21 ޑިސެމްބަރ 2022 - 19:22

ހއ. ދިއްދޫގައި އިސްލާމިކް ސެންޓަރެއް ހަދާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށާއި އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މަތިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ޕްރޮޖެކްޓުގެ ބިޑުގައި ބައިވެރިވުމަށް 500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 240،000ރ. ވެސް ހުށަހަޅަން ޖެހޭނެ އެވެ.
އެ އިއުލާނުގައި ބުނީ ބިޑުތައް ހުޅުވުން އޮންނާނީ އަންނަ މަހު ނުވައެއްގައި ކަމަށެވެ.
މިދިޔަ މަހު ފިނޭންސް މިނިސްޓްރީން ވަނީ ސ. ހިތަދޫގައި ވެސް އިސްލާމިކް ސެންޓަރެއް ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.
ކުރީ ސަރުކާރުން ވަނީ ބައެއް ރަށްރަށުގައި އިސްލާމިކް ސެންޓަރުތައް ހަދައިފަ އެވެ. އޭގެ ތެރެއިން ބައެއް ތަންތަން ހުޅުވީ މަސައްކަތް ނިމި ވަރަށް ގިނަ ދުވަސްވީ ފަހުންނެވެ.