14 ޖެނުއަރީ 2017 - 21:57

ކުންފުންޏެއްގެ އޮފީސް ރޭ ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށް، ގެއްލުނު ފައިސާގެ ތެރެއިން ބޮޑު ބައެއް މިއަދު ހޯދައިފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި ވާ ގޮތުގައި ޔުނިމެކްސް މޯލްޑިވްސް ކުންފުނީގެ އޮފީސް ފަޅާލައި، އެ ތަނުން 353،000ރ. އަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ބުނެ މިއަދު ހެނދުނު ހުށަހެޅި މައްސަލާގައި ހައްޔަރުކުރީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ.
ފުލުހަށް މައްސަލަ ހުށަހެޅިތާ ގަޑިއެއްހާއިރުގެ ތެރޭގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ކޯޓު އަމުރެއްގެ ދަށުން އެ ޒުވާނާ ހައްޔަރުކުރީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނިގޮތުގައި މައްސަލަ ހުށަހެޅިތާ މާ ގިނައިރުތަކެއް ނުވަނީސް، އެ އޮފީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 200،000ރ. އަށް ވުރެ ގިނަ ފައިސާ ވަނީ ހޯދައިފަ އެވެ.
އިސްކަންދަރުމަގުގައި ހުންނަ ޔުނިމެކްސް އޮފީހުން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން ބާކީ ފައިސާތަކާއި ތުހުމަތުކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
"އޮފީސްތަކުގައި ގިނަ އަދަދެއްގެ ފައިސާ ބެހެއްޓުމުގެ ބަދަލުގައި ކޮންމެ ދުވަހަކު ވެސް ބޭންކަށް ފައިސާ ޖަމާކުރުމަށް އިސްކަންދެއްވައި، ފައިސާ ގެންގުޅުއްވުމުގަ އާއި ތަނުގެ ސެކިއުރިޓީ ކަންކަން ހަރުދަނާކޮށް މިހާރަށް ވުރެ އިތުރަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ،" ފުލުހުންގެ ވެބްސައިޓްގައި ވެ އެވެ.