15 ޖެނުއަރީ 2017 - 08:53

ލަންޑަން (ޖެނުއަރީ 15) – މައްސަލަތަކެއް ކުރިމަތިވެ ސްކޮޑުން ބާކީކޮށްފައިވާ ފޯވާޑް ޑިއޭގޯ ކޮސްޓާ ނެތި ކުޅުނު މެޗުން ރޭ ޗެމްޕިއަން ލެސްޓާ ސިޓީ އަތުން 3-0 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޗެލްސީން މަގާމް ވަރުގަދަކުރި އިރު، ވެސްޓް ބްރޮމް އަތުން 4-0 އިން މޮޅުވެ ދެ ވަނަ އަށް ޓޮޓެންހަމް ހޮޓްސްޕާސް އަރައިފި އެވެ.
ލީގުގެ އެއް ވަނައިގައި 52 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ އަށް މީގެ 10 ދުވަސް ކުރިން ނިމުން ގެނައި ޓޮޓެންހަމް ދެ ވަނަ އަށް އެރީ 45 ޕޮއިންޓާ އެކު އެވެ. އަދި ރޭ ސްވަންސީ ސިޓީ އަތުން މޮޅުވެ އާސެނަލް ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 44 ޕޮޮއިންޓެވެ.
އެއް މެޗު މަދުން ކުޅެފައިވާ ލިވަޕޫލް، 44 ޕޮއިންޓާ އެކު، ހަތަރު ވަނަ އަށް ވެއްޓިފައިވީ ނަމަވެސް މިރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވެއްޖެ ނަމަ 47 ޕޮއިންޓާ އެކު ދެ ވަނަ އަށް އަރާނެ އެވެ. އަދި ޗެލްސީގެ ލީޑު ފަސް ޕޮއިންޓަށް ކުޑަވާނެ އެވެ. މިރޭ ޔުނައިޓެޑާ އެއްވަރުކޮށްލައިގެން ލިވަޕޫލަށް ތިން ވަނަ އަށް އެރޭނެ އެވެ. އަނެއްކޮޅުން 39 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީ ހަ ވަނައިގައި އޮތްއިރު މިރޭ އެވަޓަން އަތުން މޮޅުވެ، އަދި ލިވަޕޫލް މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އެ ޓީމަށް ތިން ވަނަ އަށް އެރޭނެ އެވެ.
ލެސްޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކުރީ ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ މާކޯސް އަލޮންސޯ އެވެ. ފުރަތަމަ ލަނޑު ހަ ވަނަ މިނެޓުގައި އޭނާ ޖެހީ، ޗެލްސީ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ، ލެސްޓާގެ ޑިފެންޑަރަކު ސާފުކުރުމުން އޭރިއާ ތެރޭ ހުރި އެޑިން ހަޒާޑް އެ ބޯޅަ ޖައްސާލުމުން ގޯލުގެ ކަނަށް ވައްދާލައިގެންނެވެ.
ދެ ވަނަ ހާފު ފަށައިގެން 51 ވަނަ މިނެޓުގައި އަލޮންސޯ ގޯލް ޖެހީ ކޯނަރަކުން ހުރަސްވި ބޯޅައެއް އޭރިއާ ރޮނގު މަތިން ކޮންޓްރޯލް ކުރުމަށް ފަހު އެވެ. އޭނާ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ލެސްޓާގެ ޑިފެންޑަރެއްގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ. ޗެލްސީގެ ތިން ވަނަ ލަނޑު ވެސް ޖެހީ ސްޕެއިން ކުޅުންތެރިޔެއް ކަމަށްވާ ޕެޑްރޯ އެވެ. އޭރިއާ ބޭރު ރޮނގާ ދިމާލުން ޗެލްސީގެ ވިލިއަން ހޯދި ބޯޅަ އޭނާ ގޯލް ކުރިމައްޗަށް ހުރަސްކުރުމުން ޕެޑްރޯ ވަނީ ބޮލުން ގޯލަށް ވައްދާލައިފަ އެވެ. އޭރު ލެސްޓާ ގޯލްކީޕަރު ކެސްޕާ ޝްމެއިކަލް ހުރީ، ވިލިއަން އަތުން ބޯޅަ ހޯދަން ނުކުމެ އެވެ.
"ވަރަށް ރަނގަޅު ކުޅުމެއް ފެނުނީ. މި ސްޓޭޑިއަމަށް އައިސް ޗެމްޕިއަން ޓީމު އަތުން މިގޮތަށް މޮޅުވުމަކީ ފަސޭހަކަމެއް ނޫން. ޓޮޓެންހަމް އަތުން ބަލިވި މެޗަށް ފަހު ރަނގަޅަށް މި ފެށުނީ،" ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުންޏެވެ.
ވެސްޓް ބްރޮމް އަތުން އަމިއްލަ ދަނޑުގައި ޓޮޓެންހަމް 4-0 އިން މޮޅުވި އިރު އިނގިރޭސި ފޯވާޑް ހެރީ ކޭން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މި ލަނޑުތައް ޖަހަން މަގުފަހިކޮށްދިނީ ކްރިސްޓިއަން އެރިކްސަނާއި ކައިލް ވޯކާ އަދި ޑެލޭ އާލީ އެވެ. އަނެއް ގޯލަކީ ވެސްޓް ބްރޮމްގެ ގަރެތު މެކައުލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ރަށުން ބޭރުގައި ސްވަންސީ އަތުން 4-0 އިން އާސެނަލް މޮޅުވިއިރު 37 ވަނަ މިނެޓުގައި ގޯލް ހުޅުވާލަދިނީ މިހާރު ފޯމުގައި ހުރި ފްރާންސް ފޯވާޑް އޮލިވާ ޖިރޯ އެވެ. އަނެއް ދެ ގޯލަކީ ވެސްޓް ބްރޮމް ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑުތަކެވެ. އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖެހީ އެލެކްސިސް ސަންޗޭޒެވެ.