24 ޑިސެމްބަރ 2022 - 13:59

ދުނިޔޭގެ އެންމެ ލަގްޒަރީ 15 ހޮޓަލުގެ ލިސްޓަށް ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އަލީލާ ކޮތާފަރު އަރައިފި އެވެ.

ލަގްޒަރީ ޓްރެވަލް އިންޓެލިޖެންސް (އެލްޓީއައި) އިން އާއްމުކުރި ލިސްޓުގައި އަލީލާ ކޮތާފަރު ހިމެނެނީ ނުވަ ވަނައިގަ އެވެ. އެއް ވަނާގައި ހިމެނެނީ އިޓަލީގެ ހޮޓަލެއް ކަމުގައިވާ ޕަސަލަކުއާ އެވެ. ދެން ލިސްޓުގައި ހިމެނެނީ ސައުދި އަރަބިއްޔާ އާއި ގަތަރާއި ބާލީ އާއި ސެންޓޯރިނީ ފަދަ ސިޓީ ތަކުގައި ހުރި ހޮޓާތަކެވެ.
އަލީލާ ކޮތާފަރު ހުޅުވީ މި އަހަރު މެއި މަހު އެވެ. ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާ 11.2 ހެކްޓަރުގެ އެ ރިސޯޓުގައި 36 ވޯޓާ ވިލާއާ އެކު ޖުމްލަ 80 ވިލާ ހުރެ އެވެ. އަދި މި ހުރިހާ ވިލާއެއް ވެސް ހަދާފައިވަނީ ޕްރައިވެޓް ޕޫލަކާއި ސަން ޑެކެއް ހިމަނައިގެންނެވެ.
ގުދުރަތީ ރީތިކަން ދައްކުވައިދޭ އެ ރިސޯޓުގައި އާސާރީ ސަރަހައްދެއް ހުރެ އެވެ. މާލެ އިން ސީޕްލޭނުގައި 45 މިނެޓުން ދެވޭ އެ ރިސޯޓުގެ ޓޫރިސްޓުންނަށް ފަސޭހަކަމާ އެކު "ހަނިފަރު ބޭ ޔުނެސްކޯ ވޯލްޑް ބަޔޯސްފިއާ ރިޒާވް" ބަލާލެވޭނެ ކަމަށް އެ ރިސޯޓުން ބުންޏެވެ. ހަނިފަރު ބޭ އަކީ މަންޓާ ރޭ އާއި ވޭލް ޝާކް ފަދަ ކަނޑުއަޑީގެ ހިތްގައިމު ދިރުންތަކުން ފުރިފައިވާ މަޝްހޫރު މަންޒިލެކެވެ.
އަލީލާ ކޮތާފަރު މޯލްޑިވްސް ރިސޯޓު ތަރައްގީ ކޮށްފައިވަނީ 'ހަޔަޓް ހޮޓެލްސް' އިންނެވެ. އެ ކުންފުނިން އަންނަނީ އިންޑޮނީޝިއާ، މެލޭޝިއާ، ޗައިނާ އަދި އެމެރިކާގައި ވެސް 'އަލީލާ' ބްރޭންޑްގެ ހޮޓާތައް ހިންގަމުންނެވެ. އަދި ގއ. އަތޮޅުގައި އޮންނަ 'ޕާކް ހަޔަޓް މޯލްޑިވްސް ހަޑަހާ' އަކީ ވެސް އެ ކުންފުނީގެ ރިސޯޓެކެވެ.