ޔާމީނަށް ހުކުމް އިއްވުން އާދިއްތަ ދުވަހު
ޔާމީނަށް ހުކުމް އިއްވުން އާދިއްތަ ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ވ. އާރަށް މައްސަލާގައި ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ ނިންމާލައިފަ އެވެ.

އެ ދައުވާ ކުރަނީ އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ޔާމީން އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ އެވެ. ޔޫސުފް ނައީމަށް ދައުވާ ކުރަނީ ޔާމީނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އޭގެ ތެރެއިން ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުވާކުރެ އެވެ. އެ މައްސަލަ އަދި ނިމުމަކާ ގާތަށް ނުދެ އެވެ.