ބޮޑު ތާއީދަކާ އެކު ރިޔާސީ ޕްރައިމަރީއަށް ރައީސް ފޯމު ހުށަހަޅުއްވައިފި
ބޮޑު ތާއީދަކާ އެކު ރިޔާސީ ޕްރައިމަރީއަށް ރައީސް ފޯމު ހުށަހަޅުއްވައިފި

އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

ރައީސްގެ ކެމްޕޭން މެނޭޖަރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ހުށަހެޅުއްވީ އެ ޕާޓީގެ 20،000 އަށް ވުރެން ގިނަ މެމްބަރުންގެ ތާއީދާ އެކުގައި ކަަމަށެވެ. ޕާޓީން އަމަލުކުރާ އުސޫލުގައިވާ ގޮތުން އެންމެ މަދުވެގެން 500 މެމްބަރުންގެ ތާއީދާ އެކު ވެސް ހުށަހެޅިދާނެ އެވެ.

ރައީސްގެ ފޯމު މިއަދު އޮންލައިންކޮށް ޕާޓީއަށް ހުށަހެޅުއްވި އިރު އެމަނިކުފާނު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ގއ. އަތޮޅުގަ އެވެ.

ވެރިކަމުގެ ދެ ވަނަ ދައުރަކަށް ނުކުމެވަޑައިގަންނަވާނެ ކަން ޕާޓީގެ ހަރަކާތްތެރި މެމްބަރުންނާ ބައްދަލުކުރައްވައި މި ހަފުތާގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އެއާއެކު ތާއީދަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސްގެ އިތުރުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ފޯމު ހުށަހެޅުއްވީ ޕާޓީގެ ކިތައް މެމްބަރުންގެ ތާއީދާ އެކުގައި ކަމެއް އަދި މިހާތަނަށް ކެމްޕޭން ޓީމުން ހާމައެއް ނުކުރެ އެވެ.

އެކަމަކު ފޯމު ހުށަހެޅުމުގެ ކުރިން ތާއީދު ފޯމުގައި ގިނަ ބަޔަކު ލައްވައި ސޮއިކުރުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ މަހު 28 ގަ އެވެ.

- ޕްރައިމަރީގެ ފޯމު ބަލައިގަތުމުގެ ފަހު ދުވަހަކީ ޑިސެމްބަރު، 24

- ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ޑިސެމްބަރު 26 ގައި އިއުލާންކުރާނެ

- ޕްރައިމަރީގެ ވޯޓާސް ލިސްޓު ޑިސެމްބަރު 28 ގައި އާއްމުކުރާނެ

- ޑިސެމްބަރު 31 ގައި ޝަކުވާއަށް ހުށަހެޅުމުގެ ފުރުސަތު ހަމަވާނެ

- ޖެނުއަރީ 10 ގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނެ

ދެ ރައީސުން ވާދަކޮށް، އެމްޑީޕީން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ހޮވާ ޕްރައިމަރީއަކީ އެ ޕާޓީގެ ހަޔާތުގައި މިހާތަނަށް އަންނާނެ ސިޔާސީ އެންމެ ވަރުގަދަ ހަރަކާތެވެ.

ދެ ރައީސުންގެ ހިޔާލުތަފާތުވުން ބޮޑުވެ، ގުޅުން އޮތީ ގޯސްވެފަ އެވެ. މި ހިތްހަމަނުޖެހުމުގެ ފެށުމަކީ ބަރުލަމާނީ ނިޒާމެވެ. ދައުރުގެ މެދުތެރެއިން ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ނަޝީދު ބޭނުންފުޅުވެ އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގަތެވެ. އެކަމަކު، އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖާގަ ނުދެއްވީ އެވެ.

އެކަން ކުރެއްވެން އޮތީ، ގާނޫނުއަސާސީ އިސްލާހުކޮށް، ރައްޔިތުންގެ ވޯޓަކުންނެވެ. އެ މަގަށް، މަސައްކަތްކުރަން އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވެސް ދެކޮޅު ހެދީ އެވެ.