ލޮރީ ބުރާއި ތާއީދު ފޯމް ފުރުމާއެކު ނަޝީދުގެ ކެމްޕެއިން މާލޭގައި ފަށައިފި
ލޮރީ ބުރާއި ތާއީދު ފޯމް ފުރުމާއެކު ނަޝީދުގެ ކެމްޕެއިން މާލޭގައި ފަށައިފި

އަންނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނާއެކު ތާއީދު ފޯމް ފުރުމުގެ މަސައްކަތް މިއަދު ފައްޓަވައިފި އެވެ.

ނަޝީދުގެ ފަރާތުން ފައްޓަވާފައިވާ "އަންނި 2023" ކެމްޕެއިން މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އެމްޕީއެލް ސަރަހައްދާއި ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށް ގެންދިޔަ އެވެ. އަދި މިރޭ އެމްޑީޕީ ހަރުގެ ކުރިމަތީގައި ވެސް ފޯމް ފުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ނަޝީދަށް ތާއީދު ކުރުމަށް ގޮވާލާ ލޮރީ ބުރެއް ފެށުމުގެ މަސައްކަތް ވެސް ހަރުގެ ކައިރީ ކުރިޔަށް ގެންދެ އެވެ.

އެ ހަރަކާތްތަކުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދި ނަޝީދަށް ތާއީދު ކުރައްވާ އެ ޕާޓީގެ އެހެނިހެން މެންބަރުން ވެސް ތާއީދު ފޯމް ފުރުމުގެ ހަރަކާތުގައި ބައިވެރިވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28ގަ އެވެ.

އެ އިންތިހާބަށް ނުކުންނަވާނެކަން އިއުލާން ކުރައްވާފައިވާ ނަޝީދު ވިދާޅުވާ ގޮތުގައި އެމްޑީޕީގެ ދަފްތަރުން ވަރަށް ގިނަ މެމްބަރުން އުނިކޮށް، އެ ދަފްތަރު ވަނީ ގަޑުބަޑުކޮށްފަ އެވެ.

އެ ދަފްތަރު ގަޑުބަޑުވީ އެ ޕާޓީގެ ވޯޓުލާ ދަފްތަރުން 40،000 ގާތަށް މެމްބަރުންނަށް އެންގުމަކާ ނުލައި ވަކިކުރުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ފޮނުއްވި ސިޓީފުޅެއްގައި ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލާފައި ވާއިރު، ޕާޓީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި ނަޝީދުގެ ފެކްޝަނުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.