22 ޑިސެމްބަރ 2022 - 12:00

މުޅި ދުނިޔެ އަށް މަޝްހޫރު ކެއުމެއް ކަމަށްވާ ޗިކެން ޓިއްކާ މަސާލާ އީޖާދުކުރި ސްކޮޓްލެންޑުގެ މަޝްހޫރު ކައްކާ އަހުމަދު އަސްލަމް އަލީ އުމުރުން 77 އަހަރުގައި މިދިޔަ ހޯމަ ދުވަހު މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ ޕަންޖާބަށް އުފަން އަލީ، މި ކެއުން އީޖާދުކުރީ 1960ގެ އަހަރުތަކުގައި އާއިލާއާ އެކު ސްކޮޓްލެންޑަށް ހިޖުރަކޮށް، އެ ގައުމުގެ ވެރިރަށް ގްލާސްގޯގައި އޭނާ ހުޅުވި "ޝީޝް މަހަލް" ރެސްޓޯރަންޓުގައި 1970ގެ ތެރޭގަ އެވެ.
ޗިކަން ޓިއްކާ މަސާލާގެ އަސްލަކީ، މުގަލުން އިންޑިއާގައި ވެރިކަންކުރި މުގަލައި ކެއުމެއްގެ ގޮތުގައި ތައާރަފުކުރި ޗިކަން ޓިއްކާ އެވެ. މިއީ ކަށިނެތް ކުކުޅު މަސް ކުދިކުދިކޮށް ކޮށައި، ހަވާދާއި ޔޯގަޓުން މެރިނޭޓްކުރުމަށް ފަހު ހިލަ އަވަނުގައި ފިހެގެން ތައްޔާރުކުރާ ކެއުމެކެވެ.
އަލީ އޭނާގެ ރެސްޓޯރަންޓުގައި ޗިކަން ޓިއްކާ ތައްޔާރުކޮށް އެއް ދުވަހަކު ކަސްޓަމަރަކަށް ސާވްކުރުމުން އޭނާ އެދުނީ އެއާ އެކު ސޯސް ގެނައުމަށެވެ. ސަބަބަކީ އެހާ ހިކިކޮށް އޭނާ އަށް ކާން އުނދަގޫވުމެވެ.
"އެހިސާބުން އަހަރެމެން ވިސްނުނީ ސޯހެއް އަޅައިގެން ޗިކެން ޓިއްކާ ހަދަން. އަދި ޔޯގަޓާއި ކްރީމާއި ހަވާދު އަޅައިގެން ޕޭސްޓުގަނޑެއް ތައްޔާރުކޮށް އޭގެ ތެރެއިން ޗިކަން ޓިއްކާ އަޅައި، ޗިކަން ޓިއްކާ މަސާލާ ތައްޔާރުކުރަން ފެށީ،" އަލީ ބުނެފައިވެ އެވެ.
އެ ހިސާބުން އެ ކެއުން މުޅި އިނގިރޭސި ވިލާތުގައި މަޝްހޫރުވި އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޔޫރަޕް މީހުންނަކީ، ދެކުނު އޭޝިއާގެ އާއްމު ކެއުންތައް ކުޅިކަމުން ކާން އުނދަގޫ ބަޔަކަށް ވެފައި، މި ކެއުމަކީ ކުޅިމަޑު ކެއުމަކަށް ވުމެވެ. ޔޯގަޓާއި ކްރީމް އަޅައިގެން ތައްޔާރުކުރާ ޕޭސްޓުގެ ސަބަބުން ޗިކަން ޓިއްކާގައި ހުންނަ ކުޅި ރަހަ އާއި ހަވާދުގެ ރަހަ މަޑުވެ ކާން ފަސޭހަވެ އެވެ.
އަދި އިނގިރޭސި ވިލާތުގައި ދިރިއުޅޭ އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލަދޭޝް މީހުންގެ ސަބަބުން މި ކެއުން ދެކުނު އޭޝިއާއާ ހަމައަށް ވެސް ފޯރި އެވެ. މިއީ މިހާރު އިންޑިއަން ފުޑްސްގެ ތެރޭގައި ހިމެނޭ ނުފޫޒުގަފަ، މަޝްހޫރު އަދި މަގުބޫލު ކެއުމެކެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ވެސް މިއީ މުގަލައި ނުވަތަ ޕަންޖާބީ ކެއުމެއް ކަމަށެވެ.
އެކަމަކު މިއީ އިނގިރޭސި ވިލާތުން ފަހުރުވެރިވާ އަދި އޭގެ މިލްކުވެރިކަމަށް އިންތިހާ އަށް ދައުވާ ކުރާ "ބްރިޓިޝް ފުޑް" އެކެވެ. އިނގިރޭސި ވިލާތުގެ ކުރީގެ ފޮރިން މިނިސްޓަރު ޓިމް ކުކް ވެސް ވަނީ މިއީ އިނގިރޭސި ސަގާފަތުގެ މުހިއްމު ބައެއް ކަމަށް ސިފަކުރައްވައިފަ އެވެ.
އަލީ ވަނީ ޗިކަން ޓިއްކާ މަސާލާއަކީ އޭނާ ދިރިއުޅުން އެ ގައުމެއްގައި ބިނާކުރި ސްކޮޓްލެންޑަށް ދޭ ހަދިޔާއެއް ކަމަށް ބުނެފަ އެވެ.