މިއަދުގެ ރީތި ތާރީހުގައި މާލޭގައި 58 ކައިވެނި، ފެމިލީ ކޯޓު ބޭރުގައި ޓެންޓު ޖަހާފައި!
މިއަދުގެ ރީތި ތާރީހުގައި މާލޭގައި 58 ކައިވެނި، ފެމިލީ ކޯޓު ބޭރުގައި ޓެންޓު ޖަހާފައި!

މާލޭގައި މިއަދު 58 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ރީތި ތާރީހުތަކުގައި ކައިވެނި ކުރަން ގިނަ އަދަދެއްގެ ދިވެހިން ކޮންމެ އަހަރަކު އިހްތިޔާރު ކުރާއިރު މިއަދު ކައިވެނިތައް ގިނަވީ 22/12/2022 ގެ ތާރީހު ރީތިވުމުންނެވެ.

ފެމިލީ ކޯޓުން ބުނި ގޮތުގައި މިއަދު ކުރަން ހަމަޖެހިފައިވާ 58 ކައިވެނީގެ ތެރެއިން 25 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައި ވަނީ ރަސްމީ ގަޑީގައި ކޯޓުގަ އެވެ. އަދި ނުރަސްމީ ގަޑީގައި 33 ކައިވެންޏެއް ކުރަން ހަމަޖެހިފައިވާ ކަމަށް ކޯޓުން ބުންޏެވެ.

މިއަދު އެ ކޯޓުގައި ގިނަ އަދަދެއްގެ ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާތީ ކޯޓަށް ދާ މީހުންނަށް ލުއިފަސޭހަ ކޮށްދީ، އަވިން ސަލާމަށްވެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ މަގުސަދުގައި ކައިވެނި ޑިވިޝަންގެ ބޭރުގައި ދުވާރު މަތީގައި ޓެންޓު ޖަހާފައިވާ ކަމަށް ވެސް ފެމިލީ ކޯޓުން ބުނެފައިވެ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަސް، 22/2/22 ގައި 87 ކައިވެންޏެއް މާލޭގައި ކުރި އެވެ. އެއީ މި އަހަރުގެ ރެކޯޑެވެ.

މިއަދުގެ ތާރީހާ ގުޅުވައި މާލޭގައި 58 ކައިވެނި ކުރާއިރު، ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ގިނަ ބަޔަކު ކައިވެނި ކުރާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެ ހިސާބުތަކެއް ލިބޭނެ ގޮތެއް ނެތެވެ.

މިދިޔަ އަހަރު މާލޭގައި އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި ކުރީ 21/12/2021ގެ ތާރީހުގަ އެވެ. އެ ދުވަހު މާލޭގައި 57 ކައިވެނި ކުރި އެވެ.

އޭގެ ކުރީ އަހަރުގެ ފެބުރުއަރީ ދެ ވަނަ ދުވަހު، 20/2/2020ގެ ތާރީހުގައި ފެމެލީ ކޯޓުން 66 ކައިވެނި ކޮށްދީފައިވެ އެވެ.