22 ޑިސެމްބަރ 2022 - 11:28

ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް ފަންޑު ކުރާ ފަރާތްތަކަށް ބިން ދޭގޮތަށް ހިންގާ ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަަކުގެ އުސޫލު އިތުރަށް ލުއިކޮށްދީފި އެވެ.
ކުރިން މި އުސޫލުގެ ދަށުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރުން ދެނީ ފަންޑުދޭ ޕްރޮޖެކްޓްގެ ޖުމްލަ އަގު އެއްކޮށް ދިނުމުންނެވެ. އެކަމަކު މިހާރު ވަނީ މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން މަދުވެގެން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ދިނުމުން އެ ފަރާތަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދެވޭނެ ގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީ ބުނީ ބިން ދޫކުރަން އެއްބަސްވާ ހިސާބުން ޕްރޮޖެކްޓްގެ ބާކީ ބައި ދެއްކުމަށް 60 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ނުދީފި ނަމަ އެ ފަރާތަކާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ބާތިލު ކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ އެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، ކުލީގެ އެއްބަސްވުން ބާތިލުކުރާ އިރު އެ ފަރާތަށް ދޫކުރި ރަށް ނުވަތަ ފަޅު ނުވަތަ ބިމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުން އެއްވެސް އެއްޗެއް ދޭން ނުޖެހޭނެ ކަމަށް ބުންޏެވެ. އެއްބަސްވުން ބާތިލު ކުރުމުގެ ކުރިން ޕްރޮޖެކްޓަށް ދިން ފަންޑުގެ އެއްވެސް ބައެއް އިންވެސްޓަރަށް ދޭން ނުޖެހޭ ގޮތަށް ގަވައިދު ވަނީ ބަދަލުކޮށްފަ އެވެ.
ކްރޮސް ސަބްސިޑީ އަކީ އިގްތިސާދީ އަދި އިޖުތިމާއީ މަންފާއެއް ލިބޭނެ ފަދަ މަޝްރޫއެއް ހިންގަން އަމިއްލަ ފަރާތަކުން އިންވެސްޓް ކުރުމުން، އޭގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެކެވެ.
ކްރޮސް ސަބްސިޑީގެ އުސޫލުން ޕްރޮޖެކްޓެއް ދޫކުރަން ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެ އުސޫލުން އެ މަޝްރޫއެއް ހިންގަން އިއުލާނު ކުރުމަށް ފަހު، ލިބޭ ޕްރޮޕޯސަލްތައް ބަލައި، މަޝްރޫއު އެވޯޑު ކުރާނެ ފަރާތެއް ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުންނެވެ.
އެ އުސޫލުގެ ދަށުން ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓް އެޅުމަށް މިދިޔަ އޮގަސްޓް މަހު ޕްލޭނިން މިނިސްޓްރީން އިއުލާނުކޮށްފައިވެ އެވެ.