ނުރުހުމާ އެކު ޔާމީން އަނެއްކާވެސް އެއްސެވީ މަރުވެގެން މިއުޅެނީ ރިލްވާން އެކަނިހޭ!
ނުރުހުމާ އެކު ޔާމީން އަނެއްކާވެސް އެއްސެވީ މަރުވެގެން މިއުޅެނީ ރިލްވާން އެކަނިހޭ!

ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނަގައި މަރާލި މައްސަލަ މި ސަރުކާރުން އަލުން ދައްކަނީ "ސަރުކާރު ނިމެން އުޅޭތީ" ކަމަށާއި މަރާލައިގެން އުޅެނީ ހަމައެކަނި ރިލްވާންތޯ ސުވާލުކުރައްވައި އެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ނުރުހުމާ އެކު ވާހަކަ ދައްކަވައިފި އެވެ.

ނުރުހުމާ އެކު ޔާމީން އަނެއްކާވެސް އެއްސެވީ މަރުވެގެން މިއުޅެނީ ރިލްވާން އެކަނިހޭ!
ނުރުހުމާ އެކު ޔާމީން އަނެއްކާވެސް އެއްސެވީ މަރުވެގެން މިއުޅެނީ ރިލްވާން އެކަނިހޭ!

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާ ގުޅޭ ތަހުގީގުތަކަށް ރައީސް އުފެއްދެވި ކޮމިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ހަފްތާގައި ވަނީ ރިލްވާން ވަގަށް ނަގައި މަރާލި މައްސަލަ ބަލައި ރިޕޯޓް ހަވާލުކުރައްވައިފަ އެވެ. ރިޕޯޓް ހަވާލުކުރުމަށް ފަހު ކޮމިޝަނުން ބުނީ ރިލްވާން ވަގަށް ނަގައި ބޯ ބުރިކޮށް މަރާލުމުގައި ބައިވެރިވި އަބްދުﷲ މުނާޒް ރާއްޖެއިން ބޭރަށް ފުރީ ޔާމީންގެ އެހީތެރިކަމުގައި ކަމަށް ބުނެފަ އެވެ. ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން އޭނާ ޔާމީނާ ބައްދަލުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މި ދުވަސްވަރު ސަރުކާރުން ކުޅެނީ "ރިލްވާންގެ ކާޑު" ކަމަށެވެ.

"މިއީ މަރުފަލި ޖަހަމުންދާ ސަރުކާރެއް. މިހާ ހިސާބުން އެމީހުން ބޭނުންކުރާނީ މަރުގެ ކާޑު. މިހާރު ބޭނުންކުރާ ކާޑަކީ ރިލްވާންގެ ކާޑު،" ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

ރިލްވާން ވަގަށް ނެގި މައްސަލައަކީ ބަލައި ނިންމާފައި އޮތް މައްސަލައެއް ކަމަށާއި ފުލުހުންގެ މުއައްސަސާގައި ތިބީ "ގަމާރުން" ނުވަތަ "ބީތާއިން" ތޯ ޔާމީން ސުވާލުކުރެއްވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ވެސް ނެގީ މަރުގެ ކާޑު ކަމަށާއި އަނެއްކާ ވެރިކަން ނިމޭތީ ވެސް މަރުގެ ކާޑު ނަގަން އުޅޭ ކަމަށް ވިދާޅުވެ ޔާމީން އެއްސެވީ "މަރު ފަލި ނަގައިގެން ދެވޭނީ ކިހާ ހިސާބަކަށް" ތޯ އެވެ.

ޔާމީން ވިދާޅުވީ ރިލްވާން މަރާލި މީހުން މި ސަރުކާރުގައި ތިބި މީހުންނާއި ފުލުހުންނަށް އެނގޭނެ ކަމަށެވެ. ޔާމީން ވިދާޅުވި ގޮތުގައި ކާރަކަށް އަރުވައިގެ ރިލްވާން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ގެންދިޔަ ކަމަށާއި އެކަން ކުރީ ކާކުކަން ވެސް ފުލުހުންގެ ތަހުގީގަށް ކުރިން އެނގިފައިވާ ކަމަށެވެ. އަދި އެ މީހާ މިހާރު ކޮބާތޯ ޔާމީން އެއްސެވި އެވެ.

"ކީއްވެގެންތޯ އެމީހުން ވިއްލިގެން މިއުޅެނީ. އެމީހުން ތިބީ ކޮންތާކުތޯ."

ޔާމީން ވިދާޅުވީ އެކަމުގައި ތުހުމަތުވާ ކަމަށް ބުނާ ބަޔަކަށް ޕާސްޕޯޓް ހައްދައިދީގެން އެމީހުން ފުރުވާލި މައްސަލަ ވެސް ބަލައި ނިންމާފައިވާ ކަމަށާއި އެކަމުގައި ހިމެނޭ މީހުންނަށް އަދަބު ވެސް ލިބުނު ކަމަށެވެ.

ކޮމިޝަނުން ވަނީ ރިލްވާނަށް ވީގޮތެއް ނުހޯދެނީސް ރިލްވާން މަރުވެފައިވާ ކަމަށް ޔާމީންގެ ކެމްޕެއިން ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅިކަން ފާހަގަކޮށްފަ އެވެ. ދުރާލައި ރާވައިގެން ހަރުކަށި ފިކުރުގެ މީހުން އޭނާ މަރާލީ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައިވާއިރު އޭނާގެ މަރު ފޮރުވައި އޮޅުވާލަން އެކި ގޮތްގޮތުން ދައުލަތުގެ އެހީތެރިކަން ހޯދި ކަމަށް އެ ރިޕޯޓުގައިވެ އެވެ.