15 ޖެނުއަރީ 2017 - 06:18

ވަރަށް ބޯކޮށް ވާރޭ ވެހެނު ދުވަހެކެވެ. މެންދުރުގެ ވަގުތެވެ. މަންސޫރު ހުރީ ވަލުގައި ނިކަން ބާރަށް ހިފަހައްޓައިގެންނެވެ. ރަމްޒިއްޔާގެ ސަންދޯއް ވަޅަށް ތިރިވާކަށް މަންސޫރު ބޭނުމެއް ނޫނެވެ. ގާތުގައި ހުރި މީހަކު، މަޑުމަޑުން މަންސޫރުގެ ކޮނޑުގައި ޖަހައިލިއެވެ. ވަލަށް ދޫދިނީ އެ ހިސާބުންނެވެ. ތިން ފިރިހެންދަރިން ދޫކޮށްފައި ކުދިންގެ މަންމަ ވަކިވުމުން މަންސޫރު ހިތަށް ކުޅަދާނަވާ ވަރެއް ނޫނެވެ. ބައްޔެއް ނުވެ ކުއްލި ގޮތަކަށް ރަމްޒިއްޔާ ވަކިވެގެންދިޔައިރު މަންސޫރު ހުރީ އެ ފަދަ ކަމަކަށް ކުޑަކޮށް ވެސް ތައްޔާރު ނުވެއެވެ. މީހުން ހީކުރީ ވަރަށް އަވަހަށް މަންސޫރު އެހެން ކައިވެންޏެއް ކުރާނެކަމަށެވެ.
ދޮންމަންމައެއް ގެންނާކަށް މަންސޫރު ބޭނުމެއް ނުވިއެވެ. ކުދިންގެ ޒިންމާ ކޮނޑުގައިއަޅައިގެން މަންސޫރު ހިންދަމައިލިއެވެ. ވަރަށް ބަރެވެ. އެހާމެ އުނދަގުލެވެ. ކިތަންމެ ފަހަރަކު އަރިއަޅައިލިއެވެ. އަމިއްލަ ހުރިހާ އުފަލެއް ޤުރުބާންކޮށްފައި މަންސޫރު މަސައްކަތްކުރީ ދަރިންނަށްޓަކައެވެ. ކުދިން ބަނޑުހައިވިޔަކަ ނުދެއެވެ. މަންމަ ނެތުމުގެ އުނިކަން އިހުސާސްވިޔަކަ ނުދެއެވެ. ދުނިޔެއަށް ލޯ ހުޅުވައިދީ، ތަންދޮރު އޮޅުންފިލުވައިދިނެވެ. އިތުބާރުކުރެވޭ އެކުވެރިންނާ ހަވާލުކޮށްފައި މާލޭގެ ގޭގޭގައި ބައިތިއްބައިގެން މަތީ ތަޢުލީމުގެ ނޫރުން ވެސް ކުދިންގެ ހިތްތައް އުޖާލާކޮށްދިނެވެ. މަންސޫރު ހުރީ ރަށުގައެވެ. މުރާލިކަމާ އެކުގައި މަސްވެރިކަން ކުރުމުގައެވެ. މާލޭގައި ތިބޭ ދަރިންގެ އެކިއެކި ބޭނުންތައް ފުއްދައިދޭން އާމްދަނީ ހޯދުމުގައެވެ. ދުވަސްތައް އަހަރުތަކަށް ވެގެން ދިޔައީ އެ ގޮތުގައެވެ.
މަންސޫރުގެ ތިން ދަރިން ތިބެއެވެ. އެންމެ ދޮށީ އަންވަރެވެ. ދެން ހުރީ ހަނީފެވެ. އެންމެ ހަގީ ނަސީރެވެ. ހުރިހާ ދަރީން ވެސް އުޅެނީ މާލޭގައި ގެދޮރު ހުރި މީހުންނާ އިނދެގެން ތަނަވަސްކަމުގައެވެ. މަންސޫރު މުސްކުޅިވެއްޖެކަމާއި، ކުރިން އުޅުނުހެން ނޫޅެވޭނެކަމެއް ކުދިން ނުދެނަހުއްޓެވެ. ކޮންމެ ދުވަހެއްގެ ވެސް އިރުއަރައި އޮއްސެނީ އާމްދަނީ ހޯދުމުގައި ދަރިން އަވަދިނެތި އުޅެނިކޮށެވެ. ހަފުތާއަކު އެއްފަހަރު ވެސް ބައްޕަގެ ހާލެއް ނުބެލެއެވެ. ކުދިންނަށް "އުނދަގޫ ޖައްސާކަށް" މަންސޫރު ބޭނުމެއް ނޫނެވެ. ހަށިގަނޑަށް އުނދަގޫތަކެއް އިހުސާސްވަމުންދިޔައިރު ވެސް މަންސޫރު އަޅާނުލާ ހުރީއެވެ. އެއްދުވަހަކު އަރިއަޅައިލައިގެން ވެއްޓުނީއެވެ.
ރަށުން ބޭހެއް ނުކުރެވުނެވެ. މަންސޫރު މާލެ ގެނައެވެ. ހޮސްޕިޓަލުގައި އެޑުމިޓުކޮށްފައި އޮތްއިރު ބައްޕަ ގާތުގައި އިނދެލުމަކީ، އެއްވެސް ދަރިއަކަށް ފަސޭހަކަމަކަށް ނުވިއެވެ. ސަބަބު ވަރަށް ސާފެވެ. ކާންބޯން މަސައްކަތް ކުރަންޖެހޭތީ ދަރިންނަށް ވަގުތު ނެތީއެވެ. ތިން ހަފުތާ ވީއިރު ކުދިންގެ މޫނުމަތިން ފޫހިކަމުގެ އަސަރު މަންސޫރަށް ފެނުނެވެ. ހިތް ކުދިކުދިވި ކަހަލައެވެ. ދެން ވެސް މަންސޫރު ޝަކުވާއެއް ނުކުރެއެވެ. އެދުނީ އެންމެ ކަމަކަށެވެ.
"ކުދިންނޭ ބައްޕަ ގޮވައިގެން މަހެއްބާނާލަން ހިނގާބަލަ!" ވަރަށް އޯގާތެރިކަމާ އެކުގައި މަންސޫރު އެދުނެވެ. "ހާދަހާ ދުވަހެއް ވެއްޖޭ މަސްބާނަން ނުދެވޭތާ."
"ދެން ބައްޕައަށް ވެސް އެނގޭނެދޯ ބައްޕައަށް މިހާރު މަހަކަށް ނުދެވޭނެކަން." އަންވަރު ދިނީ ވަރަށް ކުރު ޖަވާބެކެވެ.
އެކަކު ކުރާހިތްވަނީ ކަރޯކޭ ލަވަކިޔުން ކަމަށް ވެސް ވެދާނެއެވެ. ފީނަން ދާހިތްވާ މީހުން ވެސް އުޅެއެވެ. މަހަށްދިޔުމަކީ މަންސޫރު އެންމެ ކުރާހިތްވި ކަންތަކެވެ. އެކަމަކު، ދަރިންނަކަށް އެ ކަމެއް މުހިންމެއް ނުވިއެވެ. ބައްޕަ އެހެން އެ ބުނަނީ ކިހާ ބޭނުންވެގެންކަމެއް އަންދާޒާއެއް ނުކުރެވުނެވެ. ވަރަށް ގިނަ މައިންބަފައިން ފަދައިން، މަންސޫރު ވެސް ހިތާހިތުން އެދޭ ވަރަށް ބޮޑު އެދުމެއް އޮތެވެ. ދަރިންނަށް ބުރައަކަށް ނުވުމެވެ. އެ އަށް ވުރެ ކުރިން މަންސޫރުގެ ފުރާނަ ﷲ ގެންދެވުމެވެ. އެހެނެއް ނުވިއެވެ. ދޮޅު މަސް ވަންދެން މަންސޫރު ހޮސްޕިޓަލުގައި އޮންނަންޖެހުނެވެ. ބައެއް ވަގުތުގައި އެކަނިމާއެކަންޏެވެ. ރޭގަނޑު ހޭލާ ހުންނަން ޖެހުމުން ދަރިން ޝަކުވާކުރާ އަޑު މަންސޫރަށް އިވެއެވެ. ނީވޭކަމަށް ހަދަނީއެވެ. ފެންކަޅިވެއެވެ. ކަރުނަ ފޮރުވަނީއެވެ. ބޮޑަށް މަޝްވަރާކުރެވުނީ މަންސޫރަށް ނީވޭ ހިސާބުގައެވެ.
"މިއަދު ބައްޕަ ގެއަށް ގެންދަން ބުނެފި،" ނަސީރު ހުރީ އެ ކަމާ ކަންބޮޑުވެފައެވެ. "މަ ބޭނުމީ ހޮސްޕިޓަލުގަ ބާއްވަން. އެކަމަކު އޭރުން ހޭލާ އެބަ ހުންނަންޖެހޭ. ބޭކާރު ލާރިތަކެއް އެބަ ސްޕެންޑުވޭ. ގެއަށް ގެންދަން ބަލާއިރު ކޮން ގެއަކު ބާއްވާނީ؟"
ފުރަތަމަ އަތްނަގާ މީހަކަށް ވާކަށް އެކަކު ވެސް ބޭނުމެއް ނޫނެވެ. ކޮންމެ މީހަކު ވެސް އިންތިޒާރުކުރީ އަނެކަކު ބުނާ އެއްޗަކަށެވެ.
"އަހަރެން ގޭގަ ބާއްވަން ވަރަށް އުނދަގޫ،" އަންވަރުގެ ހާލަތު ބުނެދިނެވެ. "މަ އަބަދު މި އުޅެނީ އޮފީހުގަ. ވައިފް ކިހިނެއް ބައްޕަ ބަލާނީ؟"
"މަށަށް އޯކޭ ބައްޕަ ބާއްވަން،" ހަނީފުގެ ވާހަކައިން ހީވަނީ އެ ކަމަށް ތައްޔާރަށް ހުރިހެންނެވެ. "އެކަމަކު، މާލޭގަ ގެއެއް ހުއްޓަސް ވަރަށް ކުޑަ ތަންކޮޅެއްގަ މި އުޅެނީ."
"މަގޭ އެޕާޓުމަންޓުގަ ހުންނާނެ ރޫމެއް،" ނަސީރު ބުންޏެވެ. "އެ ތާ ބޭއްވިދާނެ. އެކަމަކު މަށަކަށް ވެސް އަނެއްހެން ބުނަންޏާ ފަސޭހައެއް ނުވާނެ. އެކަމަކު، ބަލާނަން ތި ކަން ވޭތޯ."
ޖެހިފައިވާ ބައްޔެއްގެ ސަބަބުން، ހިނގާބިނގާވެ އުޅުމަކީ މަންސޫރަށް ފަސޭހަކަމެއް ނޫނެވެ. އަބަދުމެ އޮންނަނީ އެނދުގައި އޮށޯވެލައިގެންނެވެ. ކުޑަކަމުދެވޭކަމެއް ނުވަތަ ބޮޑުކަމުދެވޭކަމެއް މަންސޫރަކަށް ނޭނގެއެވެ. އެއީ ރަނގަޅު ކުރެވޭ ބައްޔެކެވެ. ކުޑަ ޚަރަދެއް ކުރަން ކެރިއްޖެ ނަމައެވެ. އެކަމަކު، އެއްވެސް ދަރިއަކު އެ ޚަރަދުގައި ހިފާކަށް ބޭނުމެއް ނޫނެވެ. މަންސޫރުގެ ހުރިހާ ކަމަކާ ހަވާލުވީ ނަސީރެވެ. އަތްމަތި އެންމެ ދަތީ ވެސް އޭނައެވެ. ނަސީރަށް ފެނުނީ ބައްޕައެއް ނޫނެވެ. އާމްދަނީއަށް ކުއްލިއަކަށް އިތުރުވި ފަސް ހާސް ރުފިޔާއެވެ. ބައްޕަގެ ހުރިހާ ކަމެއް ނަސީރު ކުރާތީ، ބައްޕައަށް ލިބޭ ފަސް ހާސް ރުފިޔާ ނަސީރަށް ދިނުމަށް އެހެން ދަރިއަކު ދެކޮޅެއްނަހަދައެވެ. އެ ފައިސާއިން ބައްޕަގެ އޮޕަރޭޝަނަށް ޚަރަދުކުރަން ނަސީރު އިންކާރުކުރިއެވެ. އަމިއްލަ ޖީބަށް ލާން ލިބޭ ވަރު މަދުވާނެތީއެވެ.
ބައްޕައަށް މާ ބޮޑު ޚަރަދެއް ނުހިނގައެވެ. ކާންދެނީ ގޭގައި އާންމުކޮށް ކައްކާ އެއްޗެއްސެވެ. އަންނައުނު ހޯދާކަށް ނުޖެހެއެވެ. އެ ހިތްހަމަޖެހުން ނަސީރަށް ލިބެއެވެ. ކުޑަ ތަކުލީފަކާ އެކުގައެވެ. ގަޑިންގަޑިއަށް ބައްޕަގެ ނެޕީ ބަދަލުކުރަން ނަސީރު ގެއަށް އަންނަންޖެހެއެވެ. ބައްޕަ ފެންވަރުވައިދޭން ޖެހެއެވެ. ކާންދޭން ނަސީރު އެހީތެރިވާން ޖެހެއެވެ. ފައިސާކޮޅަށްޓަކައި ނަސީރު ވަރަށް ކެތްކުރިއެވެ. އެކަމަކު، ފުރަތަމަ މަސް ނިމި ދެވަނަ މަހަށް ކުރިމަތިލިއިރު ނަސީރުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ފަސް ހާސް ރުފިޔާގެ ނަގުދު ފައިސާ ލިބުނަސް، އެހީތެރިވަނީ ބައްޕައަށް ކަމުގައި ވިޔަސް، ނަސީރަކަށް އެ ކަމެއް ނުވިއެވެ. ތިންބެއިން އެއްތަންވެ، ބައްޕައަށް ދެން ހެދޭނެ ގޮތަކާމެދު މަޝްވަރާކުރިއެވެ. ދެން ވެސް ނަސީރު ހުރީ، ބައްޕަ ބެލުމުގެ ޒިންމާ ނަގާށެވެ. އެހެން ތަނަކަށް ބައްޕަ ބަދަލުކުރެވިއްޖެ ނަމައެވެ.
ރަށުން އެންމެ އަވަހަށް އައި ދޯނިން ބައްޕަ ރަށަށް ބަދަލުކުރިއެވެ. އެ ރަށުގައި ބައްޕަ ބޭއްވީ ޒުބޭދާގެ ގޭގައެވެ. އޭނައަކީ ނަސީރުގެ ބޮޑުދައިތައެކެވެ. ޒުބޭދާގެ ފިރިއަކު ނުހުރެއެވެ. ދަރިން އުޅެނީ މާލޭގައެވެ. ބައްޕައަށް ކައްކަނީ ޒުބޭދާއެވެ. ކާންދިނުން ހަވާލުކޮށްފައި އޮންނަނީ ކައިރި ގެއެއްގައި އުޅޭ ފިރިހެނަކާއެވެ. ފެންވެރުވުން ފަދަ ކަންތައް ކުރަނީ ބިދޭސީއެއް ލައްވައެވެ. ވަރަށް ކުޑަ ޚަރަދަކުން ނަސީރަށް އެ ކަންކަން ކުރެވޭނެ ގޮތް ހަމަޖެހުނެވެ. ޖީބަށްލާން ތިން ހާސް ރުފިޔާ ލިބެއެވެ. ޒުބޭދާއަށް އެ ހުރިހައި ކަމެއް އެނގެއެވެ. އެ ގޮތް ކަމަކުނުދިޔައެވެ. އެހެން ބުނާކަށް ނުކެރުނެވެ. ދެން ހޯދީ ބަހަނާއެކެވެ.
ކުއްލިއަކަށް ޒުބޭދާ މާލެއަށް ދާންޖެހުނެވެ. ދަރިން ދެކިލުމަށްޓަކައެވެ. މާލެ ދިޔަގޮތަކަށް ޒުބޭދާއެއް ނައެވެ. ނަސީރު ގުޅިޔަސް ފޯނެއް ވެސް ނުނެގިއެވެ. ނަސީރު ދުށް ގޮތުގައި، ދައްތަގެ އެހީ ނުލިބުނަސް ބައްޕައަށް އުޅެވޭނެއެވެ. ދެ ބޭބެއިންނަށް ވެސް އެ ކަން ގަބޫލުކުރެވުނެވެ. ބައްޕަ ކިހާ އެކަނިވާނެކަމެއް، ދަރިން ކިހާ ދެކިލާހިތް ވާނެކަމެއް އެކަކަށް ވެސް ނޭނގުނެވެ. ކެއްކުމުގެ ކަންތައް އަވަށްޓެރިއަކާ ހަވާލުކުރިއެވެ. ބައްޕަ "އުއްފު" ވެސް ނުބުނެއެވެ. ޝަކުވާއެއް ނުކުރެއެވެ. ހަތަރުދަން ހޭދަކުރީ ކުނައެއް އަޅައިފައިވާ، ރޯނުފުރި އެނދެއްގައެވެ. ވަށައިގެން ފެންނަނީ ތެޅިގަލުން ރާނައިފައިވާ ހަތަރު ފާރެވެ. އެއް ފާރުގައި ދާޖަހައިފައިވާ ކިޑިކީދޮރެއް ހުރެއެވެ. މަރަށްފުރާނައަށް ތެދުވެގެން އައިސް މަންސޫރު ހުންނަނީ އެ ކިޑިކީ ކައިރީގައެވެ. ދުރުން މޫދު ފެންނަން އޮވެއެވެ. ކަނޑުން އަރައިގެން އަންނަ ނަލަ ރޯޅިއާ އެކުގައި މާޒީގެ ހަނދާންތައް މަންސޫރުގެ ސިކުނޑީގައި އުތުރިއަރަން ފަށައެވެ. މޫދަކީ މަންސޫރުގެ ހިތުގެ ފަރުވާއެވެ. މަސްވެރިކަމަކީ، މަންސޫރު އާމްދަނީ ހޯދަން ކުރި މަސައްކަތެވެ. ފުރާނައިގެ ކާނާއެވެ. ދޯނީގައި މަހަށް ނުދެވޭވަރު ވުމުން، މަސްބާނަން އަތިރިމައްޗަށް ނަމަވެސް މަންސޫރު ދިޔައެވެ. ބަލިއެނދުގައި އޮށޯންނަންޖެހުނު ކަމުގައި ވިޔަސް، މަސްބޭނުމުގެ ޝައުޤުވެރިކަން ކުޑައެއް ނުވިއެވެ. އަތްފައިގައި ވަރު ނެތަސް، ކަންވާރުގައި ނުހިފުނަސް، ރާޅުޖަހާ ފަށުގައި އިނދެލަން ނަމަވެސް ދާން މަންސޫރު ބޭނުމެވެ. އެކަކު ވެސް އެ ކަން ކޮށެއްނުދިނެވެ.
މިއަދު މެންދުރެއްހާއިރު މަންސޫރު ފެނުނީ، ވަދާގޮސްފައި އައި ބަޔަކަށެވެ. އޭރު މަންސޫރުގެ ގަބުރު ފެންމަތީގައި އޮވެގެން އޮޔާދަނީއެވެ. އަނިޔާއެއްގެ އެއްވެސް ނިޝާނެއް ހަށިގަނޑުގެ ބޭރުފުށަކު ނެތެވެ. އެހެނަސް އެ ހިތް ނަގައި ބެލި ނަމައެވެ. ފާރު ނުވާ އެންމެ ތަންކޮޅެއް ވެސް ނުފެނުނީހެވެ. ސަހަރާއަށް ގެންދިއުމުގެ ކުރިން ގަބުރު ބާއްވައިފައި އޮތީ އަތިރިމަތީގައެވެ. މަންސޫރުގެ ފިރިހެންދަރިން ވީ މާލޭގައެވެ. އަންވަރު ބުނިގޮތުގައި، ރޯގާޖެހިގެން އޭނައަކަށް ކަނޑުދަތުރެއް ނުކުރެވޭނެއެވެ. ޖަނާޒާގައި ބައިވެރިވާން ދަރިއަކު އަންނާނެކަމެއް ނޭނގެއެވެ. ކޮންމެ ދަރިއަކީ ވިޔަފާރިވެރިއެކެވެ. ބައްޕަގެ މޫނުދެކިލަން އަންނާނެ ވަގުތެއް އެ މީހުންނަކަށް ނެތެވެ. އެކަމަކު، މަންސޫރުގެ ހުރިހާ ވަގުތެއް ދަރީންނަށް ހުސްކުރިއެވެ. ރަނގަޅު ފެންވަރުގެ އިސްކޫލުތަކަށް ދަރިން ފޮނުވިއެވެ. ދެފައި މައްޗަށް ތެދުވެ ހުރެވުނު ހުރިހާ ދުވަހަކު މަސައްކަތްކުރީ ދަރިންގެ މުސްތަޤުބަލު އުޖާލާ ކުރުމަށްޓަކައެވެ. ބޭނުމެއް ކޮބައިހެއްޔެވެ؟ މީހުން ކިޔެވެ. މަންސޫރަކީ ކޮންކަހަލަ ބަފައެއް ހެއްޔެވެ؟ ދަރީންނަށް އެ ބައްޕަ ދިން ލޯބީގައި އެއްވެސް ޝަރުތެއް ނެތީ ހެއްޔެވެ؟ ދަރިންނާ ދޭތެރޭ އެ ބައްޕަ އެއްވެސް އުންމީދެއް ނުކުރަނީ ހެއްޔެވެ؟ ނުވަތަ މަންސޫރަކީ، ޝުކުރުކުރުމުގެ ނާދިރު ނަމޫނާއެއް ހެއްޔެވެ؟
ނިމުނީ