އިންޑިއާއަށް ދާ މީހުން ކޮވިޑަށް ޓެސްޓުކުރަނީ
އިންޑިއާއަށް ދާ މީހުން ކޮވިޑަށް ޓެސްޓުކުރަނީ

ބައެއް ގައުމުތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާ ވެސް އިތުރުވަމުންދާތީ އިންޑިއާއަށް ދާ މީހުން ކޮވިޑަށް ޓެސްޓުކުރަން އިލްތިމާސްކޮށް އަދި ގައުމަށް އަންނަ މީހުން އެއާޕޯޓުން ޓެސްޓްކުރަން ފަށައިފި އެވެ.

ބައިނަލްއަގްވާމީ ދަތުރުތަކަށް ހާއްސަކޮށް އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރެފައިވާ ގައިޑްލައިނުގައި ބުނީ މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން އެ ގައުމަށް އެތެރެވާ މީހުން ރެންޑަމްކޮށް ކޮވިޑަށް ޓެސްޓުކުރާނެ ކަމަށެވެ. އެކަމަކު 12 އަހަރުން ދަށުގެ ކުދިން ޓެސްޓެއް ނުކުރާނެ އެވެ.

ކޮވިޑަށް ޓެސްޓް ކުރުމާ އެކު އެގައުމަށްދާ މީހުންނަކީ ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހައިގެން ތިބި މީހުންނަށް ވެސް ވާންޖެހެ އެވެ.

އިންޑިއާއަށް ދަތުރުކުރާއިރު ފްލައިޓް މަތީގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އަޅައިގެން ތިބުމަށާއި ސޯޝަލް ޑިސްޓެންސިން ދެމެހެއްޓުމަށް ގައިޑްލައިނުގައިވެ އެވެ.

ކޮވިޑްގެ އަލާމާތްތައް ފެނިއްޖެ ނަމަ، ގައިޑްލައިނާ އެއްގޮތަށް އެމީހަކު އެކަހެރިކޮށް، ފެސިލިޓީއަށް ގެންދާނެ ކަމަށާއި ގައުމަށް އެތެރެވުމުން، ހުން ދެނެގަތުމަށް އެއާޕޯޓުގައި ތާމަލް ކެމެރާ ބޭނުންކޮށްގެން ސްކްރީން ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.

އެ ގައުމަށް ދަތުރުކުރާ މީހުންގެ މެދުގައި ރެންޑަމް ސާމްޕަލް ނަގައި ޓެސްޓް ކުރަން ވެސް ހަމަޖެހިފައިވާއިރު އެއިން ސާމްޕަލެއް ޕޮޒިޓިވްވެއްޖެ ނަމަ، ޖީނޯމިކް ޓެސްޓިންނަށް ފޮނުވާނެ ކަމަށް އެ ގައުމުގެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީގެ ގައިޑްލައިނުގައިވާ ގޮތުން އުމުރުން 12 އަހަރުން ދަށުގެ ކުދިންގެ ރެންޑަމް ސާމްޕަލް ނުނެގިޔަސް އެ ކުދިންގެ ގައިން ކޮވިޑްގެ އަލާމާތް އެ ގައުމަށް އެތެރެވުމަށް ފަހު، ނުވަތަ ސެލްޕް މޮނިޓަރިންގެ މުއްދަތުގައި ފާހަގަކުރެވިއްޖެ ނަމަ، ކޮވިޑަށް ޓެސްޓް ހަދަން ޖެހެ އެވެ.

އިންޑިއާގައި ކޮވިޑާ ދެކޮޅަށް އަނެއްކާވެސް ފިޔަވަޅުތައް އަޅާފައި މިވަނީ ޗައިނާގައި ވަރަށް ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާތީ ދުރާލާ އެ ބައްޔަށް ރައްކާތެރިވުމުގެ ގޮތުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާގައި މިވަގުތު ހަލުވިކަމާ އެކު ކޮވިޑް ފެތުރެނީ އޮމިކްރޯންގެ ސަބްވޭރިއަންޓެއް ކަމަށްވާ BF.7 ގެ ސަބަބުންނެވެ. އެ ވޭރިއަންޓުގެ ތިން ކޭސް މިހާނަތަށް އިންޑިއާ އިން ވެސް ފެނިފައިވާ ކަމަށްވެ އެވެ.

އެހެންވެ، އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ކަމާ ގުޅޭ އިދާރާތަކާ އެކު ބައްދަލުވުމެއް ބާއްވައި މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމަށް ފަހު ޔޫނިއަން ހެލްތު މިނިސްޓަރު މަންސުކް މަންދަވިޔާ ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަން ފިލައިގެން އަދިވެސް ނުދާތީ ހުރިހާ ކަމާ ގުޅޭ އިދާރާއެއް ވެސް އެލާޓުގައި އޮތުމާ އެކު ފިޔަވަޅުތައް ވަރުގަދަކުރަން އަންގާފައިވާ ކަމަށެވެ. އަދި ކޮންމެ ކަހަލަ ހާލަތެއް ވެސް މެނޭޖުކުރެވޭނެ ފަދަ ހާލަތަކަށް ތައްޔާރުވެ އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ފެތުރި 2020 ގައި ވެސް އިންޑިއާގައި ގިނަ ފިޔަވަޅުތަކެއް އެޅި އެވެ. ގާތްގަނޑަކަށް 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި ކޮވިޑް ފެތުރި، އެ ގައުމުން، ރައްކާތެރިކަމުގެ ފިޔަވަަޅެއްގެ ގޮތުން އެހެން ގައުމުތަކާ މެދު ކުރާ ދަތުރުތައް ވެސް ދެ އަހަރެއްހާ ދުވަހަށް މެދުކަނޑާލި އެވެ.

ނޯޓް: މި ޚަބަރު ފުރަތަމަ ޝާއިއުކުރި އިރު، ކޮވިޑަށް ޓެސްޓުކުރުން މަޖުބޫރު ކަމަށް، މައުލޫމާތުގެ ކުށަކުން ލިޔެވިޔައި ވާތީ ޚަބަރު އިސްލާހުކޮށްފައި.