އީސީ ސެކިއުރިޓީ ރޫމާއި ގުދަނެއް ފަޅާލައި ވައްކަންކޮށްފި
އީސީ ސެކިއުރިޓީ ރޫމާއި ގުދަނެއް ފަޅާލައި ވައްކަންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކިއުރިޓީ ރޫމް އާއި ގުދަނެއް ފަޅާލައި ވައްކަން ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އީސީން ބުނީ އެ ކޮމިޝަން ހުންނަ އިމާރާތުން ބޭރުން ވަދެ ސެކިއުރިޓީ ރޫމް ފަޅާލާފައިވަނީ މިދިޔަ މަހު 30 ގައި ކަމަށާއި ބާ ޖަމާލުއްދީން އިމާރާތުގައި ހުންނަ އީސީގެ ގުދަނެއް މި މަހު 10 ގައި ފަޅާލާފައިވާ ކަމަށެވެ.

ސެކިއުރިޓީ ރޫމް ފަޅައިލި އިރު އިންތިހާބަކާ ގުޅުން ހުރި ލިޔުމެއް އަދި އެކަމާ ބެހޭ އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދާ ކަމަށް އީސީން ބުންޏެވެ.

ނަމަވެސް ނިމިދިޔަ ކައުންސިލް އިންތިހާބުގައި ބޭނުން ކުރި ފަސް ނެޓްބުކް ގެއްލިފައިވާ ކަމަށާއި އެތަނުގައި ހުރި ހުސް ތިޖޫރީއަކަށް ގެއްލުން ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އިސީން ބުންޏެވެ.

ކުރިން އަރަބިއްޔާ ސްކޫލް ހިންގި ބާޖަމާލުއްދީން އިމާރާތުގައި ހުރި ގުދަނުން 11 ޔޫޕީއެސް އާއި 65 އިންޗިގެ ދެ ޓީވީއަކާއި ދެ ސްޕީކަރު އަދި 10 މީޓަރުގެ ކަރަންޓު އެކްސްޓެންޝަން ބޯޑެއް ވަގަށް ނަގާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި ދެ ހާދިސާ އާ ގުޅިގެން މިހާރު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް އީސީން ބުންޏެވެ.

މި ދެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އީސީން ބުނީ އެފަދަ ވައްކަންތައް ތަކުރާރު ނުވާނެ ގޮތަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުންގެ މަޝްވަރާގެ މަތިން ކުރަމުން އަންނަ ކަމަށެވެ.