20 ޑިސެމްބަރ 2022 - 15:00

އިންސްޓަގްރަމްގައި މިހާތަނަށް އެންމެ ގިނަ ލައިކްސް ލިބުނު ޕޯސްޓުގެ ރެކޯޑް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވޯލްޑް ކަޕުގެ ފައިނަލް މެޗަށް ފަހު ކާމިޔާބީ ފާހަގަކުރަން އަޕްލޯޑްކުރި ޕޯސްޓަށް ލިބިއްޖެ އެވެ.
މިވަގުތާ ހަމައަށް އެ ޕޯސްޓަށް ވަނީ 56 މިލިއަން ލައިކްސް ލިބިފަ އެވެ. ކުރިން މި ރެކޯޑް ލިބިފައި އޮތީ ދުނިޔޭގެ ރެކޯޑެއް ހެދުމުގެ މަގުސަދުގައި "ވޯލްޑް ރެކޯޑް އެގް" ނަމުގައި ހަދާފައިވާ އެކައުންޓަކުން އިންސްޓްގްރަމަށް ލީ ކުޅުޅު ބިހެއްގެ ފޮޓޯ އަށެވެ. އެއީ 55.9 މިލިއަން ލައިކްސްއާ އެކު އެވެ.
އެމެރިކާގެ ސެލެބްރިޓީ ކައިލީ ޖެނާގެ ޕޯސްޓަކަށް ލިބުނު 18 މިލިއަން ލައިކްސްގެ ރެކޯޑް މުގުރާލުމުގެ ބޭނުމުގައި ބަޔަކު ހެދި އެ އެކައުންޓުން ޕޯސްޓްކޮށްފައިވަނީ ހަމައެކަނި އެ ބިހުގެ ފޮޓޯ އެވެ.
ޕެނަލްޓީ ޖަހައިގެން 4-2 އިން ފްރާންސް ބަލިކޮށް އާޖެންޓީނާ އިން އާދީއްތަ ދުވަހުގެރޭ ތަށި ހޯދި މެޗަށް ފަހު މެސީ ކުރި ޕޯސްޓުގައި ހިމެނެނީ އޭނާ ވޯލްޑް ކަޕް ޓްރޮފީ އުފުލާލާ ފޮޓޯއަކާއި ޓީމު ކުޅުންތެރިންނާ އެކު ތަށްޓާ ހަވާލުވާ ފޮޓޯއަކާއި ތަށީގައި ބޮސްދޭ ފޮޓޯއަކާއި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރާ ފޮޓޯތަކެވެ.
އެ ޕޯސްޓުގައި ކެޕްޝަނުގައި މެސީ ވަނީ އޭނާގެ އާއިލާ އާއި އޭނާ އަށް ތާއީދުކުރި މީހުންނާއި އޭނާ އަށް ވާނެކަން ގަބޫލުކުރި އެންމެންނަށް ޝުކުރުއަދާކޮށްފަ އެވެ.
މެސީގެ އިންސްޓަގްރަމް ފޮލޯވާސްގެ އަދަދަކީ 402 މިލިއަން އެވެ. އޭނާގެ އެކައުންޓަކީ މުޅި ދުނިޔެ އިން ވެސް އިންސްޓަގްރަމުގައި ދެ ވަނަ އަށް އެންމެ ގިނަ ބަޔަކު ފޮޓޯކުރާ އެކައުންޓެވެ. އެންމެ ގިނަ މީހުން ފޮލޯކުރަނީ، 519 މިލިއަން ފޮލޯވަރުން ލިބިފައިވާ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އެކައުންޓެވެ.
މެސީ އަކީ އެހެން ބައެއް ކުޅުންތެރިންނާ ބަލާއިރު ސޯޝަލް މީޑިއާގައި އެހާ އެކްޓިވް ކުޅުންތެރިއެއް ނޫނެވެ. އެކަމަކު ހާއްސަ ހާއްސަ ކާމިޔާބީތަކުގެ ފޮޓޯ އާއި ބައެއް އާއިލީ ފޮޓޯތައް އޭނާ އަޕްލޯޑްކުރެ އެވެ.
ފޭސްބުކްގެ ބެލެނެވެރި ކުންފުނި ކަމަށްވާ މެޓަ އިން ހިންގާ އިންސްޓަގްރަމް އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ އެވެ.