އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދު ފޯމު ހުށަހަޅުއްވައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދު ފޯމު ހުށަހަޅުއްވައިފި

އަންނަ މަހުގެ ފަހުކޮޅު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ފޯމު ހުށަހަޅުއްވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28ގަ އެވެ. އެ އިންތިހާބުގައި ވާދަކުރުމަށް މާދަމާގެ ހަވީރު 4:00 އާ ހަމައަށް ފޯމު ހުށަހެޅެ އެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދުގެ ކެމްޕެއިން، "އަންނި 2023" ގައި އިސްކޮށް އުޅުއްވާ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަން ނަޝީދު ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެކަމަކު، ތާއިދު ފޯމުގައި ސޮއިކުރެއްވި މެމްބަރުންގެ އަދަދެއް ސާފެއް ނުވެ އެވެ.

އެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އިއުލާނުކުރައްވައިފަ އެވެ. އެ މަނިކުފާނަށް ތާއިދު ހޯއްދެއްވުމަށް ވެސް އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ.

ނަޝީދަށް ތާއީދު ކުރާ މީހުން ވަނީ އެމްޑީޕީގެ ދަފްތަރުން ގިނަ މެމްބަރުން އުނިކޮށް، އެ ދަފްތަރު ގަޑުބަޑުކޮށްފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި ވަޒީފާގެ ބިރު ދައްކައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރަން މަޖުބޫރު ކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. އެކަމަކު، އެ ތުހުމަތުތައް ރައީސްގެ ޓީމުން ދޮގުކުރެ އެވެ.