ލައިޕްޒިގްގެ ކާމިޔާބު ސްކައުޓް ވިވެލް އަށް ޗެލްސީގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދީފި
ލައިޕްޒިގްގެ ކާމިޔާބު ސްކައުޓް ވިވެލް އަށް ޗެލްސީގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދީފި

ލަންޑަން (ޑިސެމްބަރު 22) - ރެޑްބުލް ލައިޕްޒިގްގެ ކުރީގެ ސްކައުޓް ކްރިސްޓޮފާ ވިވެލް ޗެލްސީގެ ޓެކްނިކަލް ޑައިރެކްޓަރުކަމަށް ހަމަޖައްސައިފި އެވެ.

އުމުރުން 36 އަހަރުގެ ވިވެލް ވަނީ ރެޑްބުލްގެ ޕްރޮޖެކްޓްގެ ދަށުން ކުޅުންތެރިން ސްކައުޓް ކުރުމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. ރެޑްބުލްގެ މެނޭޖުމެންޓްގެ ދަށުން ހިންގާ ސަލްޒްބާގަށް، މެންޗެސްޓާ ސިޓީގެ މިހާރުގެ ފޯވާޑް އާލިން ހާލަންޑް ގެންދިޔައީ ސަލްޒްބާގްގެ ސްކައުޓިން ހެޑްގެ ގޮތުގައި ވިވެލް ހުރެގެންނެވެ.

ބޮރޯޝިއާ ޑޯޓަމަންޑްގެ މިހާރުގެ ފޯވާޑް ކާރިމް އަޑެޔެމީ ސަލްޒްބާގަށް ގެންދިޔައީ ވެސް ވިވެލް ސްކައުޓިންގެ ދަށުންނެވެ.

ޗެލްސީގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައި ކުރިން ހުރި އެ ޓީމުގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޗެކް ވަނީ މަގާމު ދޫކޮށްލައިފަ އެވެ. އެ މަގާމަށް ވިވެލް ގެންދިޔައީ ޗެލްސީގެ ވެރިޔާ އެމެރިކާގެ ބިލިއަނަރު ޓޮޑް ބޮހެލީގެ ސީދާ ބެލުމުގެ ދަށުންނެވެ.

"އޮސްޓްރިއާ އާއި ޖަރުމަންގައި އޭނާ ކުރި މަސައްކަތްތަކަކީ އޭނާގެ ފެންވަރު ހާމަކޮށް ދޭ ކަންކަން. އަހަރެމެން ވަރަށް އުފާކުރަން ޗެލްސީގެ މުހިންމު މަގާމާ ހަވާލުވާން ވިވެލް އެއްބަސްވީތީ،" ބޮހެލީގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ވިވެލް ބުނީ ޗެލްސީގައި ކުރިއަށް ދަނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ހިތްގައިމު ޕްރޮޖެކްޓް ކަމަށެވެ. ޗެލްސީ އަށް ކާމިޔާބު ކަމާއެކު ކުރިއަށް ދެވޭނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށް އޭނާ ބުންޏެވެ.

ޗެލްސީގައި އޭނާގެ މަސައްކަތަކަށް ވާނީ ކްލަބަށް ބޭނުންވާ ކުޅުންތެރިން ސްކައުޓް ކުރުމެވެ.