ސްކޫލް ބަންދާ ދިމާކޮށް އަނެއްކާވެސް ވިއްސާރަ ދުވަސްތަކެއް
ސްކޫލް ބަންދާ ދިމާކޮށް އަނެއްކާވެސް ވިއްސާރަ ދުވަސްތަކެއް

ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރި އިރުގައި، މާދަމާ އަކީ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ރިޕޯޓް ފޯމް ދޭ ދުވަހެވެ. އެހެންވެ، މިފަހަރު ވެސް ސްކޫލް ބަންދު މި ދިމާވަނީ ވިއްސާރަ ދުވަސްތަކަކާ އެވެ.

ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މި އަހަރު ޖުލައި މަހު ވެސް މޫސުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެއީ ޖުލައި މަހަށް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރި ފަހުން ލިބުނު ފުރަތަމަ ބަންދެވެ. އެ ދުވަސްވަރު މޫސުން ގޯސްވެ ދަތުރުފަތުރުކުރަން ދަތިވުމާ ގުޅިގެން އާންމުންގެ ޝަކުވާ ވެސް ވަރަށް ބޮޑުވި އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، މިއަދު ރާއްޖޭގެ އުތުރާއި މެދުގެ ރަށްތަކަށް ވިއްސާރަ ކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވެ އެވެ. އަދި ދެކުނު ރަށްތަކަށް ވައިގަދަވެ، ކަނޑު ވެސް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

• ރާއްޖޭގެ މެދުތެރޭގެ ރަށްތަކަށް ވައިޖެހެނީ އުތުރާއި އިރުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި

• އެހެން ހިސާބުތަކަށް ވައިޖެހޭނީ ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި

• ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ

މެޓްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި އަހަރުގެ އިރުވައި މޫސުން ފެށުން ލަސްވެފައިވާ ކަމަށެވެ. އާންމުގޮތެއްގައި ޑިސެމްބަރު 22 ހިސާބުގައި އިރުވައި މޫސުން ފެށިޔަސް، ކޮޅިގަނޑެއްގެ އަސަރު ރާއްޖެއަށް މިހާރު ކުރަމުން ދާތީ ވައި ހުންނަ މިސްރާބު އެއްކޮށް އިރަށް ބަދަލުނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށެން ކައިރިވުން "އިރުވައި ހަޅަ"އިގައި މޫސުން ގޯސްވެ އެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި އިރުވައި މޫސުން ފެށޭނެ ކަމަށް ބެލެވެނީ މި މަހު ފަހުކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅުގަ އެވެ.