24 ޑިސެމްބަރ 2022 - 13:50

ރާއްޖެއަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 5،500 އަށް އަރައިފި އެވެ.
މިއީ މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އަންނަ ދުވަސްވަރެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ކަމަށް ފާހަގަކުރެވިފައިވަނީ ފެބްރުއަރީ މަހު އެވެ. އެ މަހު އެވްރެޖްކޮށް ރާއްޖެއަށް 5،200 ޓޫރިސްޓުން އަައިސްފައިވެ އެވެ. ދެން އެންމެ ގިނައިން ޓޫރިސްޓުން އަންނަ ކަމަށް ރެކޯޑު ކުރެވިފައިވަނީ އޮކްޓޫބަރު މަހު އެވެ.
މިދުވަސްވަރު ރާއްޖެއަށް އެހާ ގިނަ ޓޫރިސްޓުން އަންނަނީ، އާ އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް، ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއަށް ދަތުރު ކުރާތީ އެވެ.
މިއަހަރުގެ ހުރިހާ މަހަކު ވެސް ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 3،300 އާއި 4،500 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން އާދެ އެވެ.
މި އަހަރުގެ މިހާތަނަށް 1.6 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. އެ ގައުމުން މިހާތަނަށް 220،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން 190،000 ޓޫރިސްޓުން އައެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.