24 ޑިސެމްބަރ 2022 - 13:47

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި މަނީ ލޯންޑަކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލާފައިވާ ދައުވާގައި މާދަމާ ހުކުމް ކުރަން ތާވަލުކޮށްފައިވާއިރު އެމަނިކުފާނަށް ބާރަށް މަސް ދުވަހަށް ވުރެ ބޮޑު ހުކުމެއް އަޔަސް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ހުކުމް ކުރުން އޮންނާނީ މާދަމާ ހެނދުނެވެ. އޭގެ ތެރެއިން ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ، މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެހެންވެ، ޕީޕީއެމްގެ އިދިކޮޅު ކެންޑިޑޭޓަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެތޯ ސުވާލު އުފެދިފައި ވަނިކޮށް އިދިކޮޅު މެމްބަރު ތޯރިގު ވިދާޅުވީ އެމަނިކުފާނަށް 2023 ގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށެވެ.
ބާރަ މަސް ދުވަހަށް ވުރެ ބޮޑު ހުކުމެއް އެމަނިކުފާނަށް އަތުވެއްޖެ ހާލަތެއްގައި ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައި ސްޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރުމާއި ހަމައަށް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާ ގޮތުން ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތާ މެދު ހިލާފު އުފެދިއްޖެ ނަމަ، ގޮތް ނިންމުމުގެ ބާރު ވެސް އޮތީ ހަމައެކަނި ސްޕްރީމް ކޯޓަށެވެ.
ޔާމީންގެ މައްޗަށް 12 މަހަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރާ މީހެއްގެ ހުންނަންވާނެ ކަމަށް ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. ގައި ބަޔާންކުރާ ޝަރުތުގެ ގޮތުގައި ބެލެވޭނީ ހައި ކޯޓުން އެ ހުކުމެއް ދަމަހައްޓައި އަދި ސްޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރުމުން ކަމަށް ވިދާޅުވި އެވެ.
އެކަމަކު ދިގު ހުކުމެއް އަތުވެއްޖެ ނަމަ، އިންތިހާބުގައި ވާދަކުރައްވަން ޔާމީނަށް އޮތް ހުރަހަކީ ގަނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. އެވެ. އިންތިހާބުގައި ވާދަކުރުމުގެ ޝަރުތައް ކަނޑައަޅާފައިވާ އެ މާއްދާގައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަހަށް ވުރެ ދިގު މުއްދަތަކަށް ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރުވާން ޖެހެ އެވެ.
އެހެންވެ އިންތިހާބުގައި ވާދަކުރައްވަން ޔާމީނަށް ހުރަހެއް ނެތް ކަމަށް ތޯރިގު ބާރު ދެއްވީ މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހިމެނޭ ގޮތަށް ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނޮވެމްބަރު 17، 2011 ގައި ނިންމާފައިވާ ހުކުމަކަށް ރިއާޔަތްކޮށެވެ.
ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް 1 އަހަރާއި 6 މަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން 2011ގައި ނިންމުމުން، މަޖިލިސް މެމްބަރެއްގެ ގޮތުގައި އޭނާ ހުންނަވާނެ ކަމަށް ބަޔާންކުރާ ޝަރުތު އުނިވެ، ހިލާފު އުފެދުނު ކަމަށާއި އެކަމަކު އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ގޮނޑިގެއްލުމާ މެދު ފަހު ބަސް ބުނުން ސްޕްރީމް ކޯޓަށް ލިބޭ ކަމަށެވެ.
އެ މައްސަލާގައި ކޯޓުން އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައިވާއިރު ތޯރިގު ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތުން ރައީސްއަކަށް އިންތިހާބުކުރާ މީހެއްގެ ހުންނަ ޝަރުތުތަކާއި މަޖިލިސް މެމްބަރަކަށް ވުމުގެ ޝަރުތުތަކަކީ ވެސް އެއް އުސޫލަކުން ތަރުތީބުކޮށްފައިވާ އުސޫލުތަކެއް ކަމަށެވެ. އެ ޝަރުތުތައް އުނިވުމާއި ސައްހަކަން ކަށަވަރުކުރުމުގައި ވެސް އޮތީ އެއް ހަމައެއް ކަމަށް އޭނާ ވިދާޅުވެ އެވެ.
އެހެންވެ ޔާމީނަށް ވެސް އަހަރަކަށް ވުރެ ދިގު ހުކުމެއް އަޔަސް ކްރިމިނަލް ކޯޓުން ނުވަތަ ސްޕްރީމް ކޯޓުން ހުކުމެއް ފަސްކުރުމަށް އަމުރެއް ނުކުރާހާހިނދަކު ނުވަތަ ރިޔާސީ އިންތިހާބުގެ ފޯމު އިލެކްޝަންސް އިން ގަބޫލުކުރުމާ ހަމައަށް އިންތިހާބުގައި ކެމްޕެއިންކުރުމަށް ރަށްރަށަށް ދަތުރުކޮށް ޖަލްސާތައް ބޭއްވުމާއި ވޯޓު ހޯދުމަށް މީހުންނާއި ބައްދަލުކޮށް ހެދުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެ ހުށަހެޅުމާ މެދު އިލެކްޝަންސް ކޮމިޝަނުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތު ހަމަނުވާ ކަމަށް ނިންމައިފި ނަމަ، ގާނޫނުއަސާސީ 113 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސް ޔާމީންގެ އެ ރިޔާސީ ކެންޑިޑެންސީއާ މެދު ފަހު ބަސް ބުނަންޖެހޭނީ ސްޕްރީމް ކޯޓުންނެވެ،" ތޯރިގު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގެ ކުރިން ޔާމީން ވަނީ ރޭ އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ. އެމަނިކުފާނު ފްރޭމްކޮށް، ޖަލަށް ލިޔަސް އަޑު ކަނޑާނުލެވޭނެ ކަމަށާއި އެމަނިކުފާނުގެ އަޒުމު ވެސް ގުޑުވާނުލެވޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.