20 ޑިސެމްބަރ 2022 - 15:28

ލާމަރުކަޒީ ގާނޫނުގެ ދަށުން އއ. ތޮއްޑޫ ކައުންސިލުން އުފެއްދި ލޯކަލް އޮތޯރިޓީ ކުންފުނި އިއްޔެ ރަޖިސްޓްރީކޮށްދީފި އެވެ. މިއީ އެ ގާނޫނުގެ ދަށުން ކައުންސިލަކަށް ރަޖިސްޓްރީކޮށްދިން ފުރަތަމަ ކުންފުންޏެވެ.

މިދިޔަ އަހަރު އަމަލުކުރަން ފެށި ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ކައުންސިލްތަކުން ވިޔަފާރީގެ އުސޫލުން ހިދުމަތްތައް ދިނުމަށް، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ކުންފުނި ހިންގިދާނެ އެވެ.

ތޮއްޑޫ ކައުންސިލުން އުފެއްދި ކުންފުނީގެ ރަޖިސްޓްރީ ހަވާލުކުރުމަށް އިކޮނޮމިކް މިިނިސްޓްރީގައި އިއްޔެ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި ކުންފުނީގެ ރަޖިސްޓްރީ ކައުންސިލާ ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
ކުންފުނި ރަޖިސްޓްރީކޮށްދިނުމާ ގުޅިގެން ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް މިއަދު "މިހާރު" އަށް ވިދާޅުވީ، މި ކުންފުނި މެދުވެރިކޮށް އެ ރަށުގައި ކައުންސިލުން ދެމުން އަންނަ ބައެއް ހިދުމަތްތައް ވިޔަފާރި އުސޫލުން ދޭން ފެށުމާ އެކު ރަށަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ނަމަވެސް، އެ ކުންފުނިން ރަށުގައި އާންމުން ކުރާ ވިޔަފާރީތަކުގެ ތެރެއަށް ނުވަންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"އަޅުގަނޑުމެންގެ ރަށުގެ ހާލަތަށް ބަލާއިރު، ރަށުގެ އާންމު ވަރަށް ގިނަ ހިދުމަތްތައް އާންމުންގެ އިތުރުން ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުން އެބަ ބޭނުންކުރޭ. އެހެންވީމާ އަޅުގަނޑުމެންގެ ލޯކަލް އޮތޯރިޓީ ކޮމްޕެނީގެ އެއް ބަޔަކަށް އޮތީ މި ހިދުމަތްތައް ކޯޕަރޭޓް އުސޫލުން ދިނުމަށް،" އޭނާ ވިދާޅުވި އެވެ.
• ބަނދަރު ބަލަހައްޓައި ބަނދަރުގައި އެހެން ބައެއް ހިދުމަތްތައް ދިނުން
• ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުން
• މަގުތައް މަރާމާތުކުރުމުގެ ހިދުމަތް ދިނުން
• ގަސްގަހާގެހީގެ ނާސަރީއެއް ހިންގުން
• ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުން.
• ޓޫރިސްޓު ބީޗުތަކާއި ޕާކުތައް ބެލެހެއްޓުން
• ފައިބާ ނެޓްވޯކެއް ގާއިމްކުރުން
• ތޮއްޑޫގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ޑިޕާޓަމަންޓެއް އުފެއްދުން
• ކޮންވެންޝަން ސެންޓަރެއް ހެދުން
ކަރަމް ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ ބޯޑަށް މެމްބަރުން އައްޔަންކުރީ އާންމުކޮށް ހުޅުވާލައިގެން އިއުލާންކޮށްގެންނެވެ.
ލޯކަލް އޮތޯރިޓީ ކުންފުނި ހަދަން ވަރަށް ގިނަ ކައުންސިލުތަކުން ވަނީ އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން މިދިޔަ އަހަރު އެ މިިނިސްޓްރީން ވަނީ ކައުންސިލުތަކަށް ކުންފުނި ރަޖިސްޓްރީކޮށްދިނުމުގެ އުސޫލެއް ވެސް ހަދައި އާންމުކޮށްފަ އެވެ.