24 ޑިސެމްބަރ 2022 - 11:01

ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ ކްލަބްތަކުން އަބަދުވެސް ބީ ޓީމެއް ގެންގުޅެ އެވެ. ބޭނުމަކީ ކްލަބުގެ އޭ ޓީމު ނުވަތަ ސީނިއާ ޓީމަށް ކުޅެންވާއިރަށް ޒުވާން ކުޅުންތެރިން ތައްޔާރުކުރުމެވެ. ބީ ޓީމު ލައްވައި ވަރުގަދަ މެޗުތައް ކުޅުވައި އެ ކުޅުންތެރިންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދެ އެވެ. ރާއްޖޭގެ ވަރަށް ގިނަ ކްލަބްތަކުން ވެސް 1980ގެ އަހަރުތަކުން ފެށިގެން ބީ ޓީމެއް ގެންގުޅުނެވެ. އެކަމަކު އެއީ ތިޔަހީކުރި ކަހަލަ ބީ ޓީމެއް ނޫނެވެ. އެއީ 'ބޫގަލް' ޓީމެވެ.

އޭ ޓީމާ ހިލާފަށް ބީ ޓީމު ހިންގުމުގައި އިސްކޮށް އުޅޭނީ ސަޕޯޓަރުންނެވެ. އޭ ޓީމަށް ބޮޑު އަގުގައި ބޭރު ކުޅުންތެރިން ގެންނައިރު، ބީ ޓީމަށް ބޮޑު އަގުގައި ގެންނާނީ ރަށްރަށުން ފަންޑިތަވެރިންނެވެ. އޭ ޓީމު ފައިނަލް މެޗަށް ފަރިތަކުރާއިރު، ބީ ޓީމު ތިބޭނީ ސަހަރާތެރޭގަ އެވެ. އޭ ޓީމުން މެޗު ކުޅޭއިރު ބީ ޓީމު ތިބޭނީ ކޮންމެވެސް ގެއެއްގައި އުންޑަ ކައްކާށެވެ.

ފުޓްބޯޅައިގައި ކާމިޔާބީ ހޯދަން ސިހުރުވެރިންގެ އެހީގައި ބޫގަލް ހެދުމަކީ އެފްރިކާ އާއި ދެކުނު އެމެރިކާގެ ގައުމުތަކުގައި ވަރަށް އާއްމު ކަމެކެވެ. ދާދި ފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ ޓީމަށް އެ މުބާރާތުގައި ކާމިޔާބު ލިބޭތޯ ބޫގަލް ހަދާ ކަމަށް އެ ގައުމުގެ ސިހުރުވެރިންތަކެއް އެއްބަސްވެ އެ ވާހަކަ އެމެރިކާގެ މަޝްހޫރު 'ނިއުޔޯކް ޓައިމްސް' ނޫހުގައި ޖަހާފައިވެ އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ވެސް 1970ގެ އަހަރުތަކުން ފެށިގެން ދެހާހުގެ އަހަރުތަކާ ހަމައަށް ބޫގަލް ހެދުން ވަރަށް ބޮޑަށް ވަކިހިއްޕާލާފައި އޮތެވެ. އެކަން އޮންނަނީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ.

ފުޓްބޯޅައިގެ އެފަދަ ކަމެއް އާއްމުންނަށް ފަޅާއަރައި، އެކަން ކުރި މީހަކަށް އަދަބު ލިބިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2001 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ފައިނަލުން ވެލެންސިއާ އަތުން ނިއު ރޭޑިއަންޓް މޮޅުވޭތޯ އެ ކްލަބުގެ ސަޕޯޓަރަކު ފަންޑިތަ ހެދި ފަހަރެވެ. ވެލެންސިއާ ކުޅުންތެރިން ހަލާލުކޮށްލައި، ނިއު މޮޅުކުރުމަށް ފަންޑިތަ ހެދި ކަމަށް، އޭރު އުމުރުން 40 އަހަރުގެ މީހާ އެއްބަސްވުމުން ޖިނާއީ ކޯޓުން އޭނާ ފަސް މަސް ދުވަހަށް އަރުވާލަން ހުކުމްކުރި އެވެ.

އޭނާ ޝަރީއަތުގައި ބުނީ ފައިނަލް މެޗުގެ ދެ ދުވަސް ކުރިން ނިއުގެ ކުޅުންތެރިންގެ ނަންތަކާއި ގުރުއާނުގެ އާޔަތްތައް ލިޔެ އަކަ ކުރަހައި، ތިން ފޫޓުގެ ހުދު ފޮތިގަނޑެއްގައި އަކަ ކުރަހައި ލިޔެގެން ފަންޑިތަ ހެދި ކަމަށެވެ. އޭނާ ބުނި ގޮތުގައި އެކަން ކުރީ ނިއުގެ އިސްވެރިއަކު އެދުމުން ކަމަށާއި އެކަމަކު އޭނާ އެކަން ކުރީ ސަޕޯޓަރަކަށް ވާތީ އަގެއް ނުނަގަ އެވެ. އަދި އޭނާ ބޭނުންކުރާ ފަންޑިތަ ފޮތެއް ބަލައިގެން ބޫގަލް ހެދީ، ނިއުގެ ސަޕޯޓަރުން ތަކެތި ފޯރުކޮށްދިނުމުން ކަމަށް ވެސް ޝަރީއަތުގައި ބުންޏެވެ.
އެކަމަކު ފައިނަލް މެޗު އޮތް ދުވަހު ސިފައިންނަށް އެކަން އެނގިގެން އެގެޔަށް ގޮސް އެ ތަކެތި ނެގި އެވެ. ކަންދިމާކުރި ގޮތުން އެ ދުވަހު ކުޅުނު ފައިނަލުގައި ނިއު އާއި ވެލެންސިއާ 1-1 އިން އެއްވަރުވީ އެވެ. ދޮންމަނިކުގެ ނަމުން މަޝްހޫރުވި ނައިޖީރިއާ ފޯވާޑް ޖޯން ކިންގްސްލީ ޑޮމިނިކް ނިއު އަށް ލީޑު ނަގައިދީފައި އޮއްވާ ވެލެންސިއާ އިން އެއްވަރުކުރީ ޕެނަލްޓީއަކުން އަލީ އުމަރު ޖެހި ގޯލަކުންނެވެ. މެޗު އެއްވަރުވުމުން ނަތީޖާ ނެރެން ރީޕްލޭ މެޗެއް ކުޅެން އެފްއޭއެމުން ނިންމި އެވެ.
ދެ ދުވަސް ފަހުން އޮތް އޮތް ރީޕްލޭ މެޗުގައި އިބްރާހިމް ސިނާޒް (ސިނާ) އާއި ޑޮމިނިކްގެ ލަނޑުތަކުން 2-0 އިން މޮޅުވެ ނިއު އެފްއޭ ކަޕް ކާމިޔާބުކުރި އެވެ. މޫސާ މަނިކު (ކުޑަމޫސަ) ގެ ކޯޗުކަމުގައި ނިއު ހޯދި އެ ތަށްޓަށް ފަހު އެ ސީޒަނުގައި އެ ޓީމު އަޑިއަޅާލައި، ދިވެހި ލީގުގެ ގަދަ ހަތަރެއްގެ ތެރޭ ނުހިމެނި ޖެހުނީ ރެލިގޭޝަން ކުޅޭށެވެ.
އާއްމުންނަށް ފަޅާނޭރި ނަމަވެސް، ރާއްޖޭގެ އެހެން ގިނަ ކްލަބްތަކުން ވެސް ގަވާއިދުން ބޫގަލް ކުޅިވަރު ކުޅެ އެވެ. ކްލަބުގެ ބޫގަލް ޓީމުން އަންގާ ގޮތަށް، ކްލަބުގެ އިސް އޮފިޝަލުން ވެސް އަމަލުކުރެ އެވެ. ރާއްޖޭގެ ބޮޑު ކްލަބަކުން 1990ގެ އަހަރުތަކުގެ ކުރީކޮޅު ބޭރު ޓީމަކާ ދެކޮޅަށް ބޭރުގައި ކުޅުނު މެޗެކެވެ. މެޗު ފެށުމުގެ ކުރިން އިސް އޮފިޝަލަކު ގޯލްކީޕަރު އަތަށް އެއްޗެއް ދީފައި ބުނީ އޭތި ގޯލުގެ ތެރޭގައި ބޭއްވުމަށެވެ. އޭރުން ރޫހާނީ ބާރަކުން ގޯލު ހިމާޔަތްވާނެޔޯލަ އެވެ. ފުރަތަމަ ހާފުގައި ކީޕަރަށް ދެވުނީ އެ އެތި ޗޭންޖިން ރޫމުގައި ބާއްވާފަ އެވެ. ނަސީބަކުން ފުރަތަމަ ހާފުގައި ގޯލެއް ނުވަދެ އެވެ.
"އިންޓޯލު ވަގުތު އެ އޮފިޝަލް ވަރަށް ރުޅިއައިސްފައި ހުރީ ކީޕަރު ދެކޭ. އޭނާ ބުނީ ނަސީބެއް ނޫންހޭ އެ ނުލާ ގޮސް އުޅެނިކޮށް ގޯލެއް ނުވަންކަން،" އެ މަންޒަރު ދުށް މީހަކު ނަން ނުޖަހާ ގޮތަށް ކިޔައިދިނެވެ.
ކީޕަރު ދެ ވަނަ ހާފުގައި އެ އެއްޗެއް ހިފައިގެން ގޮސް ގޯލުގެ ތެރޭގައި ބޭއްވި އެވެ. އެކަމަކު ވީ ކަމެއް ނެތެވެ. ބޭރު ޓީމުން އެ ޓީމު ކޮޅަށް އަށެއްކަ ގޯލު ވައްދާލި އެވެ. އޭގެ ތެރެއިން ހައެއްކަ ބޯޅަ ގޯލަށް ވަންއިރު، ގޯލުގެ ތެރޭގައި ބާއްވާފައި އޮތް އެއްކަލަ އެތީގައި ޖެހުނު ވެސް މެ އެވެ.
ދިވެހި ފުޓްބޯޅައިގައި 1980ގެ އަހަރުތަކުގައި އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔަކީ ނިއުގެ ސްރީ ލަންކާ ކުޅުންތެރިޔާ ސުމިތު ވަލަޕޮލާ އެވެ. އެހެންވެ އޭނާ ހުއްޓުވަން އިދިކޮޅު ކްލަބްތަކުން ވަރަށް ބޮޑަށް ބޫގަލް ހަދަ އެވެ. އެކަމަކު ވަލަޕޮލާ ހުއްޓުވޭ ގޮތެއް ނުވެ އެވެ. އޭނާ ގޯލު ޖަހާ ވަރަށް ގޯލު ޖަހަ އެވެ. މިކަމާ ނުރުހިގެން، ކްލަބެއްގެ ވެރިއަކު ބޫގަލް ޓީމާ ބައްދަލުކޮށް މިވާ ގޮތެއް ބެލި އެވެ. ވާގޮތަކީ، އަރަބި މަހުން "ޕ" ގެ ބަދަލުގައި ބޭނުންކުރަނީ "ބ" ކަމުން، ވަލަޕޮލާ ލިޔަންވާ ތަނުގައި ލިޔެފައި އޮންނަނީ ވަލަބޮލާ އެވެ.
"ބޫގަލް ޓީމުން ދެއްކި އުޒުރަކީ އެއީ. އެ މީހުން ބުނަނީ ވަލަޕޮލާ އަށް ހެދި އެތި ފަހަރަކު މަސައްކަތް ނުކުރީ ނަން ނުބައިކޮށް ޖެހޭތީވެއޭ،" އެކަން އެނގޭ މީހަކު ހީނހީ ބިނދެމުން "މިހާރު" އަށް ކިޔައިދިނެވެ.
ވަލަޕޮލާ ނިސްބަތްވާ ލަންކާ އަކީ ވެސް ބޫގަލްގެ މަޝްހޫރު ގައުމެކެވެ. ދިވެހިން ބޫގަލް ހަދާކަން ލަންކާ މީހުން ވެސް ރަނގަޅަށް ދަނެ އެވެ. ދިވެހި ފުޓްބޯޅަ އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ މުބާރާތް ކުޅެން ލަންކާ ޓީމު އައުމުން އެއާޕޯޓުން ދިން މަރުހަބާގެ ކުރުނބާ ލަންކާ ކުޅުންތެރިން ނުބުއީ ވެސް، އެއީ އެތި ފަހަރެއް ކަމަށް ހީކޮށް ކަމަށް ބެލެވެ އެވެ.
"އެ މީހުން އޭގައި ހަމަ އަތް ވެސް ނުލި،" އެެފްއޭއެމްގެ ކުރީގެ އޮފިޝަލަކު ބުންޏެވެ.
"ކީއްވެހޭ އެހީމާ ބުނީ އެއް ގަޑިއިރުގެ ދަތުރެއް ވީމާ ބަނޑުހައެއް ނުވެޔޭ."
ބޫގަލް ހެދުމަށް އާދަޔާހިލާފު، ނުރައްކާތެރި އަދި ހެއްވާ ބައެއް ކަންކަން ވެސް ކްލަބްތަކުގެ މީހުން ކޮށްފައި އެެބަހުއްޓެވެ. އެގޮތުން ފައިނަލް މެޗެއް ކުޅުނުއިރު ދިރިހުރި މީހަކު ކަފުންކޮށް ސަންދޯކެއްގެ ތެރޭގައި ބާއްވާފައި އެބަހުއްޓެވެ. "ހުވާސް" އިން ކުރިން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ފައިގެ ދަށްފުށުގައި ކިޔެވެލި ލިއުމާއި އިސްޓާކީނު ތެރެއަށް ތަވީދުލުމާއި ކުޅުޅުބިހެއް ކައިރީގައި ބާއްވައިގެން ނިދުމާއި ފަތިސް ނަމާދަށް ގޮވާ ގަޑީގައި ފެންވެރުން ފަދަ ކަންކަން ވެސް ކުރުވާފައި އެބަހުއްޓެވެ. އެއް ފަހަރަކު ފަތިސް ނަމާދު ބަންގި ގޮވި ވަގުތު ކުޅުންތެރިއެއްގެ ގަޔަށް 75 ދާނި ފެން އަޅަން ޖެހުނު ކަމަށް ވެސް ކްލަބެއްގެ އިސްވެރިޔަކު ބުނެފައިވެ އެވެ.
ހަމައެކަނި އެއެއް ވެސް ނޫނެވެ. ދަނޑުގައި އެއްޗެހި ވަޅުލުމާއި ގޯލު ރޮނގުމައްޗަށް މޮހޮރު ޖެހުމާއިި ކުޅުންތެރިން މެޗަށް ދާން ނުކުންނަ ގޭގެ ވަޅަށް އެއްޗެހި ލުމާއި އެގޭ ދޮރުމައްޗަށް ދޮންވެލި އެޅުމާއި ކިޔެވެލި ފެން އެޅުމަކީ ވެސް އޭރު އާއްމުކޮށް ކުރާ ކަންކަމެވެ.
މިފަދަ ކަންކަންކުރަނީ، މާލެ އާއި ރަށްރަށުގައި ތިބޭ މޮޅު ފަންޑިތަވެރިންގެ ބަހަށެވެ. ބޮޑު މެޗެއްގެ ކުރިން ރަށްރަށުން ބޮޑު އަގުގައި މޮޅު ފަންޑިތަވެރިން ގެނެސް ކޮޓަރި ހިފާފައި ކްލަބްތަކުން ބަހައްޓަ އެވެ. އެފަދަ މީހުން ގެންނަނީ ވަރަށް ބޮޑަށް އޮޅުވާލައިގެންނެވެ. ބައެއް މީހުން ގެންނަނީ ޑޮކްޓަރަކަށް ދައްކަން ކަމަށް ބުނެ އާއިލީ މީހަކާ ވެސް އެކު އެވެ.
ކުރީގެ ސްޕޯޓްސް ޑިވިޝަނުގައި މަސައްކަތްކުރި މީހަކު ނަން ނުޖަހާ ގޮތަށް "މިހާރު" އަށް ބުނި ގޮތުގައި، އެއް ރޭ މަސައްކަތް ނިންމުމަށް ފަހު ދަނޑުގެ ހުރިހާ ގޭޓެއް ތަޅުލައި ގޭގައި ހުއްޓާ އައީ އޭރުގެ ސްޕޯޓްސް މިނިސްޓަރު މަރްހޫމް އުމަރު ޒާހިރުގެ ކޯލެއް ކަމަށެވެ. ވިދާޅުވީ ގަލޮޅު ސަހަރާއާ ދިމާލުގައި ހުރި ގޭޓެއް ހުޅުވިފައި އެބަހުރި ކަމަށެވެ.
"އަޅުގަނޑު ބައިސިކަލުގައި އަވަސް އަވަހަށް ގޮސް ދަނޑަށް ވަދެ ބެލިއިރު މީހަކު އެބައޮތް ގޯލާ ދިމާލުން ގުދުވެގެން އެއްޗެއް ވަޅުލާން. އަޅުގަނޑު އެ ދިމާލަށް ދާން ފެށީމާ އޭނާ ދުވެ ފިލައިފި،" އޭނާ ބުންޏެވެ.
"އެއީ ކޮން ކްލަބެއްގެ މީހެއް ކަމެއް ނޭގޭ. އެކަމަކު އަނެއް ދުވަހު ކުޅެން އޮތީ ވިކްޓްރީ އާއި ވެލެންސިއާގެ މެޗެއް."
ފަހުން ހަދާ ގޮތަކީ، ދަނޑަށް ފެންދީ ބަލަހައްޓާ ސްޕޯޓްސް ޑިވިޝަނުގެ ބިދޭސީ މަސައްކަތްތެރިންނަށް ފައިސާ ދީފައި އެ މީހުން ލައްވާ އެއްޗެހި ވަޅުލަނީ އެވެ. ބިތުފަންގި ނެގުމުން އެފަދަ އެއްޗެހިތައް ފެނެ އެވެ. އެގޮތުން ދަނޑުގެ ވިނަގަނޑު ބަދަލުކުރަން ކޮނުނު ފަހަރެއްގައި ގިނަ އަދަދެއްގެ ސާމާނު ވަޅުލާފައި ހުއްޓާ ފެނުނެވެ.
ބޫގަލް ހެދުމަކީ ބައެއް ކްލަބުގެ ވެރިން، ޕްރެކްޓިހަށް ވުރެ ވެސް އިސްކަންދޭ ކަމެކެވެ. ޕްރެކްޓިހާ ގުޅޭ ކަމެއްގައި ފަރުވާކުޑަކުރުމުން ރުޅި އަންނަ ވަރަށް ވުރެ ބޮޑަށް، ބޫގަލްކަމެއް އަތުން ދޫވުމުން ކްލަބުގެ ވެރިން ރުޅި އާދެ އެވެ.
ބޫގަލް ހެދުމަކީ ހަމައެކަނި ކްލަބްތަކުން ކުރާ ކަމެއް ނޫނެވެ. ގައުމީ ޓީމުގެ އޮފިޝަލުން ވެސް އެކަން ކުރެ އެވެ. "ހުވާސް" ގައި ލިޔެފައިވާ ގޮތުގައި، 1997 ވަނަ އަހަރު ނޭޕާލުގެ ކަތުމަންޑޫގައި އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭ އާއި އިންޑިއާ 2-2 އިން އެއްވަރުވި މެޗުގެ ކުރިން ރާއްޖޭގެ އޮފިޝަލަކު ދަނޑުތެރެއަށް ކެލާ ކުނޑި އަޅަނިކޮށް އިންޑިއާ ކުޅުންތެރިޔަށް ފަޅާއެރި އެވެ.
"ކޯޗެއްހޭ އިންޑިއާ ކުޅުންތެރިޔާ ސުވާލުކުރުމުން އޮފިޝަލް ބުނީ އެއީ ކުޅުންތެރިންގެ އަތް ލޮންދާތީ ބޭނުންކުރާ އެއްޗެއް ކަމަށް."
ބޫގަލް ޓީމުގެ ޒިންމާއަކީ ހަމައެކަނި އެތިފަހަރު ހެދުމެއް ވެސް ނޫނެވެ. އަނެއް ޓީމުން އެތި ފަހަރެއް ހަދާފާނެ ކަމަށް ސަހަރާ ތެރެ ބެލެހެއްޓުމަކީ ވެސް އެ ޓީމުގެ ޒިންމާ އެކެވެ. ފައިނަލް މެޗެއްގެ ކުރީ ރެއިން ފެށިގެން ސަހަރާތައް ބުޑުގައި މީހުން ފާރައަށް ތިބޭނެ އެވެ. ބައެއް ފަހަރު ސިފައިން ވެސް މީހުން ސަހަރާތެރެއަށް ވަދޭތޯ ބަލަ އެވެ.
ކުޅުންތެރިން މެޗަށް ނުކުންނަ ގޭދޮރުމަތި ގާޑުކުރުމަކީ ވެސް މުހިއްމު ކަމެކެވެ. މީހަކު އައިސް ނޭގޭ ކަމަށް ހަދައި ދޮރުމައްޗަށް ފެން ފުޅިއެއް އޮއްސާލަފާނެތީ ނުވަތަ ދޮންވެލިކޮޅެއް އަޅާފާނެތީ އަބަދުވެސް ދެ މީހަކު ދޮރުމަތީގައި ތިބެ އެވެ.
އެއް ފަހަރަކު ވެލެންސިއާގެ މެޗެއް ކުރިން އެ ޓީމުގެ ސަޕޯޓަރުންތަކެއް ދަރު އުނދުނަކަށް ލޯފައްޗެއް ލައިގެން އެ އަންދަން މަސައްކަތްކުރި އެވެ. އެގޭގައި އުޅޭ ވިކްޓްރީ އަންހެން ސަޕޯޓަރަކަށް އެކަން އެނގިގެން އުނދުން ތެރެއިން އެއެތި ނަގާ އެއްލާލި އެވެ.
"އެކަން ކުރަން ހަދައިގެން އޭނާގެ އަތް ވެސް ފިހުނު. އެކަމަކު ކްލަބަށްޓަކައި ވީ ގުރުބާނީއެއް ކަމަށް އޭނާ ބުނަނީ،" އެކަން އެނގޭ މީހަކު ބުންޏެވެ.
ބޫގަލް ހެދުމާއި އެކަމުގައި ބައިވެރިވުމަކީ ބައެއް ކުޅުންތެރިން ކަނޑައެޅިގެން ދެކޮޅު ކަމެކެވެ. އެކަމަކު އެފަދަ ކަންކަމުގައި ބައިވެރިނުވެއްޖެ ނަމަ އަދަބު ލިބޭތީ ކުޅުންތެރިންނަށް އިތުރު ގޮތެއް ނޯވެ އެވެ. ބައެއް ކުޅުންތެރިން ޕާސަނަލް ފަންޑިތަވެރިން ވެސް ގެންގުޅެ އެވެ. ރާއްޖޭގެ ކުރީގެ މަޝްހޫރު ގޯލްކީޕަރަކު ކުޅޭއިރު އޭނާ ބަލަހައްޓާ ގޯލަކާ ދިމާލުން ސިޑިބަރީގައި އަބަދުވެސް މީހަކު ހުސްގަޔާ ކިޔެވެލި ކިޔަވަން ހުރެ އެވެ. އަނެއް ހާފުގައި އޭނާ އަނެއްކޮޅަށް ދިއުމުން އެ މީހާ ވެސް އެ ދިމާލަށްދެ އެވެ.
ކްލަބްތަކުން ބޫގަލް ހަދާތީ، އޭގެ ފައިދާ ވެސް ބައެއް ކުޅުންތެރިން ނަގަ އެވެ. އެއް ފަހަރަކު ރާއްޖޭގެ މަޝްހޫރު ކުޅުންތެރިޔަކު ކުޅެން އެރީ ޒައިތޫނި ތެލުގެ ތެރެއަށް ހުދުކާފޫރު ގާނާފައި، އެ ތެޔޮ ގައިގައި އުނގުޅައިގެންނެވެ. ބޫގަލްއެއް ކަމަށް ދައްކައިގެން އިދިކޮޅު ކުޅުންތެރިން ބިރު ގަންނަވާށެވެ. އޭނާއާ ކައިރިވުމުން ދުވަނީ ސަހަރާތެރެއިން ދުވާ ވަހެވެ. އަނެއްކޮޅުން ދަނޑާ ޖެހިގެން އޮތީ ވެސް ގަލޮޅު ސަހަރާ އެވެ.
"އެހެންވެ އެއްވެސް ކުޅުންތެރިޔަކަށް އޭނާއާ ގާތް ވާކަށް ނުކުރޭ. އެ ދުވަހު އޭނާ ވަރަށް މޮޅަށް ކުޅެލި،" އެ މަންޒަރު ދުށް މީހަކު ބުންޏެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ އާއްމު ކަމަކީ އުންޑަ ކެއްކުމެވެ. ކޮންމެ މެޗެއް ކުޅޭއިރު ވެސް ބޫގަލް ޓީމުގެ މެމްބަރުން ގޭގޭ ގިފިލިތެރޭ އުންޑަ ކައްކަން ތިބެ އެވެ. އެހެން ތިއްބާ ބައެއް ފަހަރު ސިފައިން ވަދެ ދަމާހަލައިގެން ގެންދާ ފަހަރު ވެސް އާދެ އެވެ. އެންމެ ހެއްވައީ އުންޑަ ތެލި ކެކުމުން، ޓީމު މޮޅުވީ ކަމަށް ބަލައިގެން ތިއްބާ އެ ޓީމު ކޮޅަށް ހަތަރު، ފަސް ގޯލު ވަންނަ ފަހަރު ވެސް އަންނާތީވެ އެވެ.
"ތިޔަ ވާނީ ކަލޭމެން އުންޑަ ކައްކަން ތިއްބާ އުނދުނުން ތެޔޮ ހުސްވީ ކަމަށް،"
ވިކްޓްރީ ކޮޅަށް ނިއު އިން ފަސް ލަނޑު ޖެހި މެޗެއް ނިމުމުން، އެ ޓީމުގެ ސަޕޯޓަރަކު ވިކްޓްރީ ސަޕޯޓަރަކާ ދިމާކޮށްލަން ބުންޏެވެ.