20 ޑިސެމްބަރ 2022 - 21:21

އިންޑިއާގެ އެފްކޮންސް ކުންފުނީގެ ގުޅިފަޅު އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާ ހިނގާފައި ވަނިކޮށް އަނެއްކާވެސް އެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފުން ދިރިއުޅޭ ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މުއައްޒަފަކު ވަނީ ގެއްލިފަ އެވެ. އޭގެ ފަހުން އެ ސަރަހައްދުން މީހެއްގެ ކަށިތަކެއް ފެނިގެން އެތަކެތި ތަހުލީލު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރޭ ވެސް ގުޅިފަޅުން ކަށިތަކެއް ފެނިފައިވާ ކަމަށެވެ. އެ ކަށިތައް ފެނުނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފު ކުރަނިކޮށް ކަމަށާއި އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އެފްކޮންސްގެ ސައިޓުގައި 457 މުވައްޒަަފުން އުޅެ އެެވެ. އެތަނުގައި މަސައްކަތް ކުރި އެކަކު ފިޔަވައި އެންމެން ވެސް ސަލާމަތްވިކަން ކަށަވަރުވި ނަމަވެސް، ގިނަ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާވެފަ އެވެ.
- 78 މީހަކު ހޮސްޕިޓަލަށް ގެންދިޔަ.
- 35 މީހަކު އެޑްމިޓްކޮށްގެން ފަރުވާދިން.
- 24 މީހަކަށް ލިބުނު ކުދި އަނިޔާތަކަށް ފަރުވާދީފައިވޭ.
- ހަތަރު މީހެއްގެ އޮޕަރޭޝަން ކޮށްފައިވޭ.