21 ޑިސެމްބަރ 2022 - 18:10

ހުނަރުވެރި 12 މީހެއްގެ ވާހަކަ ދައްކުވައިދޭ، ދިރާގުގެ 2023 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާގައި ކަލަންޑަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުސަދާއި، ޑިރެކްޓަ އޮފް ޕްރޮކިއުމެންޓް، ޕްރޮޕަޓީ މެނޭޖްމެންޓް އެންޑް އެޑްމިނިސްޓްރެޝަން މުހައްމަދު ހަޒްމަތު އަބްދުﷲ އެވެ.

"އިންސްޕަޔާޑް ކަނެކްޝަންސް" ތީމްގައި ހެދި ކަލަންޑަރުގެ މަގްސަދަކީ މުޖުތަމައުގެ އެކި ގުޅުންތައް ފުރިހަމަކޮށް ކުރިއަށް ގެންދަން މަގުފަހިކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.

ތިމާވެއްޓާއި ބަހާއި އަތްތެރި މަސައްކަތުގެ އިތުރުން މިއުޒިކްގެ މައުލޫއަށް ބިނާކޮށްފައިވާ މި ފަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާ ކޮންމެ މީހަކީ އެކަކު އަނެކަކަށް ނޭނގި ނަމަވެސް، ކޮންމެސް ގޮތަކުން އެމީހެއްގެ ދާއިރާއިން ގުޅިފައިވާ މީހުންނެވެ.
އޭގެ އިތުރުން، ކަލަންޑަރުގައި ހިމެނޭ ވާހަކަަތައް ފެންނާނީ ކުލަގަދަ ތަފާތު ކުރެހުންތަކާއި، މިއުޒިކާ އެކު އޭއާރް (އޮގްމެންޓެޑް ރިއަލިޓީ) މެދުވެރިކޮށެވެ. އޭގައި ހިމެނޭ މީހުންގެ ވާހަކަތައް ކޮންމެ މަހަކަށް ހާއްސަކޮށްފައިވާ ސޮފްހާގައި އިންނަ ސްނެޕްޗެޓް ކޯޑު ސްކޭންކޮށްގެން ތަޖުރިބާ ކުރެވޭނެ އެެވެ.
"އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ ގުޅުން. އެގޮތުން މި ކަލަންޑަރުގެ ޒަރިއްޔާއިން އަޅުގަނޑުމެން ފާހަގަކޮށް އަގުވަޒަންކުރަން ބޭނުންވަނީ ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް ގުޅިފައިވާ ހައިރާންކކުރުވަނިވި ގޮތްތައް،" މިއަދުގެ ހަފްލާގައި ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް ޑައިރެކްޓަރު، މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުންމީދުކުރަނީ އެ ކަލަންޑަރުގެ ޒަރިއްޔާއިން، އޭގައި ހިމެނޭ 12 މީހުންނެކޭ އެއްފަދައިން ކުރިމަގުގެ ޖީލުތައް ވެސް އީޖާދީ ކަންތައްތައް ހާސިލްކޮށް، އާ ގުޅުންތައް ގާއިމުކުރަން ހިތްވަރު ލިބުން ކަމަށެވެ.
ދިރާގުގެ ކަލަންޑަރަށް އޮންނަ ތަރުހީބު ބޮޑުކަމަށާއި، ހުރި ވަރަކުން ވީހާ ވެސް ގިނަ ބަޔަކަށް އެ ކަލަންޑަރު ދޭނެ ކަމަށް ދިރާގުން ބުންޏެވެ.