15 ޖެނުއަރީ 2017 - 11:03

ލޯކަލް ކައުންސިލް އިންތިހާބަށް މިހާރު ރަޖިސްޓްރީވެފައި ތިބި މީހުން ވޯޓު ލާ ތަން ބަދަލު ނުވާ ނަމަ، އެޕްރީލް 8 ގައި ބާއްވާ އިންތިހާބަށް އަލުން ރީރަޖިސްޓްރީވާން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެޕްރީލް މަހު އިންތިހާބު ބާއްވަނީ، މި މަހު 14 ގައި ބާއްވަން ކުރިން ނިންމި އިންތިހާބު ސިވިލް ކޯޓުން ދެ މަހަށް ފަސްކުރުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރީރަޖިސްޓްރޭޝަނަށް އަލުން ހުޅުވާލާއިރު ފުރުސަތު ދޭނީ އަލަށް ރަޖިސްޓްރީވާން ބޭނުންވާ މީހުންނާއި ވޯޓު ލާ ތަން ބަދަލުވާ މީހުންނަށް ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ ކައުންސިލް އިންތިހާބުގައި ވޯޓު ލާން މިހާރު ރަޖިސްޓްރީވެފައި ތިބި ގިނަ ބަޔަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުން މަސައްކަތް ކުރަނީ އިންތިހާބުގެ ހުރިހާ ކަމެއްގައި ވެސް ދެވެން އޮތް ހުރިހާ ލުއިތަކެއް ދީގެން އިންތިހާބު ބޭއްވުމަށެވެ. ރީރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ތާރީހެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އިންތިހާބަށް ރަޖިސްޓްރީވުމާއި އެހެން ހުރިހާ ހިދުމަތްތަކެއް ވެސް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ ބާޖަމާލުއްދީނުގަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ޖުމުލަ 653 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.
އިންތިހާބު ލަސްކޮށްގެން ސިޔާސީ ޕާޓީތަކުން ފާޑުކިޔަމުންދާއިރު، އެ އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި، އިންތިޚާބަށް ތައްޔާރު ނުވެވުމުންނެވެ.