސެޑަރު ވިދާޅުވީ އެކަމުން އެނގިގެންދަނީ ޗައިނާ އާއި ރާއްޖޭގެ ގުޅުން މީހުން ބަލައިގަންނަ ކަމެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗައިނާ އާއި ރާއްޖޭގެ ގުޅުން ފާއިތުވި މުއްދަތުގައި ދަމަހައްޓާފައި ވަނީ ވަރަށް ރަނގަޅަށެވެ. އެއް ގައުމުން އަނެއް ގައުމާ މެދު ވަރަށް ހަމަހަމަކަމާ އެކު އަމަލުކުރަމުން އަންނަ ކަމަށާއި ކޮންމެ ދަނޑިވަޅެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދީ ޗައިނާ-ރާއްޖެ، ދުނިޔެއަށް ދައްކައިދީފައި ވަނީ އެކުވެރިކަމުގެ މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފާއިތުވި އަހަރުތަކުގައި މިގުޅުމުގެ ސަބަބުން ގިނަ ކަންތައްތަކެއް ކާމިޔާބުވި. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާ އިން ވެސް ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރެވުނު. ސިނަމާލެ ބްރިޖަކީ ދެ ގައުމުގެ ގާތްކަން ފެންނަ، ލޭންޑްމާކް ޕްރޮޖެކްޓެއް." ބްރިޖުގެ ސަބަބުން އެތައް ޖީލަކަށް ޗައިނާ-ރާއްޖެ ގުޅުން ދެމިގެންދާނެ ކަމަށް ފާހަގަކުރައްވަމުން އެމްބެސެޑަރު ވިދާޅުވި އެވެ.
އެމްބެސެޑަރު ވިދާޅުވީ ޗައިނާ އިން ކުރިއަށް ގެންދާ ވެލާނާ އެއާޕޯޓްގެ މަސައްކަތްތަކާއި ސޯޝަލް ހައުސިން މަސައްކަތްތަކަކީ އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭނެ މަސައްކަތްތަކެއް ކަމަށެވެ.
ޗައިނާ-ރާއްޖެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރަން މިދިޔަ އޮކްޓޫބަރު މަހުގެ 22 ގައި ވަނީ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ސަފީރު ވަނީ ރާއްޖެއަށް ގޯލްޑަން ޖުބިލީގެ ހަނދާނީ ފިލައެއް އަރުވައިފަ އެވެ.